Roadha Mihaaru

ޗާގޯސްގެ މައްސަލާގައި ރައީސްގެ ވާހަކަފުޅު ތެދުކަމަށް ހެކިވަން: އިމްރާން

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ އިމުގެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހައްދަވަނީ ތެދު ކަމަށް ހެކިވެވަޑައިގަންނަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ޗާގޯސް މައްސަލާގައި ރައީސްގެ ވާހަކަފުޅު ތެދު: އިމްރާން
ނަޖާހް މަސްއޫދު
ނަޖާހް މަސްއޫދު

27 އޮކްޓޯބަރ 2022

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ އިމުގެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހައްދަވަނީ ތެދު ކަމަށް ހެކިވެވަޑައިގަންނަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި، އިމުގެ މައްސަލަައާ ބެހޭ ގޮތުން ރައީސް ވިދާޅުވީ، އެ މައްސަލައިގައި ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ސަރުކާރުން ނިންމާފައި ނުވާނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅާ ގުޅުވައި މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި އިމްރާން ވިދާޅުވީ، ބަޔަކު ކިތަންމެ ނުރުހުނަސް ރައީސް ސޯލިހު ދެއްކެވީ ތެދު ބަސްފުޅެއް ކަމަށް އޭނާ ހެކިވެ ވަޑައިގަންނަވާނެ ކަމަށެވެ.

ތަފްސީލަށް ވަޑައިނުގެން އިމްރާން ވިދާޅުވީ، މޮރިޝަސް އާއި ރާއްޖޭގެ އިމުގެ މައްސަލަ "ހިނގަމުންދާ ގޮތް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ" ކަމަށެވެ.

އިމުގެ މައްސަލައިގައި ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާނެ އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށް ރައީސް ވިދާޅުވި އިރު، ރޭ އެމަނިކުފާނު ވިދާޅުވީ، އެ މައްސަލައިގައި ސަރުކާރުން މިހާރު ވެސް ދަމަހައްޓަމުން އަންނަނީ އެ ކަމުގައި އެންމެ ކުރިން ފެށިގެން ވެސް ދިވެހި ދައުލަތުން ދަމަހައްޓަމުން އައި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ދިފާއުކުރުމުގެ ސިޔާސަތު ކަމަށެވެ.

ނަމަވެސް އެކަމުގައި ވެސް ވަކި ބައެއްގެ އަމިއްލަ ބޭނުމަށް އަދި ސިޔާސީ މަގުސަދެެއް ހާސިލުކުރުމަށް ހަގީގަތް އެނގި ތިބެ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ފަތުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެ ވާހަކައާ ގުޅުވައި ރައީސް ވަނީ ދެ މޫނުގެ ވެރިންނަށް ނުވުމަށާއި ތެދުބަހުން ވާހަކަ ދެއްކުމަށް އެދިވަޑައިގެންފަ އެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ އިނގިރޭސި ވިލާތުން ޗާގޮސް ހިފައިގެން ތިބުން ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ކަމަށް ބުނެފަ މޮރިޝަސްއާ ރަށްތައް ހަވާލުކުރުމަށް އެޑްވައިޒަރީއެއް ނެރެފަ އެވެ. އަދި މޮރިޝަސްއިން ވަނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ރާއްޖެ އާއި އެ ޗާގޯސްއާ ދެމެދު ފުށުއަރާ ސަރަހައްދު ބެހުމަށް މައްސަލައެއް ހުށަހަޅައިފަ އެވެ.

ޗާގޮސްގެ މައްސަލާގައި ސަރުކާރަށް މިހާރު ފާޑު ކިޔަމުން ދަނީ މޮރިޝަސް އާއި ރާއްޖޭގެ އިމުން ފުށުއަރާ ސަރަހައްދު ބެހުމުގެ މައްސަލާގައި މިދިޔަ ހަފްތާގައި ރާއްޖޭން ހާމަ ކުރި ކަންކަމާ ގުޅިގެންނެވެ. މީގެ ކުރިން އދ.ގައި ޗާގޯސް މޮރިޝަސްއަށް ދިނުމާ ދެކޮޅަށް ރާއްޖޭން ވޯޓު ދިން ނަމަވެސް މީގެ ފަހުން އެފަދަ ވޯޓެއްގައި މޮރިޝަސްއަށް ތާއީދުކުރާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސް އަށް އަންގާފައިވާ ކަމަށް އިޓްލޮސްގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އިޓްލޮސްގައި ވިދާޅުވެފައިވެ އެވެ.

ނަމަވެސް އިން ކަނޑައަޅާ އިރު 200 ކިލޯމީޓަރު ގުނަން ފަށާ ހިސާބާ މެދު ދެބަސްވުން އުފެދި އިޓްލޮސްއަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖޭން އެދެނީ މޮރިޝަސް އިން ކުރާ ދައުވާ އަނބުރާ ގެންދިއުމަށް ކަމަށް ރިފްއަތު ވިދާޅުވެފައިވެ އެވެ.