Roadha Mihaaru

ހެކިންނަށް ވަކީލުން ބިރުދައްކާ ކަމަށް ގާޒީ ވިދާޅުވުމުން ބާ ކައުންސިލުން ކުށްވެރިކޮށްފި

ނުރައްކާތެރި ކުށްތަކުގައި ދައުވާ ލިބޭ މީހުންގެ ދިފާއީ ވަކީލުން ހެކިވެރިންނަށް އެކި ގޮތްގޮތުން ބިރު ދެއްކުން ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑު ގޮންޖެހުމަކަށް ވެފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ވިދާޅުވުމުން އެކަން ބާ ކައުންސިލުން ކުށްވެރިކޮށްފި އެވެ.

ވަކީލުން ބިރުދައްކާ ކަމަށް ވިދާޅުވުމުން ކުށްވެރިކޮށްފި
ނާޒިމް ހަސަން
ނާޒިމް ހަސަން

11 ޑިސެމްބަރ 2025

ނުރައްކާތެރި ކުށްތަކުގައި ދައުވާ ލިބޭ މީހުންގެ ދިފާއީ ވަކީލުން ހެކިވެރިންނަށް އެކި ގޮތްގޮތުން ބިރު ދެއްކުން ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑު ގޮންޖެހުމަކަށް ވެފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ވިދާޅުވުމުން އެކަން ބާ ކައުންސިލުން ކުށްވެރިކޮށްފި އެވެ.

އެމްއެމްއޭ ކައިރީގައި ހަމަލާދީ އުމުރުން 19 އަހަރުގެ އިބްރާހިމް އާގިލް މަރާލި މައްސަލައިގެ ޝަރީއަތުގައި އެންމެ މުހިންމު ސިއްރު ހެކިވެރިޔާ އެންމެ ފަހު ވަގުތު، އޭނާގެ ހެކިބަސް ބަލައިނުގަތުމަށް އެދި ކޯޓަށް ސިޓީއެއް ފޮނުވި އެވެ.

އެކަމާ ކަންބޮޑުވުންފާޅުކުރައްވައި، ގާޒީ އަލީ އާދަމް އެ މައްސަލައިގެ ހުކުމްގައި ވިދާޅުވެފައިވަނީ މިފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް ނިސްބަތްވާ ގްރޫޕްގެ މީހުންނާއި އެ ފަރާތްތަކުގެ އާއިލާއިންނާއި ދިފާއީ ގޮތުން ވަކާލަތުކުރައްވާ ވަކީލުން އެކި ގޮތްގޮތުން ހެކިންނަށް ބިރުދައްކައި ފުރާނައަށް ނުރައްކާވާނޭ ފަދަ ހަމަލާއެއް ދޭނެ ކަމަށް އިންޒާރުދޭ ކަމަށެވެ.

ގާޒީ ހުކުމްގައި އެކަން ފާހަގަކުރުން ކުށްވެރިކޮށް ވަކީލުންގެ ކަންކަން ބަލަހައްޓާ ބާ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގާޒީ ހުކުމްގައި ބަޔާންކުރި އިބާރާތަކީ ހެއްކެއްގެ މައްޗަށް ނުވަތަ އެ މައްސަލައިގެ ވަކީލުގެ ފުށުން ހިނގާފައިވާ ވަކި އަމަލެއްގެ މައްޗަށް ބިނާކުރުމަކާ ނުލައި ޖިނާއީ އަދުލުގެ ނިޒާމުގައި ދިފާއީ ވަކީލުންގެ ގޮތުގައި ބުރަކޮށް މަސައްކަތް ކުރާ ގާނޫނީ ވަކީލުންނަށް އަމާޒުވެގެން ދިޔަ ކަމެއް ކަމަށެވެ.

ދިފާއީ ވަކީލުންނާ މެދު މުޖުތަމައުގައި ނުރަނގަޅު ތަސައްވުރެއް އުފެދި ދިފާއީ ވަކީލުންނަކީ ކުށުގެ އަމަލުތަކެއް ހިންގާ ބައެއްގެ ގޮތުގައި ސިފަކުރެވުމަކީ އަދުލު އިންސާފުގެ ނިޒާމަށް އަދި ގާނޫނީ ފަންނަށް އާންމުންގެ އޮންނަ އިތުބާރަށް ވެސް ނޭދެވޭ އަސަރު ކުރާނެ ކަމަށް ބާ ކައުންސިލުން ބުންޏެވެ. އެހެންވެ، އެ ކަންބޮޑުވުން ބާ ކައުންސިލުން ވަނީ ކްރިމިނަލް ކޯޓާ ވެސް މިއަދު ހިއްސާކޮށްފަ އެވެ.

"ވަކީލުންނަކީ ކުށްވެރިން ކަމަށް ނުވަތަ ކުށުގެ އަމަލު ހިންގާ ފަރާތެއް ކަމަށް އާންމުންނަށް ދޭހަވާ ގޮތަށް އެއްވެސް ހެއްކަކާ ނުލައި ދައުލަތުގެ އެއްވެސް އިދާރާއަކުން ކޯޓަކުން ނުވަތަ އާންމު ފަރާތަކުން ވެސް އެފަދަ ތުހުމަތު ރައްދުކުރުން ބާ ކައުންސިލުން ކުށްވެރި ކުރަމެވެ. އަދި އެއީ އިންސާފުވެރި ޝަރީއަތުގެ ހައްގަށް ހުރަސްއެޅިގެންދާނެ އަދި އަދުލު އިންސާފުގެ ނިޒާމާ މެދު އޮންނަ އިތުބާރު ގެއްލޭނެ ކަމެއް ކަމުގައި ވެސް ދެކެމެވެ." ބާ ކައުންސިލުން ބުންޏެވެ.

ވަކީލެއްގެ ސުލޫކީ މައްސަލައެއް ފާހަގަކުރެވިއްޖެ ނަމަ، ބާ ކައުންސިލުން ބުނި ގޮތުގައި ގާނޫނީ ފަންނުގެ ގާނޫނާއި ވަކީލުންގެ ސުލޫކީ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ސުލޫކީ މައްސަލަ ހުށަހެޅުމުގެ ނިޒާމެއް ގާއިމްވެފައިވެ އެވެ. އެގޮތުގެ މަތިން އެފަދަ މައްސަލަތައް ބާ ކައުންސިލަށް ހުށަހަޅަން އެއްވެސް ހުރަހެއް ނެތް ކަމަށް ބުންޏެވެ.

އަދި ގާނޫނީ ވަކީލުންގެ ސުލޫކާ ގުޅިގެން ހުށަހެޅޭ މައްސަލަތައް މިހާރު ވެސް ބާ ކައުންސިލުން ބަލައި ފިޔަވަޅު އަޅަން ޖެހޭ މައްސަލަތަކުގައި ފިޔަވަޅު އަޅަމުންދާ ކަމަށާއި އެހެންކަމުން ދިފާއީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތްކޮށް އަސާސެއް ނެތް ތުހުމަތުތައް ކުރުމުން ދުރުހެލިވުމަށް ބާ ކައުންސިލުން އިލްތިމާސްކުރާ ކަމަށް ބަޔާނުގައިވެ އެވެ.