Roadha Mihaaru
ލުބްނާނުގައި ހަލުވިކަމާއެކު ކޮލެރޭ ފެތުރެން ފަށައިފި

ލުބްނާނުގައި ހަލުވިކަމާއެކު ކޮލެރޭ ފެތުރެން ފަށައިފި

20 އޮކްޓޯބަރ 2022

އަވައްޓެރި ސީރިޔާ އިން އެތެރެވި ކޮލެރާގެ ބަލިމަޑުކަން، ހަލުވިކަމާއެކު ލުބްނާނުގައި ފެތުރެން ފަށައިފި ކަމަށް އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން އިއްޔެ ބުނެފި އެވެ.

އަވައްޓެރި ސީރިޔާ އިން އެތެރެވި ކޮލެރާގެ ބަލިމަޑުކަން، ހަލުވިކަމާއެކު ލުބްނާނުގައި ފެތުރެން ފަށައިފި ކަމަށް އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން އިއްޔެ ބުނެފި އެވެ.

މިއީ 1993 ވަނަ އަހަރުގެ ފަހުން ލުބްނާނުގައި ކޮލެރޭ ފެތުރެން ފެށި ފުރަތަމަ ފަހަރެވެ. އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި، ލުބްނާނާއި ސީރިޔާ ގުޅޭ ސަރަހައްދީ އިމުގައި އޮތް ސީރިޔާގެ އަވަށެއްގެ ތެރޭގައި ފެތުރު ކޮލެރާގެ ބަލިމަޑުކަން ލުބްނާނަށް އެތެރެވެ، ބައެއް ސަރަހައްދުތަކުގައި މިހާރު ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

ލުބްނާނުގައި ކޮލެރާ ފެތުރެން ފަށާފައިވާ ސަރަހައްދުތަކުން މިހާތަނަށް ފަސް މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުން ބުންޏެވެ. އެ ގައުމުގެ ސިއްހީ ދާއިރާގެ އޮފިޝަލުން ބުނާ ގޮތުގައި ކޮލެރާގެ ބަލިމަޑުކަން ކޮންޓްރޯލް ނުވެ ފެތުރެމުން ދަނީ، އިގްތިސާދު ފުނޑުފުނޑުވުމުގެ ސަބަބުން އިންފްރާސްޓްރަކްޗާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ނަރުދަމާ ނިޒާމު ވެސް ރަނގަޅަށް މަސައްކަތް ނުކުރާތީ އެވެ.

ވަގުތީ ޕަބްލިކް ހެލްތު މިނިސްޓަރު ފިރާސް އަބިއާދު ވިދާޅުވި ގޮތުގައި ކޮލެރާގެ ބަލިމަޑުކަން ފެތުރެމުން ދަނީ ވަރަށް ބާރަށެވެ. މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް 169 މީހަކަށް މި ބަލި ޖެހިފައިވާ އިރު، އޭގެ ތެރެއިން ދެބައި ކުޅަ އެއްބައި މީހުންނަކީ މިދިޔަ ދެ ދުވަހުގެ ތެރޭގައި ބަލި ޖެހުނު މީހުންނެވެ.

ލުބްނާނަށް ކުރިމަތިވި ސިޔާސީ ހަމަނުޖެހުންތަކާއެކު، އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބި ގައުމުގެ ތަރައްގީއަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފަ އެވެ. އާންމު ޚިދުމަތްތަކުގެ ފެންވަރު ދަށްވެ، ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވާ އިރު، އަވައްޓެރި ސީރިޔާގައި ކުރަމުންދާ ދާޚިލީ ހަނގުރާމައިން ސަލާމަތްވުމަށް ރެފިއުޖީންގެ ގޮތުގައި ލުބްނާނަށް އެތެރެވާ މީހުންގެ ސަބަބުން ވެސް އިގްތިސާދަށް ވަނީ ބުރަ ބޮޑުވެފަ އެވެ.

ސިއްހަތާ ބެހޭ ވަޒީރު ވިދާޅުވި ގޮތުގައި ލުބްނާނުން ކޮލެރާގެ ފުރަތަމަ ބަލި މީހާ ފެނުނީ މި މަހުގެ 5 ވަނަ ދުވަހު، އެ ގައުމުގެ އުތުރު ސަރަހައްދުންނެވެ. ސީރިޔާ އިން އައިސް އުޅޭ އެމީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމުން މިހާރު ހާލު ރަނގަޅު ނަމަވެސް، އެ ސަރަހައްދުގެ އެތައް ބަޔަކަށް މިހާރު ވަނީ ކޮލެރާ ޖެހިފަ އެވެ.

މިހާތަނަށް ބަލި ޖެހުނު ގިނަ މީހުންނަކީ ސީރިޔާގެ ރެފިއުޖީން ކަމަށް ވިޔަސް، ލުބްނާން ރައްޔިތުންގެ ތެރޭގައި ވެސް މިހާރު ދަނީ ކޮލެރާ ފެތުރެމުންނެވެ. ލުބްނާންގައި މިހާރު ވެސް ސީރިޔާގެ މިލިއަނަކަށް ވުރެ ގިނަ ރެފިއުޖީން ދިރިއުޅެމުން ދާއިރު، އޭގެ ތެރެއިން ވަރަށް ގިނަ މީހުން ދިރިއުޅެމުން ދަނީ، ތޮއްޖެހިފައިވާ ފޭލިގެތަކުގަ އެވެ.