Roadha Mihaaru
ވާވޮށި ޓާޓަލް ފެސްޓިވަލް: ޑިޖިޓަލް ޕާޓްނަރަކީ ދިރާގު

ވާވޮށި ޓާޓަލް ފެސްޓިވަލް: ޑިޖިޓަލް ޕާޓްނަރަކީ ދިރާގު

26 އޮކްޓޯބަރ 2022

ރާއްޖޭގައި ބާއްވާ ފުރަތަމަ މަލްޓި އެޓޯލް ފެސްޓިވަލް، "ވާވޮށި ޓާޓަލް ފެސްޓިވަލް 2022" ގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ރާއްޖޭގައި ބާއްވާ ފުރަތަމަ މަލްޓި އެޓޯލް ފެސްޓިވަލް، "ވާވޮށި ޓާޓަލް ފެސްޓިވަލް 2022" ގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.

ބައިނަލްއަގުވާމީ ޖަމިއްޔާ، އޮލިވް ރިޑްލީ ޕްރޮޖެކްޓުން އިންތިޒާމުކުރާ މި ފެސްޓިވަލަކީ ރާއްޖޭގެ ވެލާ އާބާދީ ފާހަގަކޮށް، ރާއްޖޭގައި އުޅޭ ވެލާ އަދި އެހެނިހެން ކަނޑުގެ ދިރުންތަކަށް ކުރިމަތިވާ ނުރައްކާތަކާ މެދު ހޭލުންތެރިކަން އުފެއްދުމަށް ބާއްވާ ފެސްޓިވަލެކެވެ. ދިރާގުން ބުނީ އެ ކުންފުންޏަކީ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތް ކުރުމަށް ބާރުއަޅާ ކުންފުންޏެއް ކަމަށާއި، އެ ފެސްޓިވަލަކީ ތިމާވެށި ރައްކާތެރި ކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރިއަށް ދާނެ ފެސްޓިވަލެއް ކަމަށެވެ.

ދިރާގުން ބުނީ ހޮނިހިރު ދުވަހު ބާއްވާ ފެސްޓިވަލަށް ރާވާފައި ހުރި ހަރަކާތްތަކުގެ ތެރޭގައި، ގޮނޑުދޮށް ސާފުކުރުމާއި، ތިމާވެށީގެ އެކި ޖަމިއްޔާތަކުން "ކޮންޒަވޭޝަން ކޮންވާސެޝަންސް" ނަމުގައި ހޭލުންތެރިކުރުމުގެ ސެޝަންތައް ބޭއްވުމާއި، "ވާވޮށި ފެސްޓިވަލް ރެލީ"ގެ ނަމުގައި ޕެރޭޑެއް ބޭއްވުމާއި، ވެލާ ހިމާޔާތްކުރުމަށް ދަރިވަރުން ޕްލެޖުކުރުން ހިމެނޭ ކަމަށެވެ. އަދި އެ ފެސްޓިވަލާއި ގުޅުވައިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް މި މަހު ޕޯސްޓަރު ޑިޒައިން ކުރުމުގެ މުބާރާތަކަށް ހުޅުވާލާފައިވާ ކަން ވެސް ފާހަގަ ކުރި އެވެ.

އެ ފެސްޓިވަލަކީ ނުވަ ރަށެއްގެ ސްކޫލްތަކާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފެސްޓިވަލެކެވެ. އެ ހަރަކާތުގައި ބައިވެރިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ، ނ.ޅޮހި، ރ.ފައިނު، ބ.ގޮއިދޫ، ޅ.ހިންނަވަރު، ކ.ހުރާ، ކ.މާފުށި، ވ.ކެޔޮދޫ އަދި ސ.ފޭދޫ އެވެ.