Roadha Mihaaru
ރާއްޖޭން އެދެނީ ސަރަހައްދު ބޮޑުކުރުމާ ދެކޮޅުނުހަދަން

ރާއްޖޭން އެދެނީ ސަރަހައްދު ބޮޑުކުރުމުގެ ހުށަހެޅުމަށް މޮރިޝަސް ދެކޮޅު ނުހެދުން

30 އޮކްޓޯބަރ 2022

ރާއްޖޭގެ ދެކުނުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު 200 މޭލަށް ވުރެ ބޮޑުކުރުމަށް ރާއްޖޭން ހުށަހެޅުމުން އެކަމާ ދެކޮޅަށް މޮރިޝަސް ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަށް ހުށަހަޅައިގެން އުޅޭ މައްސަލަ އަނބުރާ ގެންދަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި އަޑުއެހުންތައް ނިންމާލަމުން ވެސް ރާއްޖޭން އެދެފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ރާއްޖޭގެ ދެކުނުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު 200 މޭލަށް ވުރެ ބޮޑުކުރުމަށް ރާއްޖޭން ހުށަހެޅުމުން އެކަމާ ދެކޮޅަށް މޮރިޝަސް ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަށް ހުށަހަޅައިގެން އުޅޭ މައްސަލަ އަނބުރާ ގެންދަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި އަޑުއެހުންތައް ނިންމާލަމުން ވެސް ރާއްޖޭން އެދެފި އެވެ.

އިޓްލޮސްގައި ކުރިއަށް ގެންދާ މައްސަލަ ފެށުމުގެ ގޮތުން މި މަހުގެ 20 ވަނަ ދުވަހު ރާއްޖޭން ދިން އިފްތިތާހީ ބަޔާނުގައި ވެސް ރާއްޖޭގެ އެޖެންޓެއްގެ ހައިސިއްޔަތުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިގޮތަށް އެދިވަޑައިގަތެވެ.

ސީއެލްސީއެސްގައި އޮތް މައްސަލަ އާއި އިޓްލޮސްގައި އޮތީ ދެ މައްސަލައެކެވެ.

މި މަހުގެ 24 ވަނަ ދުވަހު، އިޓްލޮސްގައި އޮތް މައްސަލައިގެ ފަހު ހުށަހެޅުންތައް ހުށަހަޅައި ނިންމާލި އިރު ވެސް ރިފްއަތު އެދިވަޑައިގަތީ ދެ ގައުމުގެ މެދުގައި މީގެ ކުރިން އުފެދިފައިވާ ހިލާފުތައް އެއްފަރާތްކުރުމުގެ ގޮތުން މޮރިޝަސް އިން ސީއެލްސީއެސްގެ މައްސަލަ އަނބުރާ ގެންދިއުމަށެވެ.

"އައިސީޖޭ އިން 2019 ވަނަ އަހަރު މޮރިޝަސްއާ އެއްކޮޅަށް ނެރުނު ލަފަޔަށް ފަހު އދ. ގެ އާންމު މަޖިލީހުގައި ރާއްޖޭން ދެން ވޯޓު ދޭނެ ގޮތް މިހާރު ވާނީ ސާފުކޮށްދީފައި. އަޅުގަނޑުމެންގެ އުންމީދަކީ ރާއްޖޭން އަމަލުކުރި ގޮތުގެ ސަބަބުން މޮރިޝަސް އިން ވެސް 2011 ވަނަ އަހަރު ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަށް ހުށަހެޅި މައްސަލަ އަނބުރާ ގެންދިއުން،" ރިފްއަތު ވިދާޅުވި އެވެ.

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އިމުގެ މައްސަލާގައި މިހާރު ހިލާފް އުފެދިފައި ވަނީ މި ޗާޓުގައި ދަނބު ކުލައިން ފާހަގަކޮށްފައިވާ ސަރަހައްދާ މެދު.

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އިމުގެ މައްސަލާގައި މިހާރު ހިލާފް އުފެދިފައި ވަނީ މި ޗާޓުގައި ދަނބު ކުލައިން ފާހަގަކޮށްފައިވާ ސަރަހައްދާ މެދު.

ސީއެލްސީއެސް އަށް މޮރިޝަސް އިން ވެސް މައްސަލަތަކެއް ހުށަހަޅާފައި ވާއިރު އެ އިން އެއްވެސް ކަމަށް އެއްވެސް އިރަކު ރާއްޖެއިން ދެކޮޅު ހަދާފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ. ރާއްޖެ އާއި މޮރިޝަސްގެ އިމުގެ މައްސަލަ އިޓްލޮސް އިން ބެލުމުގެ ބާރު އޮތްތޯ ކަނޑައެޅުމުގެ ކުރިން ރާއްޖޭން ވާހަކަ ދެއްކި އިރު ބުނެފައިވަނީ މޮރިޝަސް އިން މައްސަލަ ހުށަހަޅައިގެން އުޅެނީ އިމުގެ މައްސަލާގައި ދެބަސްވުމެއް އޮވެގެން ނޫން ކަމަށާއި ޗާގޮސްގެ ރަށްތަކުގެ ސިޔާދަތީ ބާރު ހޯދަން އދ. އަށް ހުށަހަޅައިގެން އުޅޭ ގަރާރަށް ތާއީދު ހޯދައި އެއަށް ބާރު ހޯދަން ކަމަށެވެ.

އެހެންވެ ރާއްޖޭން ބުނަނީ މޮރިޝަސް އިން ބޭނުންވާ ގޮތަށް އދ. ގައި ވޯޓު ދޭން ނިންމުމުން މޮރިޝަސްގެ ދައުވާ އަނބުރާ ގެންދިއުމަށް އެދޭ ކަމަށެވެ.

ޒަމާންވީ ސްޓޭންޑް ބަދަލުކުރުމުން

މިދިޔަ އޯގަސްޓް މަހުގެ 22 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅާ ބެހޭ ގޮތުން ރިފްއަތު ވިދާޅުވީ އެ ސިޓީގައި، 1965 ވަނަ އަހަރު ޗާގޮސް އިން މޮރިޝަސް ވަކިކުރުމުގެ ސަބަބުން އުފެދިފައިވާ ގާނޫނީ މައްސަލަތަކާ ގުޅޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ނެރެފައިވާ އިސްތިޝާރީ ލަފަޔާ އެއްކޮޅަށް އދ. ގެ އާންމު މަޖިލީހުގައި މީގެ ފަހުން ރާއްޖޭން ވޯޓު ދޭން ނިންމެވިކަން ބަޔާން ކުރައްވާފައިވާ ކަމަށެވެ. ރިފްއަތު ވިދާޅުވި ގޮތުގައި، އެ ލަފާގެ މައްޗަށް ބިނާކޮށް ޗާގޮސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރަން ޖެހޭނެ ކަމަށް އދ. ގެ އާންމު މަޖިލީހުގައި މިހާތަނަށް ނެގި ހުރިހާ ވޯޓެއްގައި ރާއްޖޭން ދެކޮޅަށް ވޯޓު ދިން ސަބަބު ވެސް ރައީސްގެ ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ.

ރިފްއަތު ވިދާޅުވީ ރާއްޖޭން 200 މޭލަށް ވުރެ ބޮޑު ސަރަހައްދެއް ހޯދަން ސީއެލްސީއެސް އަށް ހުށަހެޅީ މޮރިޝަސްއާ އެއްކޮޅަށް އައިސީޖޭ އިން 2019 ވަނަ އަހަރު ލަފާ ނެރުމުގެ އެތައް އަހަރެއް ކުރިން ކަމަށާއި މޮރިޝަސް އިން ޝަކުވާ ކޮށްގެން އުޅެނީ 2011 ގައި ކަމަށެވެ. އެކަމަކު ރާއްޖޭން އެ ހުރިހާ ކަމެއް މިހެން ހުއްޓާ ވެސް މޮރިޝަސްއަށް ވޯޓު ދެނީ އިސްތިއުމާރުކުރުމާ ދެކޮޅުހަދާތީ ކަމަށް ވިދާޅުވި އެވެ.

ރާއްޖެ އާއި މޮރިޝަސްގެ ހާއްސަ އިގްތިސާދީ ސަރަހައްދު އަދި ފުށުއަރާ ހިސާބު ފެންނަ ޗާޓެއް

ރާއްޖެ އާއި މޮރިޝަސްގެ ހާއްސަ އިގްތިސާދީ ސަރަހައްދު އަދި ފުށުއަރާ ހިސާބު ފެންނަ ޗާޓެއް

ރައީސްގެ ސިޓީފުޅާ ގުޅިގެން މޮރިޝަސް އިން ވަނީ އިޓްލޮސްގައި ހިނގާ މައްސަލައިގެ ބޭނުމަށް ބްލެންހެމް ރީފްގެ ދިރާސާއެއް ކޮށްފައި ވާތީ އެ ދިރާސާ ހަދަން ހިނގި ހަރަދު ހޯދަން ރާއްޖެއާ ދެކޮޅަށް ހުށަހެޅި މައްސަލަ އަނބުރާ ގެންދަން ނިންމިކަން އަންގަވާފައި ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ސެޕްޓެމްބަރު 23 ގައި މޮރިޝަސްގެ ބޮޑުވަޒީރު ފޮނުއްވި ސިޓީފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކަމުގައި ބާއްވަން ބޭނުންވާ ކަމަށާއި ޗާގޮސް އާއި ރާއްޖޭގެ ކަނޑުގެ މާހައުލު ރައްކާތެރިކޮށް އަދި އިންޑިއާ ކަނޑުގެ ސަލާމަތީ ރައްކާތެރިކަމަށް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭން އުންމީދުކުރަނީ ސީއެލްސީއެސް އަށް 2010 ވަނަ އަހަރު ރާއްޖޭން ހުށަހެޅި މައްސަލައާ ދެކޮޅަށް 2011 ވަނަ އަހަރު މޮރިޝަސް އިން ހުށަހެޅި މައްސަލަ، ދެ ގައުމުގެ ގާތް ގުޅުމަށް ރިއާޔަތްކޮށް މޮރިޝަސް އިން އަނބުރާ ގެންދާނެ ކަމަށް،" ރިފްއަތު ވިދާޅުވި އެވެ.

ރާއްޖޭން ސީއެލްސީއެސް އަށް ހުށަހެޅީ 200 މޭލަށް ވުރެ ސަރަހައްދު ބޮޑުކުރަން

ރާއްޖޭން އުޅެނީ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލަން ކަމަށް ތުހުމަތުކުރި ނަމަވެސް، ކަނޑުގެ ސަރަހައްދު ބެހުމުގެ މައްސަލަ އުފެދުނީ އާންމު އުސޫލުން ގައުމަކަށް ލިބޭ 200 މޭލުގެ ސަރަހައްދަށް ވުރެ ބޮޑު ސަރަހައްދެއް ހޯދަން ޖުލައި 26، 2010 ގައި ރާއްޖޭން ސީއެލްސީއެސް އަށް ހުށަހެޅުމުންނެވެ. އެހެންވެ އެކަމާ ދެކޮޅު ހަދައި އާ ހުށަހެޅުމެއް މޮރިޝަސް އިން ހުށަހެޅީ އެވެ. މިހާރު އިޓްލޮސްގައި ހިނގާ މައްސަލާގައި ދެ ގައުމުން ވެސް އެދިފައިވަނީ އެ ގައުމަކުން ލިބެން ޖެހޭނެ ކަމަށް ދައުވާކުރާ ބައި އަނެއް ގައުމެއްގެ ބަޔާ ފުށުއަރާ ހިސާބުތަކާ މެދު ގޮތެއް ނިންމައިދިނުމަށެވެ.

ރާއްޖޭގެ ގާނޫނީ ޓީމްގެ ބައެއް މެންބަރުން އިޓްލޮސްގެ އަޑުއެހުމެއްގައި.

ރާއްޖޭގެ ގާނޫނީ ޓީމްގެ ބައެއް މެންބަރުން އިޓްލޮސްގެ އަޑުއެހުމެއްގައި.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ގާނޫނުގައި އޮންނަނީ ރާއްޖޭގެ ބޭސްލައިން އިން ފެށިގެން 200 ނޯޓިކަލް މޭލާ ހަޔަމަށް ހާއްސަ އިގްތިސާދީ ސަރަހައްދު ކަނޑައަޅާއިރު، އެހެން ގައުމެއްގެ އިގްތިސާދީ ސަހަރައްދާ ފުށުއަރާ ނަމަ އެ ގައުމަކާ އެކު ހަދާ އެއްބަސްވުމެއްގެ ދަށުން އެ ބަޔަކާ މެދު ގޮތެއް ނިންމިދާނެ ކަމަށެވެ. އެކަމަކު އެހެން އެކަން ނުވެއްޖެ ނަމަ ޖެހެނީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީ (އަންކްލޮސް) ގައި އޮންނަ ގޮތަށް އެކަން ކުރާށެވެ. އިޓްލޮސްގައި މިހާރު ކުރިއަށް އެ ދަނީ އެ މަސައްކަތެވެ.

އަންކްލޮސް މުއާހަދާގައި އޮންނަ ގޮތުން ނަމަ ގައުމަކަށް 200 މޭލުގެ ކޮންޓިނެންޓަލް ޝެލްފެއް ލިބިފައި އޮތަސް ގުދުރަތީ ގޮތުން ބަލާއިރު ކޮންޓިނެންޓަލް ޝެލްފް 200 މޭލަށްވުރެ ބޭރަށް ދާ ނަމަ އެ ހިސާބަކަށް އިން ކަނޑައެޅޭނެ އެވެ. ރާއްޖޭން ވެސް އެދުނީ މިގޮތަށް 200 މޭލުން ބޭރުން ވެސް ބައެއް ހޯދުމަށެވެ. އެކަމަކު މޮރިޝަސް އިން އެ ހުށަހެޅުމަށް އިންކާރުކޮށް "ފޯމަލް ޕްރޮޓެސްޓް" ހުށަހަޅައި ކަނޑުގެ ސަރަހައްދު ބަހަން ހުށަހެޅީ އެވެ.

ރާއްޖޭން ބުނީ މޮރިޝަސް އާއި އިނގިރޭސި ވިލާތާ ދެމެދު ޗާގޮސްގެ މައްސަލާގައި އޮތް ދެބަސްވުން ހައްލު ނުކޮށް އަދި ޗާގޮސް އަކީ އިނގިރޭސިންގެ ބާރު އޮތް ތަނެއްގެ ގޮތުގައި އޮއްވައި އެ ސަަހަހައްދު ތެރެއިން މޮރިޝަސް އަށް އެއްވެސް ބަޔަކާ ދެކޮޅަށް މައްސަލަ ހުށަނޭޅެ ކަމަށެވެ. އެކަމަކު އިޓްލޮސް އިން ނިންމީ ރަށްތަކަށް ހިނގާނީ މޮރިޝަސްގެ ބާރު ކަމަށް ނިންމައިފަ އެވެ.

އެހެންވެ ރާއްޖޭން 200 މޭލުގެ ބޭރަށް ރާއްޖޭގެ އިން ކަނޑައަޅަށް ކުރި މަސައްކަތް ހުއްޓުމަކަށް އައީ އެވެ.