Roadha Mihaaru
ޑެންގީ އިތުރުވާތީ މަދިރި ނައްތާލަން ބޮޑު ހަރަކާތެއް

ޑެންގީ ހުން އިތުރުވާތީ މަދިރި ނައްތާލަން ބޮޑު ހަރަކާތެއް

20 އޮކްޓޯބަރ 2022

މި ދުވަސްވަރު ޑެންގީ ހުން އިތުރުވެފައި ވާތީ މަދިރި ނައްތާލުމަށް ހުޅުމާލޭގައި ބޮޑު ހަރަކާތެއް ބާއްވަން އެޗްޑީސީން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި ދުވަސްވަރު ޑެންގީ ހުން އިތުރުވެފައި ވާތީ މަދިރި ނައްތާލުމަށް ހުޅުމާލޭގައި ބޮޑު ހަރަކާތެއް ބާއްވަން އެޗްޑީސީން ނިންމައިފި އެވެ.

އެޗްޑީސީން މިއަދު ބުނީ ޑެންގީ ކޮންޓްރޯލްކުރުމުގެ ގޮތުން މަދިރި ނައްތާލުމަށް "ޑެންގީ އިޖާބަ"ގެ ނަމުގައި އެ ކުންފުނިން އިންތިޒާމުކުރާ ހަރަކާތް އޮންނަނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ. މި ހަރަކާތުގައި، ހުޅުމާލޭގައި މަދިރި އުފެދޭ ތަންތަން ނައްތާލައި ސާފުކުރާނެ އެވެ.

"ހުރިހާ ބޭފުޅުން ގުޅިގެން، ހުޅުމާލޭގައި ޑެންގީ ވައިރަސް ފެތުރުން ހުއްޓުވުމަށް މި ހަރަކާތުގައި ބައިވެރިވި، އެހީތެރިވެދެއްވާ،" އެ ކުންފުނިން ބުންޏެވެ.

ހުޅުމާލޭގައި މަދިރި އުފެދޭ ތަންތަން ނައްތާލުމުގެ ހަރަކާތުގައި ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކާއި ސުކޫލްތަކާއި އަދި އަމިއްލަ ޖަމިއްޔާތަކުން ވެސް ބައިވެރިވާނެ ކަމަށް ބުންޏެވެ. އަދި އާންމުންނަށް ވެސް އެ ހަރަކާތުގައި ބައިވެރިވެވޭނެ ކަމަށް ބުންޏެވެ.

ރާއްޖެ އަށް މި އަހަރު ވިއްސާރަކުރުން އިތުރު ވެފައި ވާތީ، އަދިވެސް މަދިރި އާލާވުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ ކަމަށާއި އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން އެޗްޕީއޭ އިން މިދިޔަ ހަފުތާގައި އިލްތިމާސްކޮށްފައިވެ އެވެ. އެ އިދާރާ އިން އެހެން ބުނީ، ޑެންގީ ޖެހިގެން ހަފުތާއެއްގެ ތެރޭގައި ތިން މީހުން މަރުވެ، އާންމުންގެ ކަންބޮޑުވުން އިތުރުވުމާ ގުޅިގެންނެވެ.

ޑެންގީ ހުން ޖެހިގެން ކުޑަކުއްޖަކާއި ޒުވާނަކު ވެސް މި މަހު މަރުވި އެވެ. މި އަހަރުގެ މިހާތަނަށް އެ ބަލީގައި ފަސް މީހަކު މަރުވެފައިވެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް އެނގޭ ގޮތުގައި މި އަހަރުގެ އެޕްރީލުން ފެށިގެން މާލެ އާއި ރަށްރަށުން ވެސް ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި އަދަދު ކަންބޮޑުވާން ޖެހޭ ވަރަށް އިތުރުވެފައިވެ އެވެ. އަދި މިދިޔަ މަހާ އަޅާބަލާއިރު މި މަހުގެ މިހާތަނަށް ރިޕޯޓްކުރި އަދަދު ވެސް އިތުރެވެ.

އެ ބަލީގައި ހާލުބޮޑުވެ، ފަރުވާ އަށް ރަށްރަށުން މާލެ ގެންނަން މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ.