Roadha Mihaaru
މުއްދަތު ހަމަވެފައިވާ ހަނޑުލެއް ވިއްކަނީ!

މުއްދަތު ހަމަވާ ތާރީހު އޮޅުވާލައިގެން ހަނޑުލެއް ވިއްކާތީ ސަމާލުވާން އެދިއްޖެ

25 އޮކްޓޯބަރ 2022

ބާސްމަތީ ހަނޑުލުގެ ބާވަތެއްގެ މުއްދަތު ހަމަވެފައި ވަނިކޮށް، މުއްދަތު ހަމަވާ ތާރީހު ބަދަލުކޮށްގެން އޮޅުވާލައިގެން ވިއްކަމުންދާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ބާސްމަތީ ހަނޑުލުގެ ބާވަތެއްގެ މުއްދަތު ހަމަވެފައި ވަނިކޮށް، މުއްދަތު ހަމަވާ ތާރީހު ބަދަލުކޮށްގެން އޮޅުވާލައިގެން ވިއްކަމުންދާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނެފި އެވެ.

އެ އިދާރާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޕާކިސްތާނުގެ "އަލް ގަމަރު" ބްރޭންޑުގެ "ގޯލްޑް ޕްރީމިއަމް އެރޯމެޓިކް ވައިޓް ބާސްމަޓީ ރައިސް"ގެ މުއްދަތު ހަމަވެފައިވާ ފަސް ކިލޯގެ ޕެކެޓުތަކެއް، މުއްދަތު ހަމަވެފައި ނުވާ ކަމަށް ދައްކަން މުއްދަތު ހަމަވާ ތާރީހު ބަދަލުކޮށްގެން ރާއްޖޭގައި ވިއްކަމުންދާ ކަމަށެވެ.

އެމްއެފްޑީއޭ އިން ބުނިގޮތުގައި އެކަން ފާހަގަ ކުރެވުނީ އެ އޮތޯރިޓީގެ އިންސްޕެކްޝަނަކުންނެވެ. އެ ހަނޑޫ ޕެކެޓުގެ މުއްދަތު ހަމަވުމުން ވިއްކަމުން ދިޔައީ އޭގެ މުއްދަތު ހަމަވާ ތާރީހު ހުންނަ ތަނުގެ މަތީގައި ސްޓިކާއެއް ހަރުކޮށް، ތާރީހަށް ބަދަލު ގެނެސްގެން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

"މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ވިއްކުމަކީ އޭގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ގެއްލި އާންމު ސިއްހަތަށް ނުރައްކާ ވުމުގެ ފުރުސަތު އޮތް ކަމެކެވެ،" ބަޔާނުގައިވެ އެވެ.

އެހެންވެ، މުއްދަތު ހަމަވާ ތާރީހު ބަދަލުކޮށްގެން ކާބޯތަކެތި އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އެމްއެފްޑީއޭ އިން އެދުނެވެ. އެފަދަ ތަކެތި ބޭނުން ނުކުރުމަކީ ވެސް އެ އިދާރާގެ އިލްތިމާސެކެވެ.

ރާއްޖެ އަށް އެތެރެކުރާ ކާބޯތަކެތީގައި އެކި މައްސަލަތައް ހުރެގެން އެމްއެފްޑީއޭ އިން ވަނީ އެ ތަކެތި ބޭނުން ނުކުރަން ކުރިން ވެސް އެދިފަ އެވެ.

ހުއްދަ ނެތް ކާ ކުލައެއް އަޅައިގެން އުފައްްދާފައިވާ އައިސްކްރީމް ޕައުޑަރެއްގެ ބެޗެއް ރާއްޖެ އަށް އެތެރެވެގެން، އެ އައިސްކްރީމް ޕައުޑަރު ބާޒާރުން ނަގަން މިދިޔަ ސެޕްޓޭމްބަރު މަހު ނިންމި އެވެ. އަދި ޕެސްޓިސައިޑުން ތަގައްޔަރުވެފައިވާ އައިސްކްރީމްގެ ބާވަތެއް މިދިޔަ އޮގަސްޓް މަހު ބާޒާރުން ނެގި އެވެ.