Roadha Mihaaru

ދަރިންގެ ހަރަދު ހޯދުމުގައި އާ ނިޒާމަކަށް ދާންޖެހޭ

ދަރިންގެ ހަރަދު ނަގައި ދިނުމުގެ މައްސަލައަކީ ރާއްޖޭގައި އަބަދުވެސް ޝަކުވާ ބޮޑު މައްސަލައެކެވެ. އެއްކޮޅުން ދަރިންގެ ހަރަދުގެ ގޮތުގައި ނަގައިދޭ އަދަދު އެކަށީގެން ނުވާ ކަމުގެ ފާޑުކިޔުން އޮންނައިރު، އަނެއްކޮޅުން ހަރަދު ހޯދުމަށް އުފުލަންޖެހޭ ތަކުލީފުތަކުގެ ޝަކުވާ ވެސް ވަކި ކުޑައެއް ނޫނެވެ. މިއީ ކޯޓުތަކުގެ ހިންގުން އެކަނި ހަލުވި ކޮށްގެން ހައްލު ކުރެވޭ ވަރަށް ވުރެ ބޮޑު އަދި ނިޒާމު އޮތްގޮތުން ހައްލު ހޯދަން އުނދަގޫ މައްސަލަ އެކެވެ.

ދަރިންގެ ހަރަދު ހޯދުމުގައި އާ ނިޒާމަކަށް ދާންޖެހޭ
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

04 ޑިސެމްބަރ 2024

ދަރިންގެ ހަރަދު ނަގައި ދިނުމުގެ މައްސަލައަކީ ރާއްޖޭގައި އަބަދުވެސް ޝަކުވާ ބޮޑު މައްސަލައެކެވެ. އެއްކޮޅުން ދަރިންގެ ހަރަދުގެ ގޮތުގައި ނަގައިދޭ އަދަދު އެކަށީގެން ނުވާ ކަމުގެ ފާޑުކިޔުން އޮންނައިރު، އަނެއްކޮޅުން ހަރަދު ހޯދުމަށް އުފުލަންޖެހޭ ތަކުލީފުތަކުގެ ޝަކުވާ ވެސް ވަކި ކުޑައެއް ނޫނެވެ. މިއީ ކޯޓުތަކުގެ ހިންގުން އެކަނި ހަލުވި ކޮށްގެން ހައްލު ކުރެވޭ ވަރަށް ވުރެ ބޮޑު އަދި ނިޒާމު އޮތްގޮތުން ހައްލު ހޯދަން އުނދަގޫ މައްސަލަ އެކެވެ.

ދަރިންނަށް ހަރަދު ނަގައި ދިނުމުގެ ގަވާއިދުތައް މިހާރު އޮންނަ ގޮތުން މިހާރު ނަގައިދެނީ އެންމެ ކުއްޖެއް ހުރި ނަމަ މަހަކު 2،000ރ. އާއި އެއް ކުއްޖަކަށް ވުރެ ގިނަވެއްޖެ ނަމަ ކޮންމެ ކުއްޖަކަށް މަހަކު 1،000ރ. ގެ ރޭޓުންނެވެ. ކުއްޖާގެ ބައްޕަގެ ތަނަވަސްކަން ހުރި ނަމަ ނުވަތަ ކުއްޖާ އަށް އިތުރު ހަރަދުތަކެއް ކުރަންޖެހޭ ނަމަ އެ އަށް ވުރެ އިތުރަށް ހަރަދު ނަގައި ދެވޭނެ ކަމަށް ގަވާއިދުގައިވެ އެވެ. ނަމަވެސް އިތުރަށް ހަރަދު ނަގައިދެވޭނީ އެކަންކަން ކޯޓުގައި ސާބިތު ކޮށްދީގެންނެވެ.

މި އަދަދުތައް މުރާޖައާ ކުރަން ދާދި ފަހުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު، މިއީ ހިޔާލު ތަފާތުވުން ބޮޑު މައްސަލަ އެކެވެ. ދިރިއުޅުމުގެ ހަރަދުތަކާއި މުދަލާއި ތަކެތީގެ އަގު ބޮޑުވަމުންދާއިރު، މި ޒަމާނުގައި ކުއްޖަކަށް ދަރިންގެ ހަރަދުގެ ގޮތުގައި މަހަކު ދޭ 1،000ރ. އަކީ ބޭހަކަށް ނުވެ އެވެ. ނަމަވެސް އަނެއްކޮޅުން ބައްޕައިން އެހެން ދިރިއުޅުމެއް ފަށައިގެން އުޅޭތީ އެކަމަށް ކުރަންޖެހޭ ހަރަދުތައް ގުރުބާން ކުރަން ޖެހުމަކީ ވެސް އެ މީހުންގެ ނަޒަރުގައި އެ މީހުންނާ މެދު ވެވޭ ބޭ އިންސާފެކެވެ.

ދަރިންގެ ހަރަދުގެ ގޮތުގައި ނަގައިދޭ އަދަދަކީ އެންމެ އެކަށީގެންވާ އަދަދެއް ނޫން ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. އެކަމަކު، ހަރަދުގެ މިންވަރު ގާނޫނަކުން ނުވަތަ ގަވާއިދަކުން ބޮޑު ކުރުމަކީ މިކަމަށް އޮތް ހަމައެކަނި ހައްލު ކަމާ މެދު ސުވާލު އުފެދެ އެވެ. އޭގެ މައިގަނޑު ސަބަބަކީ ނިޒާމު މިވަގުތު އޮތްގޮތުން ދަރިން ހަރަދުގެ ގޮތުގައި ލިބޭ އަދަދަށް ވުރެ އެ ހަރަދު ހޯދަން އުފުލަންޖެހޭ ތަކުލީފު ބޮޑުވުމެވެ. މިއީ އެތައް ޒަމާނެއްވީއިރު ވެސް ހައްލު ނުވި ބޮޑު މައްސަލަ އެކެވެ.

"ކޮންމެހެން ބޭނުންވާ އަސާސީ ބައެއް ކަންކަން ދައުލަތުން ފޯރުކޮށް ދިނުމަށްފަހު ދައުލަތުން، އެ ހަރަދު ދޭންޖެހޭ މީހެއްގެ ފަހަތުން ދިއުން އެއީ ވެސް ކުރެވިދާނެ ކަމެކެވެ."

ދަރިންގެ ހަރަދު ނުދެއްކުމަކީ މިހާރު ވެސް ހަރުކަށި ފިޔަވަޅު އެޅޭ ކަމެކެވެ. އެކައުންޓް ފްރީޒް ކޮށްގެން ފައިސާ އަތުލުމާއި ފުރުން މަނާކުރުމާއި މުސާރައިން އުނިކުރަން އެންގުމުގެ އިތުރުން އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން ގޭ ބަންދާއި ޖަލު ހުކުމްތައް ވެސް އިއްވޭ ކަމެކެވެ. ދާދި ފަހުން ވެސް އެފަދަ މައްސަލައެއްގައި މީހަކު ޖަލަށްލާން ރަށެއްގެ ކޯޓަކުން ހުކުމްކުރި އެވެ. އެކަމަކު، ހަރުކަށި ފިޔަވަޅު އެޅި ނަމަވެސް ނިޒާމުގެ ތެރެއިން ކޮންމެވެސް ބަހަނާއެއް ހޯދައިގެން އުޅޭ މީހުން އަދިވެސް މަދެއް ނޫނެވެ.

އަނެއްކޮޅުން ޖަލަށްލުމާއި ގޭ ބަންދު ފަދަ އަދަބުތަކަކީ ވެސް މުޅިއަކުން ހައްލެއް ނޫނެވެ. ސަބަބަކީ ޖަލަށްލި ނަމަވެސް ހަރަދުގެ ފައިސާ ލިބުން އިތުރަށް ލަސްވުން ނޫން ކަމެއް އޭގެ ސަބަބުން ނުނިކުންނާތީ އެވެ. ޖަލަށްލުން ފަދަ އެފަދަ ފިޔަވަޅުތަކުގެ ސަބަބުން ވަޒީފާ ގެއްލި، އާމްދަނީ އަށް ހުރަސް އެޅުމުން އިތުރު އިޖްތިމާއީ މައްސަލަތަކެއް ވެސް ނުކުމެވެ. ނަތީޖާއަކަށް ވަނީ އާހިރުގައި ހުރިހާ ގެއްލުމެއް ނުސީދާ ގޮތުން ކުދިންނަށް ލިބުމެވެ.

ފެމިލީ ކޯޓް --- ފޮޓޯ/މިހާރު

ފެމިލީ ކޯޓް --- ފޮޓޯ/މިހާރު

ދަރިންގެ ހަރަދު ގޮތުގައި ކޯޓުން ނަގައިދޭ ފައިސާ ނުދައްކާ ކޮންމެ ފަހަރަކު ކޯޓަށް ދާން ޖެހުމަކީ ގިނަ މީހުންގެ ޝަކުވާ އެވެ. ދަރިންނަށް އުމުރާއި މާހައުލަށް އަންނަ ބަދަލުގެ ސަބަބުން އިތުރު ހަރަދެއް ކުރަން ޖެހުނަސް، ބައްޕަ އެއްބަސްނުވާ ހާލަތުގައި އިތުރު ހަރަދެއް ނަގައިދޭން އަނެއްކާވެސް ކޯޓަށް ދާން ޖެހުމަކީ ވެސް ގިނަ މަންމައިންގެ ކަންބޮޑުވުމެވެ. ނަމަވެސް ނިޒާމު އޮތްގޮތުން އެ ނޫން ގޮތަކަށް ބައްޕަގެ ނުރުހުމުގައި ފައިސާ އަތުލެވޭނެ ގޮތެއް ނެތެވެ.

"ދޮން ބައްޕައަށް ވެސް މާލީ ޒިންމާއެއް އޮންނަ ގޮތަށް ލާޒިމް ކުރުވުން އެއީ ވެސް ބައެއް ގައުމުތަކުގެ ގާނޫނުތަކުގައި އޮންނަ ގޮތެކެވެ."

ގަވާއިދުން ހަރަދު ކުރާކަން ކަށަވަރު ކުރުމަށްޓަކައި މިހާތަނަށް އޮންނަ އުސޫލަކީ ދަރިންގެ ހަރަދު ކޮންމެ މަހަކު ކޯޓަށް ދައްކަން އެންގުމެވެ. އޭރުން ކޯޓުން އެ ފައިސާ މަންމައިންނަށް ކޮންމެ މަހަކު ދޫކުރެ އެވެ. ނަމަވެސް މިގޮތަށް ކޯޓަށް ޖަމާކުރާ ފައިސާތައް ވަންނަނީ ދައުލަތުގެ ޕަބްލިކް އެކައުންޓްތަކަށް ކަމަށް ވާތީ ދައުލަތުގެ މާލިއްޔަތު ގަވާއިދުތައް ހުންނަ ގޮތުން އެ ފައިސާ ދޫކުރުމުގައި ބައެއް ފަހަރު ލަސްވެ އެވެ. އެހެންވެ، ކޯޓު މެދުވެރިނުކޮށް ބައެއް މީހުން ދަރިންގެ ހަރަދުގެ ފައިސާ ދޭ ގޮތަށް ހަދަ އެވެ.

އެކަމަކު، ކޯޓު މެދުވެރިނުކޮށް ހަރަދު ދޭން އެއްބަސްވުމަށް ފަހު ވަކި ހިސާބަކުން ހަރަދު ދިނުން ހުއްޓާލައިފި ނަމަ މައިންނަށް އަނެއްކާވެސް ޖެހެނީ ކޯޓަށް ދާށެވެ. ގިނަ ބަޔަކު އުފުލަންޖެހޭ ތަކުލީފަކީ މިއީ އެވެ. އެފަދަ ކޮންމެ ހާލަތެއްގައި، ކޯޓުތަކުން ވަގުތުން ވަގުތަށް ފިޔަވަޅު އެޅޭ ވަރަށް ވުރެ ކޯޓުތަކުގައި މައްސަލަތައް ގިނަ އެވެ. އެހެންވެ، މިކަމަށް އޮތް އެންމެ ބޮޑު ހައްލަކީ ހަރަދު ނުދައްކާ ނަމަ އެހެން ނިޒާމެއްގެ ތެރެއިން ހަރަދު ހޯދޭނެ މަގު ތަނަވަސްކޮށް ދިނުމެވެ.

"ބައެއް މީހުން ކޯޓަށް ދާން އެބަ ޖެހިލުންވޭ އަޅާ ފިޔަވަޅެއްގެ ސަބަބުން އިތުރަށް މަސްލަހަތު ގެއްލިދާނެތީ ބިރުން."

ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުން ހަރަދު ނަގައި ދިނުމާއި އަދި ހަރަދު ނުދައްކާ މީހުންގެ އަތުން ފައިސާ ހޯދުމުގައި މިހާރު އޮންނަ ނިޒާމު އެހާ ފުރިހަމައެއް ނޫނެވެ. ކޮންމެ ފަހަރަކު ކޯޓަށް ދާން ޖެހޭ ގޮތަށް އޮންނަ ނިޒާމު ބަދަލުކޮށް، ދައުލަތުން މެދުވެރިއެއްގެ ރޯލު އަދާކުރެވިދާނެ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

"ކޯޓަށް ސާބިތުވެ، ހަރަދު ނުދައްކާ ނަމަ ކުދިންގެ މަންމަގެ ފަރާތުން އެކަން ކުރަން ކޯޓަށް ދުވުމުގެ ބަދަލުގައި ކުދިންނަށް ކޮންމެހެން ބޭނުންވާ އަސާސީ ބައެއް ކަންކަން ދައުލަތުން ފޯރުކޮށް ދިނުމަށް ފަހު ދައުލަތުން، އެ ހަރަދު ދޭންޖެހޭ މީހެއްގެ ފަހަތުން ދިއުން އެއީ ވެސް ކުރެވިދާނެ ކަމެކެވެ،" ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އޭނާގެ ބްލޮގްގައި ލިޔުއްވާފައިވެ އެވެ.

އޭނާ ލިޔުއްވާފައިވާ ގޮތުން ބައްޕަގެ އިތުރުން ދޮންބައްޕައިންގެ މައްޗަށް ވެސް މިކަމުގައި ޒިންމާތަކެއް މަތި ކުރުމަކީ ގާނޫނަކުން ކުރެވިދާނެ ކަމެކެވެ. އާއިލާއާ ބެހޭ ގާނޫނު މިހާރު އޮތީ އެންމެ ފުރިހަމަ ގޮތަކަށް ނޫން ކަމަށް ސަމީރު ދެކެވަޑައިގަންނަވަ އެވެ.

"ކުއްޖާގެ މަންމައާ ކައިވެނި ކޮށްގެން އުޅޭ ނަމަ ކުއްޖާގެ މައްޗަށް ދޮންބައްޕަ އަށް ވެސް މާލީ ޒިންމާއެއް އޮންނަ ގޮތަށް ލާޒިމް ކުރުވުން އެއީ ވެސް ބައެއް ގައުމުތަކުގެ ގާނޫނުތަކުގައި އޮންނަ ގޮތެކެވެ،" ހައި ކޯޓުގައި ގިނަ އާއިލީ މައްސަލަތަކެއް ވެސް ބެއްލެވި ސަމީރު ވިދާޅުވި އެވެ.

ގާނޫނީ އެހެން ބައެއް ބޭފުޅުން ވެސް އެކަމަށް އެއްބަސްވެ ވަޑައިގަންނަވަ އެވެ. އެ ބޭފުޅުން ވިދާޅުވި ގޮތުގައި ހަރުކަށި ފިޔަވަޅު އެޅުމަށް ވުރެ، ކޯޓުތަކާ ވަކިން ހިނގާނެ އެހެން ނިޒާމެއް ދައުލަތުގެ ތެރެއިން އެކަމަށް ވަރަށް މުހިންމެވެ.

"މުހިންމު ވަނީ އަދަބެއް ދިނުމެއް ނޫން. ބޭނުމަކީ ގަވާއިދުން ހަރަދު ކުރުވަން ލާޒިމްކުރުން. ބައެއް މީހުން ކޯޓަށް ދާން އެބަ ޖެހިލުންވޭ އަޅާ ފިޔަވަޅެއްގެ ސަބަބުން އިތުރަށް މަސްލަހަތު ގެއްލިދާނެތީ ބިރުން. އެހެންވީމަ ކޯޓުން ބޭރުން މިކަމަށް ނިޒާމެއް އޮތުން މަސްލަހަތު އޮތްގޮތަކީ،" އެހެން ވަކީލަކު ވިދާޅުވި އެވެ.

ދަރިންގެ ހަރަދުގެ ގޮތުގައި ނަގައިދޭ އަދަދު ބޮޑު ކުރުމަކީ މުޅި މައްސަލައިގެ ހައްލެއް ނޫނެވެ. އޭގެ ބަދަލުގައި އެ އަދަދުތައް މުރާޖައާ ކުރުމާ އެކު ހަރަދު ހޯދުމުގައި ކޮންމެ ފަހަރަކު އުފުލަންޖެހޭ ތަކުލީފުތައް ކުޑަ ކުރުމަށްޓަކައި ކޯޓުތަކާ ވަކިން ދައުލަތުގެ އެހެން ނިޒާމެއް އޮތުން މުހިންމެވެ.