Roadha Mihaaru
ދަރިންގެ ޓިއުޝަންފީ: ބައްޕަ ދޭންޖެހޭ ހަރަދެއް ނޫން؟

ދަރިންގެ ޓިއުޝަން ފީ: ބައްޕަގެ އަތުން ނަގައިދެވޭ ހަރަދެއް ނޫން؟

19 އޮކްޓޯބަރ 2022

ޓިއުޝަނަކީ ގިނަ ކުދިންގެ ކިޔެވުމުގެ ބައެކެވެ. ބައެއް މައިންބަފައިން އެ ކަމަށްޓަކައި ބޮޑު ހޭދައެއް ކޮންމެ މަހަކު ކުރަނީ އެއީ ތައުލީމު ހާސިލު ކުރުމުގެ ބައެއް ކަމުގައި ދެކިގެންނެވެ. ނަމަވެސް ދަރިންގެ ހަރަދު ނަގައި ދިނުމުގައި ޓިއުޝަން ފީއަކީ ކިޔެވުމުގެ ހަރަދެއް ކަމަށް ނުބަލަ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓިއުޝަނަކީ ގިނަ ކުދިންގެ ކިޔެވުމުގެ ބައެކެވެ. ބައެއް މައިންބަފައިން އެ ކަމަށްޓަކައި ބޮޑު ހޭދައެއް ކޮންމެ މަހަކު ކުރަނީ އެއީ ތައުލީމު ހާސިލު ކުރުމުގެ ބައެއް ކަމުގައި ދެކިގެންނެވެ. ނަމަވެސް ދަރިންގެ ހަރަދު ނަގައި ދިނުމުގައި ޓިއުޝަން ފީއަކީ ކިޔެވުމުގެ ހަރަދެއް ކަމަށް ނުބަލަ އެވެ.

އާއިލާއާ ބެހޭ ގަވާއިދުގައި ދަރިންގެ ހަރަދުގެ ގޮތުގައި މަހަކު ދޭންޖެހޭ 2،000ރ. އިތުރުން އެހެނިހެން ހަރަދުގެ ގޮތުގައި ދަރިންނަށް ބައްޕަ ދޭންޖެހޭ އެހެނިހެން ހަރަދުތަކެއް ހިމެނިފައިވެ އެވެ. އެއީ އަންނައުނާއި ތިން ހެދުމާއި ކިޔަވައި ދިނުމުގެ ހަރަދާޢި ބޭސްފަރުވާގެ ހަރަދެވެ.

ކިޔަވައިދިނުމުގެ ހަރަދުގެ ތެރޭގައި ގަވާއިދުގައި ހިމަނާފައި ވަނީ ޔުނިފޯމާއި ބޫޓާއި ފޮތް ފަންސުރު ފަދަ އެހެނިހެން ތަކެއްޗެވެ. ޓިއުޝަން ފީ ހިމެނިފައެއް ނެތެވެ. އެކަމަކު ކޮންމެހެން ޖެހިއްޖެ ނަމަ، އެ ކަމަށް އިތުރު ހަރަދެއް ނަގައިދެވިދާނެ ކަމަށް އޮވެ އެވެ.

ޓިއުޝަން ފީ ނަގައިދެވޭނީ ހާއްސަ ހާލަތުތަކުގައި

މިފަދަ މައްސަލައެއްގައި މިދިޔަ އޮގަސްޓް މަހު ހައި ކޯޓުން ނިންމާފައިވަނީ ޓިއުޝަން ފީގެ ހަރަދު ބައްޕަގެ އަތުން ނަގައިދެވޭނީ ޓިއުޝަނަކީ އެ ކުއްޖެއްގެ ކިބައިގައި ހުރި ހާއްސަ ހާލަތެއްގެ ސަބަބުން ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވެގެން އެކަނި ކަމަށެވެ.

"ކުއްޖާގެ ކިބައިގައި ހުރި ހާއްސަ ހާލަތެއްގެ ސަބަބުން ޓިއުޝަނަށް ފޮނުވައިގެން ނުވަތަ ވަކި ކުލާހަކަށް ނުވަތަ. ސެންޓަރަކަށް ނުވަތަ ވަކި ތަނަކަށް ފޮނުވައިގެން ނޫނީ ކިޔަަވައިދެވެން ނެތް ނަމަ، އަދި އެކަން ޟަރޫރީ ހާލަތަކަށް ވެފައި އެކަން ކޯޓުގައި ސާބިތުކޮށް ދެވިއްޖެ ނަމަ، އެ ޚަރަދު ކޯޓުން ނަގައިދެވިދާނެ އެވެ،" ހުކުމުގައިވެ އެވެ.

ނަމަވެސް އެ ގޮތަށް ޓިއުޝަން ފީގެ ގޮތުގައި ފައިސާ ނަގައި ދިނުމުގައި ބައްޕަގެ މާލީ ތަނަވަސްކަމާއި ފުދުންތެރިކަމަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ހުކުމުގައި ވެ އެވެ.

"އެފަދަ ޚަރަދު ކޯޓުން ނަގައިދެވޭނީ ކުއްޖާގެ ބައްޕައަކީ އޭނާގެ އަމިއްލަ ނަފްސަށާއި އޭނާ ޚަރަދުކުރަންޖެހޭ އެހެން ކުދިން/ބަޔަކު ތިބި ނަމަ، އެ މީހުންނަށް ކުރަންޖެހޭ ޚަރަދުތައް ކުރުމާ އެކު، އެފަދަ ޚަރަދުތައް ކުރެވޭނެ ވަރުގެ ތަނަވަސްކަން ހުރި މީހަކު ކަމުގައި ސާބިތުވާ ހާލަތުގަ އެވެ،" ހުކުމުގައި ބަޔާންކުރެ އެވެ.

މާ ކުރީގެ ގަވާއިދެއް: އަހަރަކަށް ދެ ޔުނިފޯމާއި ބޫޓެއް

އާއިލާއާ ބެހޭ ގަވާއިދުގައި ހުރި ދަރިންގެ ހަރަދާ ބެހޭ ބައިތަކަކީ މީގެ 21 އަހަރު ކުރިން 2001 ވަނަ އަހަރު ހެދި ގަވާއިދުގައި ހިމެނި ކަންކަމެކެވެ. ފަހުން 2014 ވަނަ އަހަރު، ދަރިންގެ ހަރަދަށް މަހަކު ދޭންޖެހޭ އަދަދު 2،000ރ. އަށް ބޮޑުކުރި އެވެ.

ކުރީގެ ގަވާއިދު އުވައިލުމަށް ފަހު މިދިޔަ ޖޫން މަހު އާ ގަވާއިދެއް ނެރުނުއިރު ވެސް، ދަރިންނަށް ދޭންޖެހޭ އިތުރު ހަރަދުގެ ބަޔަކަށް ބަދަލެއް ނާދެ އެވެ. ކުރިން ވެސް އޮތްގޮތަށް، ގަވާއިދުގައި މިހާރު ވެސް އޮތީ އަހަރަކަށް ތިން ހެދުމާއި ކިޔެވުމުގެ ހަރަދަށް އަހަރަކަށް ދެ ޔުނިފޯމާއި އެއް ބޫޓާއި ސްކޫލަށް ބޭނުންވާ ފޮތް ފަންސުރު ފަދަ ތަކެއްޗެވެ.

ހައި ކޯޓު --- ފޮޓޯ/މިހާރު

ހައި ކޯޓު --- ފޮޓޯ/މިހާރު

އިތުރަށް ދޭންޖެހެނީ ސަރުކާރުގެ ސިއްހީ ހިދުމަތް ދޭ ތަންތަނުން ހިދުމަތް ދޭ ރޭޓުން ބޭސްފަރުވާގެ ހަރަދެވެ.

ކުރިން ފޮތް ފަންސުރަކީ މައިންބަފައިން ހޯދައިދޭންޖެހޭ އެއްޗެއްގެ ގޮތުގައި އޮތަސް، ދައުލަތުން އެ ތަކެތި މިހާރުކޮށް ދެ އެވެ. އެހެންވުމުން ގަވާއިދު ބުނާގޮތުން ކިޔެވުމަށްޓަކައި މިހާރު ބައްޕަ ދޭންޖެހޭ ހަމައެކަނި އެއްޗަކީ އަހަރަކު ދެ ޔުނިފޯމާއި އެއް ބޫޓެވެ.

ކުރިން ބޭސްފަރުވާގެ ހަރަދު އަމިއްލަ އަށް ކުރަން ޖެހުނަސް، މިހާރު ގިނަ ހަރަދުތައް އާސަންދައިގެ ދަށުން ދައުލަތުން ދެ އެވެ. އެހެންވެ، ބައްޕަގެ ޒިންމާ މިކަމުގައި އޮތީ ކިހާ ހިސާބަކުން ކަން އެ ގަވާއިދަކުން ސާފެއް ނުވެ އެވެ.

ގަވާއިދުގައި ނެތް އެއްޗެއް ނަގައިދެވޭނީ ބައްޕަ ރުހޭ ނަމަ

ގަވާއިދުގައި ހުރި ކަންކަމާ މެދު ހައި ކޯޓުގައި ވެސް ކޮންމެވެސް ވަރަކަށް ބަހުސް ކުރެވުނެވެ.

ނަމަވެސް ހައި ކޯޓުގެ ހުކުމުގައި ވަނީ ކުރިން ބަޔާން ކުރި ފަދަ ހާއްސަ ހާލަތެއް ކުއްޖާ އަށް ކުރިމަތިވެފައި ނެތީސް، އެ ގަވާއިދުގެ ބޭރުން ޓިއުޝަން ފީ އާއި އެ ނޫން ވެސް ކިޔެވުމުގެ ހަރަދެއް ނަގައިދެވޭނީ ބައްޕަ އެކަމަށް އެއްބަސްވާ ނަމަ ކަމަށެވެ.

"މިކަންކަން މިފަދައިން ސާބިތުކޮށް ނުދެވޭ ނަމަ، ބައްޕަގެ ރުހުން ނެތި އެ ގާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް ކުދިންގެ ޚަރަދުގެ ގޮތުގައި ނަގައި ދެވިދާނެ ކަމަކަށް ނުފެނެ އެވެ،" ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.

"އެހެން ގޮތަކަށް ކޯޓުތަކުން ޚަރަދު ނަގައިދޭން ކަނޑައެޅޭނީ ޚަރަދު ދޭ ފަރާތުން އެކަމަށް ރުހޭނަމަ އެވެ."

ކުޑަކުދިންނަށް ތައުލީމުގައި މައިންބަފައިންނަށް އޮތް ބޮޑު ޒިންމާ މިހާރު އޮތް ގާނޫނުތަކުން އެހާމެ ބޮޑެވެ. އެކަމަކު ކިޔެވުމުގެ ހަރަދުގައި އަދިވެސް ބަލަން ޖެހެނީ ޒަމާނާ ނުގުޅޭ އުސޫލުތަކަކަށެވެ. އެކަމަކު ހުކުމުގައިވާ ގޮތުން، އެކަމަށް އޮތް ހައްލަކީ އާއިލާއާ ބެހޭ ގަވާއިދު އިސްލާހު ކުރުމެވެ.

"މިހާރު ޚަރަދު ދިނުމުގައި އަމަލުކުރުމަށް އޮތް ގަވާއިދަކީ ޒަމާނަށް ނުފެތޭ ނުވަތަ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި ތައުލީމުގެ ގާނޫނުގެ ދަށުން ކަށަވަރުކޮށް ދެވިފައިވާ އުނގެނުމުގެ ހައްގަށް ހުރަސް އަޅާ ގޮތަކަށް އޮތް ގަވާއިދެއް ނަމަ، މިއީ ކަމާބެހޭ އިދާރާތަކުން އެކަމަށް ސަމާލުކަން ދޭންޖެހޭ ކަމެއް،" ހުކުމުގައި ބުނެފައިވެ އެވެ.

ކުދިން ތައުލީމު ހާސިލް ކުރުމާއި އެ ނޫނަސް މިފަދަ އެތައް ކަމެއް ބަދަލުވެއްޖެ އެވެ. ނަމަވެސް މާ ކުރީގެ ޒަމާނެއްގައި ހެދި ގަވާއިދެއްގެ ދަށުން މިފަދަ ހަރަދުތައް ނަގައިދޭން ޖެހުމުން ދެން ކުރިމަތިވާ މައްސަލަތައް ވެސް ބޮޑެވެ.