ފެމިލީ ކޯޓުން ތަންފީޒު ކުރަންޖެހޭ ގާނޫނު އޮތް ގޮތުން ދަރިންގެ ހަރަދުތައް ހަމަޖެއްސުމުގެ ޒިންމާވާން ޖެހެނީ ހަމައެކަނި ބައްޕައިން ނޫން ކަމަށާއި އެއީ މައިންބަފައިންގެ ޒިންމާއެއް ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.
20 ފެބުރުއަރީ 2025
ފެމިލީ ކޯޓުން ތަންފީޒު ކުރަންޖެހޭ ގާނޫނު އޮތް ގޮތުން ދަރިންގެ ހަރަދުތައް ހަމަޖެއްސުމުގެ ޒިންމާވާން ޖެހެނީ ހަމައެކަނި ބައްޕައިން ނޫން ކަމަށާއި އެއީ މައިންބަފައިންގެ ޒިންމާއެއް ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީގައި ފެމިލީ ކޯޓުގެ ފަރާތުން ވާހަކަ ދެއްކެވި ލީގަލް އޮފިސަރު އަހުމަދު މައުސޫމް އިއްޔެ ވިދާޅުވީ، އެއީ ގާނޫނުތައް ތަންފީޒު ކުރަން ޖެހޭ ކޯޓެއް ކަމަށާއި އާއިލާއާ ބެހޭ ގާނޫނާއި އިޖުރާއަތުގެ ގާނޫނުގެ އިތުރުން ކުޑަކުދިންގެ ހައްގުތަކާ ބެހޭ ގާނޫނު ވެސް ތަންފީޒު ކުރަން ޖެހޭ ކަމަށެވެ.
ދަރިންގެ ހަރަދުތައް ބައްޕައިންގެ އަތުން ނަގަން ކޯޓުން ހުކުމް ކުރަނީ އާއިލާއާ ބެހޭ ގާނޫނަށް ރިއާޔަތްކޮށެވެ. އެ ގާނޫނުގައި އެކަމާ ގުޅޭ އިޖުއާރަތްތައް ބަޔާންކޮށްފައިވެ އެވެ. ނަމަވެސް، އެ ގާނޫނަށް ވުރެ ފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގައި ދަރިންގެ ހަރަދަށް ޒިންމާވުމަކީ މައިންބަފައިންގެ ވާޖިބެއް ކަމަށް ކަނޑައަޅާފައިވާ ކަން މައުސޫމް ފާހަގަކުރެއްވި އެވެ.
މީގެ ހަ އަހަރު ކުރިން 2019 ވަނަ އަހަރު އަމަލު ކުރަން ފެށި ކުޑަކުދިންގެ ހައްގުތަކާ ބެހޭ ގާނޫނުގެ 20 ވަނަ މާއްދާގައި ބުނަނީ ކުއްޖާގެ މައިންބަފައިން ވަކިވާން ޖެހުނު ނަމަވެސް، ކުއްޖާ ބެލެހެއްޓުމާއި އޭނާއަށް ބޭނުންވާނެ ހަރަދުބަރަދުގެ ކަންތައްތައް ޝަރުއީ ހަމަތަކުގެ މަތިން މައިންބަފައިން ހަމަޖައްސަން ވާނެ ކަމަށެވެ.
މައިންބަފައިން ކަމަށް ބުނެފައިވަނީ ކުއްޖާގެ މަންމަ އާއި ބައްޕަ ކަމަށް ވެސް ގާނޫނުގައި މާނަކޮށްފައިވެ އެވެ.
"މިތާނގައި ބައްޕަގެ އެކަނި ކަމަކަށް ނޫން އޮތީ. މައިންބަފައިންގެ ކަމެއްގެ ގޮތުގައި އޮތީ. އެހެންވީމާ ކުއްޖާގެ ބައްޕަ އަށް އެކަނި ދަރިންގެ ހަރަދުގެ ހުރިހާ ކަމެއް އެހެން ޖަހާފައި އަޅުގަނޑުމެންނަށް ހަމައެކަނި ދޫކުރެވޭނެތޯ،" މައުސޫމް ސުވާލު ކުރެއްވި އެވެ.
ފެމެލީ ކޯޓު: ދަރިންގެ ހަރަދު ހަމަޖައްސަންޖެހެނީ ހަމައެކަނި ބައްޕައެއް ނޫން ކަމަށް އެ ކޯޓުން ދެކޭ
އޭނާ ވިދާޅުވީ، ދެމަފިރިން ކައިވެނިކޮށްގެން އެކުގައި ދިރިއުޅުމެއް ބިނާކުރުމަށް ފަހު، ވަކިވެގެން ދަނީ ދެ އަދާވަތްތެރިންގެ ގޮތުގައި ކަމަށާއި އެގޮތަށް ދާ ދިޔުމުގައި އަނެއް މީހާ އަށް ގެއްލުން ދިނުމުގެ މަގުސަދުގައި ވެސް ދަރިންގެ ހަރަދާ ގުޅޭ ކަންކަން ކޯޓާ ހަމައަށް ގެންދާ ކަމަށެވެ.
"...މިސާލަކަށް ކުއްޖާގެ ބައްޕަ އަށް ވުރެ ކުއްޖާގެ މަންމައަކީ ތަނަވަސްކަން ލިބިގެންވާ މީހަކަށް ވެސް ވެދާނެ. އެއްކަހަލަ އަދާވަތްތެރިކަމުގެ ގޮތުން ކުއްޖާގެ ބައްޕަ އަށް އިތުރު ކައިވެންޏެއް ކުރިޔަ ނުދިނުމަށްޓަކައި އަބަދުވެސް ކޯޓުގައި ކޮންމެ ވެސް މައްސަލައެއް ބާއްވާނަމޭ އެބަ ބުނޭ،" މައުސޫމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުއްޖާގެ މަސްލަހަތަށާއި ރައްކާތެރިކަމަށް އަދި ދުޅަހެޔޮކަމަށް ބަލާ ނަމަ ހަރަދާ މެދު ޒިންމާވާން ޖެހޭނީ ދެމަފިރިން ހަމަހަމަ އުސޫލަކުން ކަމަށެވެ. ގާނޫނުތަކުގައި ވެސް އެކަންކަން އޮތީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ކައިވެނި ރޫޅުމަށް ފަހު ދަރިންނަށް ހަރަދު ނުކުރާތީ، ކުދިންގެ މަންމައިންނަށް ބައްޕައިންނާ ދެކޮޅަށް ކޯޓުގައި ދައުވާ ކުރަން ޖެހޭ މައްސަލަތައް ކޯޓުތަކުގައި ނިސްބަތުން ގިނަ އެވެ. ހުކުމާ އެއްގޮތަށް ހަރަދުގެ ފައިސާ ނުދައްކާ މައްސަލަތައް ވެސް އިތުރުވެ އެވެ.
ގަވާއިދު މިހާރު އޮންނަ ގޮތުން އެއް ކުއްޖަކު ހުރި ނަމަ 2،000ރ. އަދި އެއް ކުއްޖަކަށް ވުރެ ގިނަ ކުދިން ތިބި ނަމަ ކޮންމެ ކުއްޖަކަށް 1،000ރ. އަށް ވުރެ މަދު ނޫން އަދަދެއް ދަރިންގެ ހަރަދުގެ ގޮތުގައި މަހަކު ދޭންޖެހެ އެވެ.
ނަމަވެސް، ތަކެތީގެ އަގު އިންތިހާ އަށް އުފުލިފައިވާއިރު މަހެއްގެ މައްޗަށް 2،000ރ. އަކީ ދަރިންގެ ހުރިހާ ހަރަދެއް ފުއްދޭ ވަރަށް ވުރެ މާ ކުޑަ އަދަދެއް ކަމަށް ވިދާޅުވެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ މަޖިލީހަށް ސިޓީއެއް ހުށަހަޅުއްވައިފަ އެވެ.
އެކަމަކު، ގާނޫނަކުން އެ އަދަދު ބޮޑުކުރަން ފެމިލީ ކޯޓުން ތާއިދެއް ނުކުރެ އެވެ. އެ ކޯޓުގެ ލީގަލް އޮފިސަރު ވިދާޅުވި ގޮތުގައި މިހާރު ގަވާއިދުގައި އޮތް އަދަދު 4،000ރ. ބޮޑުކުރަން ގަވާއިދުގައި ހިމެނުމަކީ އެންމެ އިންސާފު ގޮތް ކަމަށް ނުވެދާނެ އެވެ.
އިއްޔެ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ފެމިލީ ކޯޓުގެ ލީގަލް އޮފިސަރު މައުސޫމް ވިދާޅުވީ ދަރިންގެ ހަރަދުގެ ގޮތުގައި ވަކި މިންވަރެއް ގަވާއިދުގައި ކަނޑައަޅާފައި އޮތްއިރު، އިތުރު ހަރަދުގެ ގޮތުގައި އެހެން ހަރަދުތައް ވެސް ނަގައިދޭ ކަމަށެވެ. ކެއުމާއި އަންނައުނު އަދި ބޭސްފަރުވާ އަށް ވަކިން ދައުވާ ކޮށްގެން ހަރަދު ނަގައިދެވޭ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މައުސޫމް ވިދާޅުވީ ބައެއް މީހުން ދަރިންގެ ހަރަދު ދޭން ޖެހި އާމްދަނީން ދެކޮޅު ނުޖެހޭ ހާލަތްތައް ވެސް ކުރިމަތިވާ ކަމަށެވެ. ފަހުން ކުރާ ކައިވެންޏަށް ލިބޭ ދަރިއަށް ހަރަދު ނުކުރެވި، ކައިވެނި ރޫޅޭ ހިސާބަށް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންވެ މައުސޫމް ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ބައްޕައިންގެ އާމްދަނީ އާއި ގާބިލް ކަމަށް ބަލައިގެން ހަރަދު ކަނޑައެޅުމުގެ އިހްތިޔާރު ފަނޑިޔާރުންނަށް ދިނުމެވެ. އޭރުން އެ ކުއްޖެއްގެ ހާލަތާއި އެ ކުއްޖެއް އުޅޭ ދިރިއުޅުމުގެ ފެންވަރަށް ބަލައިގެން އިންސާފުވެރިކަމާ އެކު، ގާޒީންނަށް ހަރަދު ކަނޑައެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޯޓުން ބޭނުންވަނީ ދަރިންގެ ހަރަދު ގާޒީން ކަނޑައަޅަން
ހަރަދުނުދޭ މީހުންގެ ނަން ހާމަކުރުން:ހަމަހަމަކަމެއް ނެތް
ދަރިންގެ ހަރަދު ހޯދުމުގައި އާ ނިޒާމަކަށް ދާންޖެހޭ
"އެހެންގޮތަކަށް" ބައްޕަ ސާބިތުކުރުން: ނުބައި ދޮރެއް؟
ދަރިންގެ ހަރަދުނުދީ އެތައް އަހަރެއް: ފިޔަވަޅެއް ނެތް؟
ހަރަދު ނުދޭތީ ގިނަ މީހުން ބަންދުކުރީ މިދިޔަ އަހަރު
ނުރުހުމުގައި ގެންދިޔަ ދެ ކުދިން ހަވާލުކުރަން އަމުރެއް
ދައުލަތުން ބަލާ ކުއްޖެއްގެ ހަރަދު ބައްޕަ ދޭން އަމުރެއް
ދަރިންގެ ހަރަދަށް މަހަކު 1،000: މިއީ ކޯއްޗެއް؟
ދަރިންގެ ޓިއުޝަންފީ: ބައްޕަ ދޭންޖެހޭ ހަރަދެއް ނޫން؟