Roadha Mihaaru
ޕީޕީއެމްގެ މެނިފެސްޓޯ: "އާމްދަނީ ދެ ގުނަ މައްޗަށް"

ޕީޕީއެމްގެ މެނިފެސްޓޯ: "އާމްދަނީ އާއި ދިރިއުޅުން ދެ ގުނަ މައްޗަށް"

19 ސެޕްޓެމްބަރ 2018

ރޭ އިއުލާންކުރި ޕީޕީއެމްގެ މެނިފެސްޓޯއަކީ އާންމު ދިރިއުޅުމާއި ލިބޭ އާމްދަނީ ދެގުނަ މައްޗަށް ޖައްސައިދޭނެ މެނިފެސްޓޯއެއް ކަމަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރޭ އިއުލާންކުރި ޕީޕީއެމްގެ މެނިފެސްޓޯއަކީ އާންމު ދިރިއުޅުމާއި ލިބޭ އާމްދަނީ ދެގުނަ މައްޗަށް ޖައްސައިދޭނެ މެނިފެސްޓޯއެއް ކަމަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ވަރަށް ގިނަ ސަޕޯޓަރުންނާ އެކު މާފަންނު ސްޓޭޑިއަމްގައި ރޭ ބޭއްވި ޖަލްސާގައި އެ މެނިފެސްޓޯ އިފްތިތާހު ކޮށްދެއްވުމަށް ފަހު ރައީސް ޔާމީން ވިދާޅުވީ އެއީ އުންމީދުން ފުރިގެންވާ މެނިފެސްޓޯއެއް ކަމަށެވެ. އަދި އެއީ 2013 ގެ އިންތިހާބުގައި ހުށަހެޅުއްވި މެނިފެސްޓޯގެ ދެވަނަ ބައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި މެނިފެސްޓޯއަކީ މިހާރު އަޅުގަނޑުމެން މިތިބަ ހާލަތުން ދެގުނަ މައްޗަށް އުފުލާނެ މެނިފެސްޓޯއެއް. އަޅުގަނޑުމެންގެ މިއަދުގެ އާމްދަނީއަކީ 10،000 އެމެރިކާ ޑޮލަރު ކަމަށް ވަންޏާ މި މެނިފެސްޓޯ އަޅުގަނޑުމެން 20،000 އެމެރިކާ ޑޮލަރަށް ޖައްސާލާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

މެނިފެސްޓޯގެ ހުލާސާ

* އެންމެ މުގައްދަސް ކަންކަން ހިމާޔަތްކޮށްފައިވާނެ

* ދުނިޔޭގެ ތަރައްގީގެ މަގުގައި ހިނގުން

* އިގްތިސާދުގައި ރައްޔިތުން ބިނާކުރުން

* ރާއްޖެ އައިޓީގެ ދާއިރާއިން ދުނިޔޭގެ ގައުމުތަކާ ވާދަ ކުރުން

* ޒުވާނުން ބޭނުންވާ ހުރިހާ ހުނަރެއް ހޯދައިދިނުން

ހިދުމަތްތައް ހޯދަން އެދި މުޒާހަރާ ކުރަން ނުޖެހޭ ކަމަށާއި ހާލަތު އެނގިވަޑައިގެން ކަންކަން ހައްލު ކޮށްދެއްވަމުން އަންނަ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި މުޒާހަރާ ކުރަނީ ހިދުމަތް ކުރުމުގެ ފުރުސަތު ލިބި އެކަން ނުކޮށްދެވުނު ބަޔަކު އެކަން ފޮރުވަން ކަމަށް ވެސް ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ އޮފީސް ކައިރިއަށް ޕެޓިޝަނެއް ހަދައިގެން އަންނާކަށް ނުޖެހޭ މީހުންގެ ހާލަތު ކިޔައިދޭކަށް. ރައީސް ޔާމީނަށް އެނގޭ އެ މީހުންގެ ހާލަތު. ރައީސް ޔާމީނަށް އެނގޭ އެއީ ދިވެހި ރައްޔިތުންކަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ޒުވާނުން ބޭނުންވާ ކަންކަން ރައީސް ޔާމީން ފުއްދަވައިދެއްވާފައިވާ ކަން ޒުވާނުން ގަބޫލް ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ލޯބިވެރިންނާ އެކު އުޅުމަށް މިއަދު ޒުވާނުން ބޭނުން ވަނީ ވަޒީފާ ކަމަށްވާއިރު އެކަންކަން ކޮށްދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.

އަދި ކުރިއަށް އޮތްތަނުގައި ހުޅުމާލޭގެ ދެވަނަ ފޭސް އާއި ވިލިމާލެ ތަރައްގީކޮށް ތިން ލައްކަ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމުގެ ވައުދު ތަކުރާރުކޮށް ވެވަޑައިގެންނެވި އެވެ.

އެމަނިކުފާނު ގެންދަވަނީ ދިވެހިންގެ ބޭނުންތައް ފުއްދައިދެމުން ކަމަށާއި އަންނަ ހަފްތާގައި ބާއްވާ ރިޔާސީ އިންތިހާބުން އެކަމުގެ ބަދަލު ދެއްވުމަށް ރައީސް ޔާމީން ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ.