Roadha Mihaaru
މޮރިޝަސްއަށް ފޮނުވައި ސިއްރު ކުރި ސިޓީ އާއްމުކޮށްފި

މޮރިޝަސްއަށް ފޮނުވައި ކުރީގެ ސަރުކާރުން ހާމަކުރަން ދެކޮޅު ހެދި ސިޓީ އާއްމުކޮށްފި

19 ޑިސެމްބަރ 2023

މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހާމަކުރަން ދެކޮޅު ހެދި ސިޓީ މި ސަރުކާރުން މިއަދު އާއްމުކޮށްފި އެވެ.

މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހާމަކުރަން ދެކޮޅު ހެދި ސިޓީ މި ސަރުކާރުން މިއަދު އާއްމުކޮށްފި އެވެ.

ދިވެހި ކަނޑުން ބައެއް ވިއްކާލި ތުހުމަތުގައި އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ، ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސްގެ މައްސަލާގައި ރާއްޖޭން ދަމަހައްޓަމުން އައި ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ރައްޔިތުންގެ މަޖިލީހަށް ނުފޮނުވުމުގެ އިތުރުން ރައީސް އޮފީހުން އާއްމު ނުކޮށްގެންނެވެ.

އިދިކޮޅުން ކުރި ތުހުމަތާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފާޑުކިއުންތަކާ އެކު ވެސް އޭރުގެ ސަރުކާރުގެ ނިންމުމަކަށް ވީ ސިޓީ އާއްމު ނުކުރުމެވެ.

ކަނޑު ވިއްކާލި ކަމުގެ ފާޑުކިއުން ބޮޑުވުމުން ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި އެ ސިޓީ ލީކުކޮށްލި އެވެ. އެއީ ސައްހަ ސިޓީއެއް ކަމަށް އޭރުގެ ސަރުކާރުން ކަށަވަރުކޮށްދިނެވެ.

މޮރިޝަސްއަށް ފޮނުވި ސިޓީ ސަރުކާރުން މިއަދު އާއްމުކުރީ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުމުގެ މަސައްކަތް ކޮމިޓީއެއް އެކުލަވާލައި ފަށާފައިވާ ކަން ރައީސް އޮފީހުން ހާމަކުރި ނޫސް ބަޔާނާ އެކުގަ އެވެ. މި ސިޓީ އާއި ލީކުކުރި ސިޓީގައި ހުރީ އެއް ވާހަކަތަކެކެވެ.

ސިޓީގައި ކަނޑުން ބައެއް ދޫކޮށްލާ ވާހަކައެއް ނެތެވެ. އެކަމަކު ސިޓީ ފޮނުވީ މޮރިޝަސްގެ ބޮޑުވަޒީރާ އެކު ކުރެވުނު މަޝްވަރާތަކެއްގެ މަތިން ކަން އެނގެން އޮތް އިރު, އެ ވާހަކަތަކާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ރައީސް އޮފީހުގެ ރެކޯޑުތަކުން ފެންނަން ނެތް ކަމަށް ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

".... ދެ ގައުމުގެ ދެމެދުގައި އެއްބަސްވެވުނު ކަންކަމަކީ ކޮބައިކަން އެނގޭނެ ލިޔެކިޔުމެއް އަދި އަމަލީ ގޮތުން އެކަން ތަންފީޒުވިކަން އެނގޭނެ އެއްވެސް ރެކޯޑެއް ނުވަތަ ލިޔެކިޔުމެއް މިހާތަނަށް ބެލި ބެލުމުން ފެންނާކަށް ނެތެވެ،" ބަޔާނުގައިވެ އެވެ.

އާއްމުކުރި ސިޓީގައި ބުނެފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރާ ގުޅޭގޮތުން އދ. ގައި ދެން އެންމެ އަވަހަށް ނަގާ ވޯޓެއްގައި ރާއްޖޭން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެ ކަމަށެވެ. މީގެ ކުރިން މޮރިޝަސްއަށް ތާއީދު ނުކުރީ، ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފު ކަނޑައަޅަން އެކަމާ ގުޅޭ ބައިނަލްއަގުވާމީ ކޮމިޝަނަށް ރާއްޖޭން ހުށަހަޅާފައިވާ މައްސަލައާ މޮރިޝަސްގެ ސަރުކާރުން ދެކޮޅު ހަދާފައިވާތީ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

ނަމަވެސް، ޗާގޯސް ޖަޒީރާގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް ރާއްޖޭން ތާއީދު ކުރަނީ، ރާއްޖޭގެ ދެކުނުގެ ސަރަހައްދުން ޗާގޯސްއާ ފުށުއަރާ ސަރަހައްދުގެ އިން ވަކިކުރަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށްދާ މައްސަލައިގެ އިތުރުން ކޮންޓިނެންޓަލް ޝެލްފްގެ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާ ގޮތަށް ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

ކުރީގެ ސަރުކާރުން މި ސިޓީ އާއްމުނުކުރަން ޝަރުތުކޮށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީ އާއި ބާކައުންސިލާ ހިއްސާކުރި އެވެ. މަޖިލީހުގެ ކޮމިޓީން ނިންމާފައި އޮތީ، މޮރިޝަސް ސިޓީ ދިވެއްސަށް ތަރުޖަމާކޮށް، ކޮމިޓީގެ މަޝްވަރާ ސިއްރުނުކޮށް އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށެވެ.

އެކަމަކު އޭގެ ފަހުން މިހާތަނަށް މި ސިޓީއާ ގުޅޭ ބައްދަލުވުމެއް ހުޅުވާލައިގެން ބާއްވައިފައެއް ނުވެ އެވެ.