Roadha Mihaaru
ފްލައިދުބާއީއާއެކު، ގަން-ކޫއްޑޫ ދަތުރުތައް އިތުރުކުރަނީ

ފްލައި ދުބާއީއާއެކު، ގަން-ކޫއްޑޫގެ ދަތުރުތައް އިތުރު ކުރަނީ

25 ޑިސެމްބަރ 2022

ސ. ގަމުން ކޫއްޑު އަށް ކުރާ މޯލްޑިވިއަންގެ ދަތުރުތައް އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އިތުރުކުރުމަށް ނިންމާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ސ. ގަމުން ކޫއްޑު އަށް ކުރާ މޯލްޑިވިއަންގެ ދަތުރުތައް އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އިތުރުކުރުމަށް ނިންމާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނިން ބުނީ، އެ އެއާލައިނުން އެ ދަތުރުތައް އިތުރުކުރަން ނިންމީ ފްލައި ދުބާއީގެ ސީދާ ފްލައިޓުތަކެއް، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފެބްރުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާތީ އެ އެއާލައިނުން އަންނަ ޓޫރިސްޓުންނަށް ފަސޭހެއަކަށް ކަމަށެވެ. އެ އެއާލައިނުން މިހާރު ކުރަމުންދާ ދަތުރުތަކުގެ އިތުރުން ކޮންމެ ދުވަހަކު ވެސް ގަމުން ކޫއްޑު އަށް ފެބްރުއަރީން ފެށިގެން ފްލައިޓެއް ތާވަލު ކޮށްފައިވާނެ ކަމަށް ވެސް ބުންޏެވެ.

މޯލްޑިވިއަންއިން ކުރި ޓުވީޓު.

މޯލްޑިވިއަނުން ބުނީ އެކި ސަރަހައްދުތަކުގެ ޑިމާންޑަށް އަންނަ ބަދަލުތަކާ ގުޅިގެން އާއްމުންނާއި ޓޫރިސްޓުންނަށް ލުއިފަސޭހަކަން ފޯރުކޮށްދިނުމަކީ އެ އެއާލައިނުގެ ބޮޑު އަމަޒެއް ކަމަށެވެ. އެހެންވެ، ޑިމާންޑަށް އަންނަ ބަދަލުތަކަށް ބަލައި، ފްލައިޓުތައް އިތުރުކުރާނެ ކަމަށް ބުންޏެވެ.

ފްލައި ދުބާއީ އިން ގަމަށް ސީދާ ފްލައިޓްތައް ފަށަން ނިންމާފައި ވަނީ ފެބްރުއަރީ 4 ގަ އެވެ. އެއީ ދުބާއީ އިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ފްލައިޓުތައް ފަށާ ފުރަތަމަ އެއާލައިނެވެ.

ފްލައި ދުބާއީ އިން ބުނެފައި ވަނީ ކޮންމެ ހަފުތާއެއްގައި 28 ފްލައިޓު، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ތާވަލު ކޮށްފައިވާ ކަމަށެވެ.