Roadha Mihaaru
ހާއްސަ ހުއްދައެެއް އޮތުމުން ބާ އެގްޒާމް ބޭނުމެއް ނުވޭ

ހާއްސަ ހުއްދަ އޮތް ވަކީލުން ބާ އިމްތިހާނު ހަދަން ނުޖެހޭ އިސްލާހު ތަސްދީގުކޮށްފި

24 އޮކްޓޯބަރ 2022

ވަކީލުކަމުގެ ހާއްސަ ހުއްދަ އޮތް މީހުން ބާ އިމްތިހާނު ހަދަން ނުޖެހޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި އިސްލާހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވަކީލުކަމުގެ ހާއްސަ ހުއްދަ އޮތް މީހުން ބާ އިމްތިހާނު ހަދަން ނުޖެހޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި އިސްލާހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މީގެ ތިން އަހަރު ކުރިން އަމަލުކުރަން ފެށި ގާނޫނަށް ދެ އިސްލާހެއް ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިިދޔަ ހަފުތާގެ ހޯމަ ދުވަހު އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އިސްލާހު ހުށަހެޅުއްވީ، ހާއްސަ ހުއްދަ ނުވަތަ ވަގުތީ ލައިސެންސްގައި މަސައްކަތްކުރާ ވަކީލުން ބާ އިމްތިހާނު ހަދަން ނުޖެހޭ ގޮތް ހެދުމަށެވެ.

އެ ބަދަލު ގެނައުމަށް އޭނާ ހުށަހެޅުއްވީ، އެ ގާނޫނަށް 2020 ވަނަ އަހަރު ގެނައި އިސްލާހެއްގެ ދަށުން ބާ އިމްތިހާނެއް ބޭއްވެންދެން އެހާތަނަށް ކިޔަވައި ނިމިފައި ތިބި މީހުންނަށް ހާއްސަކޮށް ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ފަހު ވަކީލުކަމުގެ ހާއްސަ ހުއްދައެއް ދޭގޮތަށް އޮތުމުންނެވެ.

އެ ގާނޫނަށް ދެ ވަނަ އިސްލާހު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫސުން އަލީ އެވެ.

ޔޫނުސް ހުށަހެޅުއްވި ބިލުގައި އޮތީ ގާނޫނީ ވަކީލުކަމުގެ ހުއްދަ އަށް އެދޭ މީހުންނަށް އެއް އަހަރު ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް ކުރިން ގާނޫނުގައި ލާޒިމުކޮށްފައި އޮތްއޮތުން ބަދަލުކުރުމަށެވެ. އެހެން ގައުމުތަކުގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމުގެ ކުރިން ފުރިހަމަ ކުރާ ތަމްރީނުތައް ކުރިޔަށް ގެންދާ ގޮތަށް ރިއާޔަތްކޮށް ރާއްޖެ އަށް އެންމެ އެކަށީގެންވާ ތަމްރީނުގެ ނިޒާމެއް އެކުލަވާލައި ތަންފީޒުކުރުމުގެ ބާރު ބާ ކައުންސިލަށް ދިނުމަށް އެ ބިލުގައިވެ އެވެ.

ބާ ކައުންސިލަށް ލިބޭ އާމްދަނީން އެ ކައުންސިލް ހިންގޭނެ ގޮތަށް، ބާ ކައުންސިލުގެ ހިންގުން ބައްޓަންކުރުމަށް އާމްދަނީ ހޯދޭނެ ގޮތްތަކެއް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގާނޫނީ ވަކީލުން ދައްކާ ޗަންދާ އާއި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާއި ހުއްދަ އާކުރުމާއި ސެޓްފިކެޓް އަލުން ހެއްދުން ފަދަ ކަންކަމުން ނެގޭ ފީ އިން ކައުންސިލަށް އާމްދަނީ ހޯދޭނެ ކަމަށް ވެ އެވެ.

އެ ބިލްތައް ފާސްވެ، ރައީސް ތަސްދީގުކުރެއްވުމުން ހާއްސަ ހުއްދައިގައި މަސައްކަތްކުރާ ވަކީލުން އިތުރު އިމްތިހާނެއް ހަދަން ނުޖެހި، ދާއިމީ ލައިސެންސް ލިބިގެންދާނެ އެވެ.