އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ރިޓަޔާ ކުރައްވަން އުޅުއްވާ ކަމުގެ އިޝާރާތެއް މިއަދު ދެއްވައިފި އެވެ.
17 ފެބުރުއަރީ 2025
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ރިޓަޔާ ކުރައްވަން އުޅުއްވާ ކަމުގެ އިޝާރާތެއް މިއަދު ދެއްވައިފި އެވެ.
ވަކީލުކަމާ އަލަށް ގުޅުނު ވަކީލުން ހުވާކުރަން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އެ މަނިކުފާނަކީ ދުވަސްވީ ބޭފުޅެއް ކަމަށާއި އެފަދަ ޖަލްސާތަކުން ކުރިއަށް އޮތްތަނުގައި ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެެވެ.
"އަޅުގަނޑަކީ މިހާރު ދުވަސްވީ މީހެއް. ހަމަ އެކަށީގެންވާ ކަމެއް މިފަދަ ޖަލްސާއަކުން މި ހައިސިއްޔަތުން ދެން ނުފެނުމަކީ ވެސް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ޝަރުއީ ދާއިރާގައި 32 އަހަރު ހިދުމަތް ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން، އެ ދާއިރާ އަށް އަލަށް ނުކުންނަ މީހުންނަށް ދެއްވަން ބޭނުންފުޅުވާ ގިނަ ނަސޭހަތްތަކެއް އެބަހުރި ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް ވިދާޅުވި އެވެ.
އޭގެ ތެރެއިން އެއް ކަމަކީ އެ މަނިކުފާނު ވިދާޅުވިގޮތުގައި ސިއްރު ހިފެހެއްޓުމެވެ.
ވަކީލު ކަމާ އަލަށް ގުޅުނު ވަކީލުން ހުވާކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދި ބާ ކައުންސިލްގެ ނައިބު ރައީސް މިޒްނާ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އެ މަނިކުފާނު ވަކީލަކަށް ވެވަޑައިގެންނެވިއިރު ވެސް ގިނަ ބަޔަކު ދެއްވި ނަސޭހަތަކީ ސިއްރު ހިފެހެއްޓުން ކަމަށާއި މުއައްސަސާތަކާއި މީހުންގެ ސިއްރު ހިފަހައްޓަން ޖެހޭ ހާލަތްތަކުގައި އެކަން ކުރެއްވުން ކަމަށް ވިދާޅުވި އެވެ.
"ސިއްރު ހިފަހައްޓައްޗޭ. ވަކީލުން، ވަކީލުކަން ކުރާއިރު ސިއްރު ހިފަހައްޓައްޗޭ. ވަކީލުން ވަކީލުކަން ކުރާނީ ހަމައެކަނި ކޯޓަަށް ގޮސް ކުރާ ވަކާލާތެއް ނޫން. އޭގެ އިތުރުން ކުންފުނިތަކުގެ މަސައްކަތްތަކާއި އެކިއެކި އެ ނޫން ވެސް ސިއްރު ހިފަހައްޓަންޖެހޭ މުއައްސަސާތަކާއި މީހުންގެ މަސައްކަތް ކުރުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ވަކީލުކަމާ އަލަށް ގުޅުނު ވަކީލަކާ ބާ ކައުންސިލްގެ ނައިބު ރައީސް މިޒްނާ (ކ) ވަކީލުކަމުގެ ލިޔުން ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެހެންވެ، ވަކީލުންގެ ކިބައިން އުއްތަމަ ފަނޑިޔާރު ވެސް އެދިވަޑައިގަތީ އެކަކުގެ ވާހަކަތައް އަނެކާގެ ގާތުގައި ނުދެއްކުމަށެވެ. ބޮޑެތި ކުންފުނިތަކާ އެކު މަަސައްކަތްކުރާއިރު އެ ތަންތަނުގެ ހިސާބުކިތާބު ފެންނާނެ ކަމަށާއި އެކަމަކު އެ ވާހަކަތައް ތިން ވަނަ މީހެއްގެ ގާތުގައި ނުދެއްކެމަށް އެދިވަޑައިގަތެވެ.
"އެ ކުންފުންޏެއްގެ އިތުބާރާއި ޔަގީންކަން ވަކީލަކަށް އޮންނަން ޖެހޭނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި އެ މަނިކުފާނު މަސައްކަތް ފެއްޓެވިއިރާ މިހާރުގެ ހާލަތާ ވަރަށް ތަފާތެވެ.
އެ މަނިކުފާނު ވިދާޅުވީ ވަކީލުންނަކީ ރާއްޖެ އަށް އަންނަ ބަދަލާއި ތަރައްގީއާ އެކު، ކުރިއަރައިގެންދާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އޭގެ ތެރޭގައި ގާނޫނުތަކަށް އަންނަ ބަދަލުތަކަށް ހޭލުންތެރިވުމަކީ މުހިއްމު ކަމެއް ކަމަށާއި ކުރިއަށް ދާނީ އެ މަގުން ކަމަށް ވިދާޅުވި އެވެ.
ވަކީލު ކަމާ އަލަށް ގުޅުނު ޒުވާނުންތަކެއް މިއަދު ވަކީލުކަމުގެ ހުވާ ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"ގާނޫނަށް މި އަންނަ ބަދަލުތަކާއި ފެމިލިއާވެ، ޑިވެލޮޕްމަންޓާ އެއްވަރަށް ހިފަހައްޓާލައިގެން ކުރިއަށް ދެވޭނީ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެ މަގުން ދެވިއްޖެ ނަމަ ވަކީލުންނަށް ދާއިރާގައި ކުރިއެރުމާއި ބާއްޖަވެރިކަން ލިބޭނެ ކަމަށް ވިދާޅުވި އެވެ.
މެޖިސްޓްރޭޓުންގެ ހުވާކުރުމަށް މިދިޔަ ހަފްތާގައި ބޭއްވި ރަސްމިއްޔާތުގައި ވެސް އުއްތަމަ ފަނޑިޔާރު ވަނީ ނަސޭހަތް ދެއްވައިފަ އެވެ.
އެ މަނިކުފާނު ވަނީ ފަނޑިޔާރުން ހުކުމްތައް އިއްވާއިރު އިހުސާންތެރިކަމާ އެކު މަސައްކަތްކުރި ނަމަވެސް އިންސާފުވެރިވާން ވާނީ ޖަޒުބާތުގައި ނުޖެހި ކަމަށް ވިދާޅުވެފަ އެވެ.
ބެންޗް ކުޑަކުރުން ގާނޫނުއަސާސީއާ ހިލާފު:ބާ ކައުންސިލް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އާ ގައުނެއް
"މަސައްކަތް ކުރަންވީ އާންމު މަސްލަހަތު ހިމާޔަތްކުރަން"
"ވަކީލުކަމުގެ ހުއްދަ އަތުލާ އިސްލާހަކީ ނުރައްކަލެއް"
މާލީ ފައިދާއަށް ގާނޫނީ ދާއިރާއަށް ވަނުމަކީ ގޯސްކަމެއް
ނުފޫޒެއްގައި ނުޖެހި، ހައްގުތައް ނަގަހައްޓާނެ:މުއުތަސިމް
މުއުތަސިމް: ޝަރުއީ ދާއިރާގެ ބޮޑު މާޒީއަކާ ގުޅިފައި
ސުޕްރީމް ކޯޓުން ދިން ލިސްޓް ބާ ކައުންސިލް ގާނޫނާހިލާފު
އޮޅުންބޮޅުން: ޝަރުއީ ނިޒާމަށް އަވަސް ފަރުވާއެއް ބޭނުން
"ފަނޑިޔާރުން ކޮރަޕްޓޭ ބުނީ އިޖުރާއަތުތަކާ ހިލާފުވާތީ"