Roadha Mihaaru
އަގްސާ ތޫފާން: ފަލަސްތީނުން ބޭރަށް ހަނގުރާމަ ފުޅާވަނީ

އަގްސާ ތޫފާން: ސީރިޔާ އާއި ލެބަނާނަށް ހަނގުރާމަ ފުޅާވަނީ

11 އޮކްޓޯބަރ 2023

ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލާ ދެކޮޅަށް މި ދިޔަ ހޮނިހިރު ދުވަހު ފަށާފައިވާ ހަނގުރާމަ، ފަލަސްތީނުން ބޭރަށް ފުޅާވެ، އަވައްޓެރި ލެބަނާން އާއި ސީރިޔާގެ ތެރެއަށް ފެތުރިގެން ދިއުމުގެ ބިރު ހީވާން ފަށައިފި އެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލާ ދެކޮޅަށް މި ދިޔަ ހޮނިހިރު ދުވަހު ފަށާފައިވާ ހަނގުރާމަ، ފަލަސްތީނުން ބޭރަށް ފުޅާވެ، އަވައްޓެރި ލެބަނާން އާއި ސީރިޔާގެ ތެރެއަށް ފެތުރިގެން ދިއުމުގެ ބިރު ހީވާން ފަށައިފި އެވެ.

ފަލަސްތީނުގެ ބިން މިނިވަންކުރުމަށް، އަގްސާ ތޫފާންގެ ނަމުގައި ހަމާސްގެ އަސްކަރީ ގޮފި، އަލް ގައްސާމް ބްރިގޭޑުން ފެށި މި ހަނގުރާމައިގައި ހުރިހާ އަރަބިން ބައިވެރިވުމަށް ހަމާސް އިން ގޮވައިލުމާ ގުޅިގެން، ލެބަނާންގައި ތިބި ހިޒްބުﷲގެ ހަނގުރާމަވެރިން ވަނީ އިޒްރޭލަށް ހަމަލާ ދޭން ފަށައިފަ އެވެ. އެއާއެކު، ސީރިޔާގެ ތެރެއިން ވެސް ރޭގެ ވަގުތެއްގައި އިޒްރޭލަށް މޯޓަރު ބަޑީގެ ހަމަލާތަކެއް ވަނީ ދީފަ އެވެ.

ހިޒްބުﷲގެ ހަނގުރާމަވެރިން ރޮކެޓް ހަމަލާތައް ދެނީ، ލެބަނާންގެ އިރުދެކުނުގައި އޮންނަ ޝިބްއާ ދަނޑުބިންތަކަށް ވެރިވެގެން ތިބި އިޒްރޭލު ސިފައިންގެ މަގާމުތަކަށެވެ. ޝިބްއާގެ ދަނޑުބިންތަކަކީ ވެސް، 1967 ވަނަ އަހަރު އަރަބިންނާއި އިޒްރޭލާ ދެމެދު ކުރި ހަނގުރާމައިގައި އިޒްރޭލުން ފޭރިގެންފައިވާ، ލެބްނާންގެ ބިމެކެވެ.

ސީރިޔާގެ ތެރެއިން މޯޓަރު ބަޑީގެ ހަމަލާތަކެއް ދީފައިވަނީ، ގޯލާންގެ އުސް ބިންތަކަށް ވެރިވެގަނެގެން ތިބި އިޒްރޭލު ސިފައިންގެ މަގާމުތަކަށެވެ. ގޯލާންގެ އުސް ބިންތަކަކީ، 1967 ވަނަ އަހަރު އަރަބިންނާއި އިޒްރޭލާ ދެމެދު ކުރި ހަނގުރާމައިގައި އިޒްރޭލުން ފޭރިގެންފައިވާ، ސީރިޔާގެ ބިމެކެވެ.

ޝިބްއާގެ ދަނޑު ބިންތަކާއި ގޯލާންގެ އުސް ބިންތަކުގައި ތިބި އިޒްރޭލު ސިފައިންގެ މަގާމުތަކަށް ހަމަލާ ދިނުމާ ގުޅިގެން އިޒްރޭލުން މިހާރު ވަނީ އެ ދެ ގައުމުގެ ތެރެއަށް ހަމަލާ ދޭން ފަށައިފަ އެވެ. އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި ގޯލާންގެ އުސް ބިންތަކަށް ސީރިޔާގެ ތެރެއިން ހަމަލާތަކެއް ދިނުމާ ގުޅިގެން، ރައްދުގައި އިޒްރޭލުން ވަނީ، ސީރިޔާގެ ތެރޭގައި ހަނގުރާމަވެރިން ތިބި ތަންތަނަށް މޯޓަރު ބަޑި އާއި ބޮޑުބަޑިން ހަމަލާ ދީފަ އެވެ.

ފަލަސްތީނުގެ އިސްލާމިކް ޖިހާދު ޖަމާއަތުގެ ހަނގުރާމަވެރިންތަކެއް ލެބަނާންގެ ތެރެއިން ޝިބްއާގެ ދަނޑުބިންތަކަށް ވަނުމަށް މިދިޔަ ހޯމަ ދުވަހު މަސައްކަތް ކުރުމާ ވިދިގެން، އިޒްރޭލުން ވަނީ އެ ސަރަހައްދުގެ ސަލާމަތީ ކަންތައް ވަރުގަދަ ކޮށްފަ އެވެ. އިޒްރޭލުން ބުނި ގޮތުގައި ހޯމަ ދުވަހު، ޝިބްއާ އަށް ވަންނަން އުޅުނު ދެ ހަނގުރާމަވެރިއަކަށް ހަމަލާ ދީ މަރާލައި، އިތުރު ހަނގުރާމަވެރިން އެ ސަރަހައްދަށް ވަނުން ވަނީ ހުއްޓުވައިފަ އެވެ.

ޝިބްއާގެ ދަނޑުބިންތަކަށް ވަންނަން އުޅުނު ހަނގުރާމަވެރިންނާއި އިޒްރޭލު ސިފައިންނާ ދެމެދު ހޯމަ ދުވަހު ހިނގި ކުރިމަތިލުންތަކުގައި، އިޒްރޭލު ސިފައިންގެ އިސް އޮފިސަރަކު މަރުވެ އިތުރު ސިފައިންތަކެއް ވަނީ ޒަޚަމްވެފައި ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެ އެވެ. އޭގެ އިތުރުން ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިންތަކެއް ވެސް، ޝިބްއާގެ ދަނޑުބިންތަކުގައި ތިބި އިޒްރޭލު ސިފައިންނަށް މިދިޔަ ހޯމަ ދުވަހު ހަމަލާތަކެއް ދިނެވެ.

ހިޒްބުﷲ އިން ބުނި ގޮތުގައި އެ ހަމަލާތަކުގައި އެ ޖަމާއަތުގެ ހަނގުރާމަވެރިން ބޭނުންކުރީ، ޓޭންކަށް ހަމަލާ ދޭ ޒާތުގެ މިސައިލެވެ. އިޒްރޭލުން ބުނީ ހިޒްބުﷲގެ އެ ހަމަލާތަކުގައި އިޒްރޭލު ސިފައިންގެ މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.

ހަމާސް ޖަމާއަތުން ބުނި ގޮތުގައި ދެކުނު ލެބަނާންގައި ތިބި އެ ޖަމާއަތުގެ ހަނގުރާމަވެރިން އިއްޔެ ވެސް، އިޒްރޭލުގެ ހުޅަނގުގައި އޮންނަ ގަލީލީ ސަރަހައްދަށް ރޮކެޓް ހަމަލާތަކެއް ދިނެވެ. ލެބަނާންގެ ތެރެއިން އިޒްރޭލަށް ދޭ ހަމަލާތައް ތިން ވަނަ ދުވަހަށް ދެމިގެން ދިޔައިރު، އިޒްރޭލުން މިހާރު ގެންދަނީ، ލެބްނާން އާއި އިޒްރޭލު ގުޅޭ ސަރަހައްދީ ރޮނގު ކައިރިއަށް އިތުރު ސިފައިންނާއި ބަރު ހަތިޔާރު ޖަމާކުރަމުންނެވެ.

ހަމާސް އަށް ރައްދު ދިނުމުގެ ގޮތުން ގާޒާގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ފަށާފައިވާ ހަނގުރާމަ އަށް އެހީތެރިވުމަށް، އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް އޭގެ ހަނގުރާމަމަތީ ލަޝްކަރާ އެކުގައި މިހާރު ވަނީ މެދުއިރުމައްޗަށް ދަތުރު ފަށައިފަ އެވެ.

އެމެރިކާގެ މި ނިންމުމާ ގުޅިގެން، ޔަމަންގެ ހޫތީ ހަނގުރާމަވެރިން ވަނީ ހަމާސް އާއި އިޒްރޭލާ ދެމެދު ކުރާ ހަނގުރާމައިގެ ތެރެއަށް ނުވަނުމަށް އެމެރިކާ އަށް އިންޒާރުކޮށްފަ އެވެ. އެ ޖަމާއަތުން ބުނި ގޮތުގައި އެމެރިކާ ސިފައިން ގާޒާގެ ހަނގުރާމައިގައި ބައިވެރިވެއްޖެއްޔާ، ހޫތީ ހަނގުރާމަވެރިން ގާޒާ އަށް ވަދެ އިޒްރޭލާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިވާނެ އެވެ.

އަގްސާ ތޫފާންގައި ހަމާސްގެ ހަނގުރާމަވެރިން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް އިޒްރޭލުގެ 1200 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ ކަމަށް، އިޒްރޭލު ސަރުކާރުން ބުނެ އެވެ. އޭގެ ތެރޭގައި ސިފައިން 170 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ. މީގެ އިތުރުން އިޒްރޭލުގެ 3500 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.

ހަމާސްގެ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ފެށި ހަނގުރާމައިގެ ހަމަލާތައް ގަސްދުގައި އަމާޒުކުރަމުން ދަނީ ގާޒާގެ އާންމު ރައްޔިތުންނަށެވެ. ގާޒާގައި އާންމުން ދިރިއުޅޭ އިމާރާތްތަކަށް ދެމުންދާ މިސައިލާއި ބޮމުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާތަނަށް 950 އަށް އަރާފައިވާ ކަމަށް ގާޒާގެ ރަސްމީ އިދާރާތަކުން ބުނެ އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އިތުރުން ޒަޚަމްވެގެން ހޮސްޕިޓަލުތަކަށް ގެނައި މީހުންގެ އަދަދު 5000 އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނެ އެވެ. އިޒްރޭލުގެ ހަމަލާތައް ވަރުގަދަވެފައި ހަމަލާތަކަށް މެދުކެނޑުމެއް ނާންނާތީ، ޝަހީދުވި މީހުންގެ ޖަނާޒާގެ ކަންތައް ނުކުރެވި މޯޗަރީތައް ވެސް ފުރިފައިވާ ކަމަށް ފަލަސްތީނުން ބުނެ އެވެ.