Roadha Mihaaru
ރާއްޖޭގެ ސަރަހައްދެއް ނުގެއްލޭނެ: ޕްރޮފެސަރު ޕަޔަމް

ރާއްޖޭގެ އިގްތިސާދީ ސަރަހައްދެއް ނުގެއްލޭނެ: ޕްރޮފެސަރު ޕަޔަމް

24 އޮކްޓޯބަރ 2022

ރާއްޖެ އާއި މޮރިޝަސްގެ ބޯޑަރުގެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާ ގޮތަކުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދެއް ނުގެއްލޭނެ ކަމަށާއި ދެ ގައުމަށް އެއްބަސްވުމަކަށް ނާދެވިގެން އުޅެނީ ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތަށް ދެ ގައުމުގެ އިގްތިސާދީ ސަރަހައްދު ފުށުއަރާ ހިސާބު ބަހާނެ ގޮތަކާ މެދުގައި ކަމަށް މި މައްސަލާގައި ރާއްޖޭގެ ފަރާތުން މަސައްކަތްކުރައްވާ ގާނޫނީ ޓީމްގެ ވެރިޔާ ޕްރޮފެސަރު ޕަޔަމް އަޚަވަން މިރޭ ވިދާޅުވެއްޖެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ރާއްޖެ އާއި މޮރިޝަސްގެ ބޯޑަރުގެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާ ގޮތަކުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދެއް ނުގެއްލޭނެ ކަމަށާއި ދެ ގައުމަށް އެއްބަސްވުމަކަށް ނާދެވިގެން އުޅެނީ ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތަށް ދެ ގައުމުގެ އިގްތިސާދީ ސަރަހައްދު ފުށުއަރާ ހިސާބު ބަހާނެ ގޮތަކާ މެދުގައި ކަމަށް މި މައްސަލާގައި ރާއްޖޭގެ ފަރާތުން މަސައްކަތްކުރައްވާ ގާނޫނީ ޓީމްގެ ވެރިޔާ ޕްރޮފެސަރު ޕަޔަމް އަޚަވަން މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާޗުއަލްކޮށް ބައިވެރިވެ ވަޑައިގަތް، އިންޓަނޭޝަނަލް މެރިޓައިމް ލޯގެ ޕްރޮފެސަރެއް ކަމަށްވާ ޕަޔަމް ވިދާޅުވީ، ކޮންމެ ގޮތަކަށް މައްސަލަ ނިމުނަސް ރާއްޖޭގެ އިގްތިސާދީ ހާއްސަ ސަރަހައްދެއް ނުގެއްލޭނެ ކަމަށެވެ. ފުށުއަރާ ސަރަހައްދު އެއްކޮށް ރާއްޖެ އަށް ލިބެންޖެހޭނެ ކަމަށް ބައެއް މީހުންނަށް ހީވާ ކަމަށާއި އެކަމަކު އެއީ ކަނޑުގެ ސަރަހައްދު ބެހުމުގައި އޮންނަ އުސޫލެއް ނޫން ކަމަށް ވިދާޅުުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސުވާލެއް އޮތީ ދެ ގައުމުގެ އިން ފުށުއަރާ 100،000 އަކަ ކިލޯމީޓަރުގެ ތެރެއިން 3،000 - 4،000 އަކަ ކިލޯމީޓަރުގެ ސަރަހައްދަކާ މެދުގަ އެވެ.

އެއީ ހިލާފު އުފެދޭ ސަރަހައްދުގެ ގާތްގަނޑަކަށް ފަސް ޕަސެންޓުގެ ސަރަހައްދެވެ.

މިއީ ފުޓްބޯޅަ މެޗެއްގައި އޮންނަ ގޮތަށް އެއްބަޔަކު މޮޅުވެ، އަނެއް ބަޔަކު ބަލިވާ ގޮތަށް އޮންނަ ކަމެއް ނޫން...އެއްވެސް ބަޔަކަށް ހުރިހާ އެއްޗެއް ނުދޭނެ: ޕްރޮފެސަރު ޕަޔަމް

ކޮންމެ ގައުމެއްގެ ވެސް އިގްތިސާދީ ހާއްސަ ސަރަހައްދު ކަމުގައި ބައިނަލްއަގުވާމީ ގޮތުން ކަނޑައަޅާފައި އޮންނަ 200 މޭލު އެއްކޮށް އެ ގައުމަކަށް ލިބެނީ އެހެން ގައުމެއްގެ އިމާ ފުށުނާރާ ގޮތަށް އޮތުމުން ކަމަށާއި ފުށުއަރާ ނަމަ އެ އޮންނަ އުސޫލަކުން ބަހަންޖެހޭނެކަން ޕަޔަމް ފާހަގަކުރެއްވި އެވެ. އޭނާ އިޝާރާތް ކުރެއްވީ އެގޮތަށް ބަހަން ޖެހުމުން ގެއްލޭ ބަޔަކީ އިގްތިސާދީ ސަރަހައްދު ގެއްލިގެން ދިއުން ނޫން ކަމަށް މާނަ ކުރައްވަމުންނެވެ. މިސާލެއްގެ ގޮތުން ދެއްކެވީ ރާއްޖޭގެ އުތުރުން ސްރީ ލަންކާ އާއި އިންޑިއާ އަށް ބައެއް ދޭންޖެހިފައި އޮތުމެވެ.

ޗާގޮސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމާފައިވާ ނިންމުމަށް އދ. ގެ އާންމު މަޖިލީހުގައި ރާއްޖޭން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމުމުން ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭނެ ކަމަށް ބައެއް މީހުން ބުނާ ވާހަކައާ ގުޅޭ ގޮތުން ޕަޔަމް ވިދާޅުވީ ހިޔާލު ތަފާތުވާ ސަރަހައްދު ބަހަން ޖެހިގެން އުޅެނީ ރާއްޖޭން އދ. ގައި ވޯޓު ދޭ ގޮތެއްގެ ސަބަބުން ނޫން ކަމަށެވެ.

ރާއްޖެ އާއި މޮރިޝަސްގެ އިން ފުށުއަރާ ހިސާބު ބެހުމުގައި ހިޔާލު ތަފާތުވާ ސަރަހައްދު (ދަނބުކުލައިން ފާހަގަކޮށްފައި)

ރާއްޖެ އާއި މޮރިޝަސްގެ އިން ފުށުއަރާ ހިސާބު ބެހުމުގައި ހިޔާލު ތަފާތުވާ ސަރަހައްދު (ދަނބުކުލައިން ފާހަގަކޮށްފައި)

އޭނާ ވިދާޅުވިގޮތުގައި، އިމުގެ މައްސަލަ ހައްލުކުރަން ޖެހެނީ މޮރިޝަސްއިން ހުށަހެޅި މައްސަލާގައި އައިސީޖޭގެ ނިންމުމަށް ބިނާކޮށް އިޓްލޮސް އިން މޮރިޝަސް އަށް އެ ސަރަހައްދުގެ މިލްކުވެރިކަމަށް ދައުވާކުރެވޭނެ ކަމަށް ކަނޑައެޅުމުން ކަމަށެވެ. އެއާ އެކު އިން ކަނޑައެޅުމުގައި މޮރިޝަސް އާއި ރާއްޖެއާ ދެމެދު ހިޔާލު ތަފާތުވެ އެ މަސައްކަތް ކުރަމުން އަންނަތާ ދެ އަހަރު ވެއްޖެކަން ޕަޔަމް ފާހަގަކުރެއްވި އެވެ.

ޕަޔަމް ވިދާޅުވީ މެރިޓައިމް މައްސަލަތައް ބަލައި ގޮތް ކަނޑައެޅުމުގައި އަމަލުކުރާ ގޮތްތަކެއް ހުންނަ ކަމަށާއި ރާއްޖޭން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމުމަކުން ޓްރައިބިއުނަލްގައި ހިނގާ މައްސަލަ އަށް އަންނާނެ ބަދަލެއް ނެތް ކަމަށެވެ.

ޕްރޮފެސަރު ޕަޔަމް ވިދާޅުވީ ރާއްޖޭގެ ކޭސް ވަރަށް ވަރުގަދަ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ރާއްޖޭން ޓްރައިބިއުނަލްގައި ވަކާލާތުކުރަނީ ވަރަށް ރަނގަޅަށް ކަމަށެވެ.

މެރިޓައިމް އެކި މައްސަލަތަކުގައި އެކި ގައުމުތައް މީގެ ކުރިން ތަމްސީލް ކުރައްވާފައިވާ ޕަޔަމް ވިދާޅުވި ގޮތުގައި މޮރިޝަސް އާއި ރާއްޖެއާ ދެމެދު މާބޮޑު "ޑިސްޕިއުޓް"އެއް ނެތެވެ. މައްސަލަ ހައްލު ނުވެގެން އުޅެނީ ބައިނަލްއަގުވާމީ ގާނޫނުގައި ބުނާ ގޮތަށް ކޮންމެ ގައުމެއްގެ އައްސޭރިފަށުން 200 މޭލު ގުނާއިރު ފުށުއަރާ ހިސާބު ބެހުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އެ ހިލާފަކީ މޮރިޝަސްގެ ބްލެމެން ރީފުން ފެށިގެން އެ ގައުމުން މިން އަޅަން ބޭނުންވާއިރު ރާއްޖޭން އެކަމާ ދެކޮޅު ހެދުމެވެ.

ޕްރޮފެސަރު ވިދާޅުވީ މިން އަޅަން ފަށަން ޖެހޭނީ ހިކިފަސް ރަށަކުން ފެށިގެން ކަމަށް ވާއިރު ބްލެމެން ރީފަކީ ހިކި ދިޔާގައި ނޫނީ ނުވެސް ފެންނަ ތަނަކަށް ވުމުން އެއީ ރަށެއްގެ ގޮތުގައި ޓްރައިބިއުނަލުން ބަލައިނުގަންނާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެއްވޭ ކަމަށެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ރާއްޖެ ތަމްސީލްކުރާ ޓީމުގެ ވެރިޔާ ޕްރޮފެސަރު ޕަޔަމް އަޚަވަން ރާއްޖޭގެ ދިފާއުގައި ވާހަކަ ދައްކަވަނީ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ރާއްޖެ ތަމްސީލްކުރާ ޓީމުގެ ވެރިޔާ ޕްރޮފެސަރު ޕަޔަމް އަޚަވަން ރާއްޖޭގެ ދިފާއުގައި ވާހަކަ ދައްކަވަނީ.

ރާއްޖޭން ވަކާލާތުކުރާ ގޮތަށް މައްސަލަ ނިމޭނެ ކަމުގެ އޮތީ ކިހާ ޔަގީންކަމެއްތޯ ސުވާލުކުރުމުން ޕްރޮފެސަރު ވިދާޅުވީ މި ކަހަލަ މެރިޓައިމް މައްސަލަތަކަކީ ވަކި ބަޔަކު މޮޅުވެ އަނެއް ބަޔަކު ހުސްއަތާ ދާންޖެހޭ ކަހަލަ މައްސަލަތައް ނޫން ކަމަށެވެ.

"މިއީ ފުޓްބޯޅަ މެޗެއްގައި އޮންނަ ގޮތަށް އެއްބަޔަކު މޮޅުވެ، އަނެއް ބަޔަކު ބަލިވާ ގޮތަށް އޮންނަ ކަމެއް ނޫން. މި ކަހަލަ މައްސަލަތަކުގައި ޓްރައިބިއުނަލުން ކޮންމެވެސް ވަރަކަށް ކޮމްޕްރަމައިޒް ކޮށްގެން ދެ ފަރާތަށް ވެސް އެ ބަޔަކު އެދޭ ގޮތަކަށް ކަންތައްތައް ކޮށްދެވޭތޯ ބަލާނެ. އެއްވެސް ބަޔަކަށް ހުރިހާ އެއްޗެއް ނުދޭނެ،" ޕްރޮފެސަރު ޕަޔަމް ވިދާޅުވި އެވެ.

ޕްރޮފެސަރު ވިދާޅުވީ ސުވާލަކީ ކޭސް ކާމިޔާބުވުމާއި ނުވުން ނޫން ކަމަށާއި ސުވާުލު އޮތީ މައްސަލަ އުފެދިފައިވާ ސަރަހައްދު ބަހާނެ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ކަނޑައެޅުމާ މެދުގައި ކަމަށެވެ.

ޗާގޮސް އަކީ ރާއްޖޭގެ ބައެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މިއަދު ވާހަކަ ދައްކަވާފައި ވާތީ، އެގޮތަށް ރާއްޖޭން ކްލެއިމް ކުރުމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން ޕްރޮފެސަރު ވިދާޅުވީ އެއީ ވާނެ ކަމެއް ނޫން ކަމަށާއި އައިސީޖޭ އިން މިހާރު ވަނީ ޗާގޮސް އަކީ މޮރިޝަސްގެ މިލްކެއް ކަމަށް ކަނޑައަޅާފައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ، ޗާގޮސް އަކީ ރާއްޖޭގެ ތަނެއް ކަމަށާއި އެހެންވެ އެތަން ދޫކުރެވެން ނެތް ކަމަށެވެ. އެ މަނިކުފާނުގެ އެ ވާހަކަފުޅަށް ބާރު ދީ، މަޖިލިހުގެ މިއަދުގެ ޖަލްސާގައި ބައެއް އެހެން މެމްބަރުން ވެސް ވާހަކަ ދެއްކެވި އެވެ.