Roadha Mihaaru
ވޯލްޑް ބޭންކުގެ ރިޕޯޓަށް ޔާމީންގެ ފާޑުކިޔުން!

ވޯލްޑް ބޭންކުގެ ރިޕޯޓަށް ޔާމީންގެ ރައްދު: އުސް އިމާރާތްތަކުގައި އުޅެން ޖެހޭނީ ވަކި ބައެއްތޯ؟

16 އޮކްޓޯބަރ 2022

ވޯލްޑް ބޭންކުން މި މަހު ނެރެފައިވާ "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައި ހިޔާ މަޝްރޫ އާ ގުޅޭ ގޮތުން ހިމަނާފައި ހުރި ވާހަކަތަކަށް އެ މަޝްރޫއު ހިންގެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާޑު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ވޯލްޑް ބޭންކުން މި މަހު ނެރެފައިވާ "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައި ހިޔާ މަޝްރޫ އާ ގުޅޭ ގޮތުން ހިމަނާފައި ހުރި ވާހަކަތަކަށް އެ މަޝްރޫއު ހިންގެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާޑު ވިދާޅުވެއްޖެ އެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައި ވަނީ 25 ބުރީގެ އުސް އިމާރާތްތަކަކީ ދިވެހިން އާންމުކޮށް ދިރިއުޅެމުން އަންނަ ފަދަ ތަންތަން ނޫން ކަމަށްވާތީ އެއީ ދިވެހިންގެ ވައްޓަފާޅިއާ ނުގުޅޭ ފްލެޓުތަކެއް ކަމަށެވެ. އަދި އެ ފްލެޓުގައި މީހުން ދިރިއުޅެން ފަށާފައިވާ 6،338 ފްލެޓު ތަކުގެ ތެރެއިން 2،345 ތަނުން ކުލި ނުދައްކާ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ޔާމީން ހއ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތުރާކުނުގައި ވާހަކަ ދައްކަވަމުން، އުސް އިމާރާތްތަކެއްގައި އުޅެން ޖެހެނީ ވަކި ގައުމެއްގެ ވަކި ބައެއްތޯ އެ މަނިކުފާނު ސުވާލު އުފެއްދެވި އެވެ.

ދިވެހިން އުޅެން ބޭނުންވާ ވައްޓަފާޅި އެނގޭނީ ދިވެހިންނަށް އެކަނި ކަމަށާއި ބޭރުން އަންނަ ބަޔަކަށް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ. ދިވެހި ދަރިން ވެސް އެޕާޓްމަންޓުތަކުގައި އުސް އިމާރާތްތަކުގައި އުޅެން ބޭނުންވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ހައްގު މިންވަރެއް ނޫންތޯ އެއީ. އަޅުގަނޑުމެން ވެސް އަޅުގަނޑުމެންގެ ދަރިން އެޕާޓްމަންޓުތަކުގައި ގެންގުޅެން ބޭނުންވާނެ ދެއްތޯ. އެހެންވެ އެއީ ކޮން ވައްޓަފާޅިއެއްގެ ވާހަކަ މި ދައްކަނީ،" ޔާމީން ވިދާާޅުވި އެވެ.

ހިޔާ ފްލެޓު އިމާރާތް ކުރަން ސަރުކާރުން ނަގާފައިވާ ލޯނު އަދާކުރަން ދަތިވާނެ ކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވާ ވާހަކަ ވެސް ޔާމީން ގަބޫލުފުޅެއް ނުކުރައްވަ އެވެ.

ޔާމީން ވިދާޅުވީ އެތަނުގައި ތިބި މީހުން އަތުން ކުލި ބަރާބަރަށް ނަގައިގެން ލޯނު އަދާ ކުރެވޭނެ ކަމަށެވެ. އަދި އެ މީހުން ކުލި ނުދޭން އުޅެނީ ކީއްވެތޯ ވިސްނާލަން ޖެހޭ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ރިސޯޓުތައް ހިންގާ ބޮޑެތި މަހުޖަނުން ސަރުކާރަށް ދައްކަން ޖެހޭ ޓެކްސް އާއި އެކިއެކި ފީތައް ނުދައްކާ އިރު އެއަށް ވުރެ އަސާސީ ހިދުމަތެއް ހޯދާ ބަޔަކު ކުލި ދައްކަން ޖެހޭ ސަބަބެއް އޮތްތޯ ޔާމީން ސުވާލު އުފެއްދެވި އެވެ.

"ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރެއް ފައިދާ ނަގާ ރިސޯޓު ހިންގާ މީހުން އެއް ބަޔަކު އެބަތިބި މީރާ އަށް ދައްކަންވާ ޓެކްސް ނުދައްކާ. އެއީކީ މައްސަލައެއް ނޫން ، އެކަމަކު ބޯހިޔާވަހިކަން ނެތިގެން އުޅޭ އެންމެ ނިކަމެތިން ފައިސާ ނުދެއްކީމާ މި ބުނަނީ މިއީ އިގްތިސާދީ ގޮތުން ދެކޮޅު ޖެއްސޭނެ ކަމެއް ނޫނޭ،" ޔާމީން ވިދާޅުވި އެވެ.

ހިޔާ މަޝްރޫއަކީ އިގްތިސާދީ ގޮތުން ދެކޮޅު ޖެއްސޭނެ މަޝްރޫއެއް ކަމަށާއި ދެކޮޅު ނުޖެހޭ އެއްވެސް ކަމެއް އެމަނިކުފާނުގެ ވެރިކަމުގައި ކުރައްވާފައި ނުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫތަކަށް އެކަށީގެންވާ ސަބްސިޑީއެއް ދޭން ޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި މި ސަރުކާރު ވެރިކަމާ ހަވާލުވެ ބިލިއަނެއްހާ ޑޮލަރު އެކި މީހުންނަށް ބަހައިލި ކަމަށާއި އެހެންވެ އެކަމަށް ހަރަދު ނުކުރައްވީ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.