ކާބޯތަކެތި އިޝްތިހާރު ކުރުމުގެ ކުރިން ހުއްދަ ނަގަން ލާޒިމްކޮށް، އެއާ ހިލާފުވާ ފަރާތްތަކުން 10،000ރ. އިން ޖޫރިމަނާކުރަން ފަށައިފި އެވެ.
26 ފެބުރުއަރީ 2025
ކާބޯތަކެތި އިޝްތިހާރު ކުރުމުގެ ކުރިން ހުއްދަ ނަގަން ލާޒިމްކޮށް، އެއާ ހިލާފުވާ ފަރާތްތަކުން 10،000ރ. އިން ޖޫރިމަނާކުރަން ފަށައިފި އެވެ.
އެމްއެފްޑީއޭއިން މިދިޔަ ބުރާސްފަތި ދުވަހު ނެރެ، އެ ދުވަހު އަމަލުކުރަން ފެށި "ކާބޯތަކެތި ރައްކާތެރިކުރުމާ ބެހޭ ގަވައިދު" ގައި ބުނީ އެއްވެސް ބާވަތެއްގެ ކާބޯއެއްޗެއް އިޝްތިހާރު ކުރެވޭނީ އެކަމުގެ ތަފްސީލުތައް "ދިރިތި" ޕޯޓަލް އިން ހުށަހަޅައި، ހުއްދަ ހޯދައިގެން ކަމަށެވެ.
އެގޮތަށް ހުއްދަ ދޫކުރަނީ ތިން އަހަރަށެވެ. ފާސްކުރި އިޝްތިހާރަށް ބަދަލެއް ގެނެސްފި ނަމަ އާ އިޝްތިހާރެއްގެ ގޮތުގައި ފާސްކުރަންޖެހެ އެވެ.
އެގޮތަށް ހުއްދަ ދިނަސް، ސިއްހަތާ ގުޅުން ހުރި ބައިނަލްއަގުވާމީ ޖަމިއްޔާއަކުން ނުވަތަ އިދާރާއަކުން އާއްމުކޮށް ބޭނުންކުރަން އެދިފައިވާ އެއްޗެއް ނޫންކަން ކަނޑައަޅާފައިވާ އެނާޖީ ޑްރިންކާއި ސޮފްޓް ޑްރިންކްސްއާ ކާބޮނޭޓެޑް ޑްރިންކްސް ނުވަތަ ފުޑް ސަޕްލިމެންޓާއި ނޫން ވެސް ކާބޯތަކެތި އިޝްތިހާރު ކުރެވޭނީ ހަމައެކަނި އޯޑިއޯ އާއި ވީޑިއޯއިންނެވެ.
އޯޑިއޯ/ވީޑިއޯ އިޝްތިހާރެއް ނަމަ 1،500ރ. އަދި އެނޫން އިޝްތިހާރެއް ނަމަ ހުއްދަ ނަގަން ޖެހޭނީ 1،000ރ. ގެ ފީއެއް ދެއްކުމަށް ފަހުގަ އެވެ.
ކާބޮނޭޓެޑް ޑްރިންކްސް/އެނާޖީ ޑްރިންކްސް އިޝްތިހާރު ކުރާ ނަމަ އެ ފީއަކީ 3،000ރ. އެވެ.
އެނާޖީ ޑްރިކްސް ނުވަތަ އެ ބާވަތެއްގެ އެއްޗެއްގެ އިޝްތިހާރުގައި އެއީ ކުޑަކުދިންނާއި މާބަނޑު މީހުންނަށް ނުރައްކާ ހުރި އެއްޗެއްކަން އެނގޭނެ ގޮތަށް ދިވެއްސާއި އިނގިރޭސި ބަހުން ލިޔެފައި ހުންނަން ޖެހެ އެވެ.
ކާބޯތަކެތި ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުގައި ބުނީ ކާބޯއެއްޗެހީގެ އެއްވެސް ބާވަތެއްގެ އެއްޗަކުން ސިއްހަތަށް ވަކި ފައިދާއެއް ކުރާނެ ކަމަށް ނުވަތަ އެކި ބަލިތަކުގެ ފަރުވާއަށް ރަނގަޅުވާނެ ކަމަށް ދޭހަވާ ގޮތަށް އިޝްތިހާރު ކުރުމަކީ މަނާކަމެއް ކަމަށެވެ. އެކަމަކު، ވަކި ނިއުޓްރިއެންޓެއްގެ ގޮތުން ހަށިގަނޑަށް ފައިދާހުރި ބައިތައް އެކުލެވޭ ކާނާއަކުން ސިއްހަތަށް ފައިދާކުރާނެ ވާހަކަ، ސާބިތުކުރެވޭ ނަމަ ޖުމްލަ ގޮތެއްގައި ބުނުމަކީ މައްސަލައެއް ނޫން ކަމަށް ގަވައިދުގައިވެ އެވެ.
އެކި ބާވަތުގެ ކިރު އިޝްތިހާރު ކުރާއިރު ތިން އަހަރުން ދަށުގެ ކުދިން އެއްވެސް ގޮތަކަށް ބޭނުން ކޮށްގެން ނުވާނެ ކަމަށް އުސޫލުގައިވެ އެވެ. އަދި ކާބޯތަކެތި އިޝްތިހާރު ކުރާއިރު އެއީ "އެންމެ މޮޅު"، "ދެވަނައެއް ނެތް"، "މިވަރެއް ނެތް" ފަދަ އިބާރާތްތައް ބޭނުންކުރުން މަނަލެވެ.
އޭގެ އިތުރުން، އަޔޮޑިން އަޅާފައި ހުންނަ ލޮނު ނޫން އެހެން ލޮނެއް އިޝްތިހާރުކުރުމަކީ ވެސް މަނާ ކަމެކެވެ.
އާއްމުން އެއްވެ އުޅޭ ތަންތަނުގައި ބާއްވާ ޕްރޮމޯޝަނަލް އިވެންޓުތަކުގައި އެނާޖީ ޑްރިންކާއި ކާބޮނޭޓެޑް ޑްރިންކާއި ފުޑް ސަޕްލިމެންޓްސް އަދި އެ ނޫން ވެސް ތަކެތި އިޝްތިހާރު ކުރުމަކީ މަނާ ކަމެކެވެ.
އެ އުސޫލުތަކާ ހިލާފަށް އިޝްތިހާރު ކޮށްފި ނަމަ 10،000ރ. އިން، ދެ ވަނަ ފަހަރަށް ތަކުރާރުކޮށްފި ނަމަ 100،000ރ. އިން އަދި ތިން ވަނަ ފަހަރު ނަމަ 300،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
ކާބޯތަކެތި ވިއްކާ ތަންތަނުގެ ބޮޑު އިންސްޕެކްޝަނެއް
މީދާ ފެނުނު ކެފޭ ހިންގަން އަލުން ހުއްދަ ދީފި
ބުޅާ މަހުގެ މައްސަލާގައި ނެގި ސާމްޕަލްގެ ނަތީޖާ ނުލިބޭ
މިއީ ސާފު ބަދިގެއަކުން ކާން ހެދުމަށް އިގުރާރެއް!
ކާން ހެޔޮނުވާނެ، މުޑުދާރު ކަމުގެ އިންތިހާ!
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލް ތަސްދީގު ކުރައްވައިފި
މުއްދަތު ހަމަވެފައިވާ ހަނޑުލެއް ވިއްކަނީ!
އިޝްތިހާރަކަށް ވާނީ "އެންމެ މޮޅު" ފަދަ އިބާރާތާ އެކު
ކާބޯތަކެތީގެ ވަގުތީ ގަވާއިދަށް އަމަލުކުރަން ވަގުތު ދީފި
ކެއިންބުއިމުގެ ގޯސް އާދަތައް؛ މި ތިބީ ނުރައްކަލުގައި