Roadha Mihaaru
އިމުގެ މައްސަލާގައި މޮރިޝަސްއަށް ދުލެއް ނުދޭނަން: އޭޖީ

އިމުގެ މައްސަލާގައި މޮރިޝަސްއާ ދެކޮޅަށް ކުރާ ވަކާލާތުގައި އެއްވެސް ކަމެއް ބަދަލެއް ނުކުރާނަން: އޭޖީ އޮފީސް

24 އޮކްޓޯބަރ 2022

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދުގެ މައްސަލާގައި ރާއްޖޭން ދޫ ދީ، އެތަނުން ބައެއް ދޫކޮށްލަން ނިންމި ކަމަށް ބުނެ ވާހަކަ ދައްކާތީ ބަންޑާރަ ނައިބުގެ އޮފީހުން އެކަން ސާފުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ދިފާއުތައް ބަޔާންކޮށްދީފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދުގެ މައްސަލާގައި ރާއްޖޭން ދޫ ދީ، އެތަނުން ބައެއް ދޫކޮށްލަން ނިންމި ކަމަށް ބުނެ ވާހަކަ ދައްކާތީ ބަންޑާރަ ނައިބުގެ އޮފީހުން އެކަން ސާފުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ދިފާއުތައް ބަޔާންކޮށްދީފި އެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މިހާރު ކުރިއަށްދާ އަޑުއެހުންތަކުގައި ރާއްޖޭން އިމުގެ މައްސަލާގައި ސިޔާސަތު ބަދަލުކޮށް، އިމުގެ ބައެއް މޮރިޝަސްއަށް ދޫކޮށްލަން ނިންމީ ކަމަށް ވާހަކަ ދެކެވެން ފެށީ ޗާގޮސްގެ ރަށްތައް އިނގިރޭސި ވިލާތުން މޮރިޝަސްއާ ހަވާލުކުރަން އދ. އިން ނިންމި ނިންމުމަށް ވޯޓު ދޭނެކަން ރާއްޖޭން ހާމަކުރުމާ އެކުގަ އެވެ. ބަންޑާރަ ނައިބުގެ އޮފީހުން މިރޭ ދަންވަރު ނެރުނު ބަޔާނެއްގައި ބުނީ އދ.ގެ އާންމު މަޖިލީހުގައި ނަގާ ވޯޓަކާ ގުޅޭ ގޮތުން ނިންމި ނިންމުމާ މިހާރު ޓްރައިބިއުނަލްގައި ކުރިއަށްދާ މައްސަލަ އަކީ ދެ މައްސަލައެއް ކަމަށެވެ.

"ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލްގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ އެވެ." ބަޔާނުގައިވެ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނި ގޮތުގައި އިމުގެ މައްސަލާގައި ރާއްޖޭގެ ދިފާއު މައިގަނޑު ގޮތެއްގައި ބިނާކޮށްފައި ވަނީ ތިން ކަމެއްގެ މައްޗަށެވެ. އެއީ؛

● މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ހިކި ދިޔާގައި ފެންނަ ބްލެންހެމް ރީފުން ފެށިގެން ކަމުގައި އޮތަސް، ބައިނަލްއަގުވާމީ ކޯޓުތަކުން މިފަދަ މައްސަލަތަކުގައި މިހާތަނަށް ނިންމާފައިވާ ނިންމުންތަކަށް ރިޢާޔަތްކޮށް އެއީ ބޭސް ޕޮއިންޓްއެއް ކަމަށް ބަލައިގެން ނުވާނެކަން. އެ ސަރަހައްދު ބައިކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކޮށް ކާމިޔާބުވެއްޖެ ނަމަ ދިވެހިރާއްޖެއަށް 4,687 އަކަކިލޯމީޓަރުގެ އިތުރު ސަރަޙައްދެއް ލިބޭނެތީ އެސަރަޙައްދު ބައިކުރަން މޮރިޝަސް އިން ހުށަހަޅާފައިވާ ގޮތަށް އިއުތިރާޒްކުރުން.

● ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް(ސީއެލްސީއެސް) އަކީ އައުޓަ ކޮންޓިނެންޓަލް ޝެލްފްގެ ލިމިޓް ކަނޑައެޅުމަށް ހާއްސކޮށް އުފައްދާފައިވާ ކޮމިޝަން ކަމަށް ވާއިރު މި މައްސަލަ މިހާރު ބަލަމުންދާ ޓްރައިބިއުނަލްގެ ސްޕެޝަލް ޗެމްބަރަކީ އެފަދަ މައްސަލަތައް ބެލުމަށް ސައިންޓިފިކް އެކްސްޕާޓުން ފަދަ ޚާއްސަ ޚަބީރުން ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ޗެމްބަރެއްކަމުގައިނުވާތީ، ދިވެހިރާއްޖޭގެ ފަރާތުން ސީއެލްސީއެސް އަށް 2010 ވަނަ އަހަރު ހުށަހަޅާފައިވާ ހުށަހެޅުމާ އެއްގޮތަށް އެ ކޮމިޝަނުން އައުޓަ ކޮންޓިނެންޓަލް ޝެލްފާ މެދު ގޮތެއް ކަނޑައެޅުމަކީ ދިވެހިރާއްޖެއަށް އެންމެ ފައިދާހުރި ގޮތްކަމަށް ފާހަގަކުރެވޭ. އެހެންވެ އައުޓަ ކޮންޓިނެންޓަލް ޝެލްފާ ގުޅޭ ގޮތުން މޮރިޝަސްއިން ހުށަހަޅާފައިވާ ހުށަހެޅުން ޓްރައިބިއުނަލްގެ ސްޕެޝަލް ޗެމްބަރަށް ނުބެލޭނެ ކަމަށް ހުށަހެޅުން؛

● ރާއްޖޭން ހުށަހަޅާ ހުށަހެޅުން ބަލައިނުގަނެ، އައުޓަ ކޮންޓިނެންޓަލް ޝެލްފާ ގުޅޭ މައްސަލަ ބެލޭނެ ކަމަށް ޓްރައިބިއުނަލް އިން ނިންމި ނަމަވެސް އައުޓަ ކޮންޓިނެންޓަލް ޝެލްފް ކަނޑައެޅުމުގެ ގޮތުން ހުށަހަޅަންޖެހޭ "ނެޗުރަލް ޕްރޮލޮންގޭޝަން" އާގުޅޭ ސައިންޓިފިކް އަދި ޓެކްނިކަލް ހެކިތައް މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިނުވާތީ، މޮރިޝަސްއަށް އައުޓަ ކޮންޓިނެންޓަލް ޝެލްފް ހައްގުނުވާ ބަޔާންކުރުން.

ރާއްޖެ އާއި މޮރިޝަސްގެ އިން ފުށުއަރާ ހިސާބު ދައްކައިދޭ ޗާޓެއް

ރާއްޖެ އާއި މޮރިޝަސްގެ އިން ފުށުއަރާ ހިސާބު ދައްކައިދޭ ޗާޓެއް

މައްސަލަ މިހާރު ގޮސް އޮތް ހިސާބު ސާފުކޮށްދެމުން ބަންޑާރަ ނައިބުގެ އޮފީހުން ބުނީ އޯގަސްޓް 23، 2019 ގައި މޮރިޝަސްގެ ފަރާތުން ރާއްޖެއާ ދެކޮޅަށް ހުށަހެޅި މައްސަލަ ބަލައި ކަނޑުގެ ސަރަހައްދުގެ ބައުންޑަރީ ކަނޑައެޅުމުގެ އިހްތިސާސް ޓްރައިބިއުނަލަށް ލިބިގެންނުވާކަމަށް އިޖުރާއީ ގޮތުން ދިވެހިރާއްޖެއިން އައީ ފާހަގަކުރަމުންނެވެ. ނަމަވެސް ޓްރައިބިއުނަލުން ޖެނުއަރީ 28، 2021 ގައި މައްސަލަ ބަލަން ނިންމުމުން މިހާރު ކުރިއަށްދަނީ ދެ ގައުމުން ލިޔުމުން ޖަވާބުދާރީވުމުގެ މަރުހަލާ އެވެ.

"މި މައްސަލައިގައި ދިވެހިރާއްޖޭގެ ފަރާތުން ލިޔުމުން ޖަވާބު ހުށަހަޅާފައިވަނީ ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހޯދައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް، ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކުރުމަށް އިސްކަންދީގެންނެވެ." ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައިވެ އެވެ.

މި މައްސަލައަކީ ދިވެހިރާއްޖެ ފަދަ މަސްވެރިކަމަށް ބަރޯސާވާ ގައުމަކަށް މުހިންމު މައްސަލައެއް ކަމަށާއި ދިވެހިރާއްޖެ ތަމްސީލުކުރުމަށްޓަކައި މި ދާއިރާއިން ފާހަގަކޮށްލެވޭ ތައުލީމާއި ތަޖުރިބާ ހުރި ބައިނަލްއަގުވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ޚަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް އައްޔަންކޮށްފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ. މި މައްސަލައިގައި ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނީ އުސޫލުތަކާއި ނިންމުންތަކުގައިވާ ގޮތުގެ މަތިން ޓްރައިބިއުނަލްގައި ދިވެހިރާއްޖޭގެ މަސްލަޙަތުތައް އެންމެ ފުރިހަމައަށް ވާނީ ދިފާއުކޮށްފައި ކަމަށް ބުންޏެވެ.

ރާއްޖޭން ބަދަލުކުރި ވިސްނުން

ޗާގޯސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން 2019 ގައި އައިސީޖޭ އިން ނިންމި ނިންމުމަށް ރާއްޖޭން މީގެ ކުރިން އދ. ގައި އައީ ދެކޮޅުހަދަމުންނެވެ. އެކަމަކު މިހާރު ވަނީ އދ.ގައި މި މައްސަލާގައި އެއްކޮޅަށް ވޯޓު ދޭނެ ކަމަށް ހާމަކޮށްފަ އެވެ. ބަންޑާރަ ނައިބުގެ އޮފީހުން ބުނީ އެ ނިންމުމާ ގުޅުވައިގެން އދ.ގެ އާންމު މަޖިލީހުގައި ދޭ ވޯޓުގެ މައްސަލައާ، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށެވެ.

"އދ. ގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ލުމަކުން، ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީވަމުންއައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެއެވެ."

އައިސީޖޭ އިން ފެބްރުއަރީ 2019 ގައި، އިނގިރޭސިވިލާތުން ޗާގޮސް އިސްތިއުމާރުކޮށްފައި އޮތުން ނިމުމަކަށް ގެނެސް އެތަން ވީ އެންމެ އަވަހަކަށް މޮރިޝަސްއާ ހަވާލުކުރަންޖެހޭކަމަށް ކަނޑައެޅި އެވެ. އަދި ހަ މަސްދުވަހުގެ ތެރޭގައި ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލައި އދ.ގެ އާންމު މަޖިލީހުގައި މެއި 22، 2019 ގައި ފާސްކުރި އެވެ. އެ ގަރާރު ނެރެފައިވަނީ 116 ގައުމެއްގެ ތާއިދާއެކުގައި ކަމާއި އެކަމަކު ރާއްޖެއިން އެއާ ދެކޮޅަށް ވޯޓް ދިނީ، ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށްވުރެ އިތުރުކުރުމަށް ރާއްޖޭން ސީއެލްސީއެސް އަށް ޖުލައި 26، 2010 ގައި ހުށަހެޅި ހުށަހެޅުމަށް މޮރިޝަސްއިން ދެކޮޅުހަދައި، މާޗް 24، 2011 ގައި "ފޯމަލް ޕްރޮޓެސްޓް" ހުށަހެޅުމުން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް ރާއްޖެއަކީ ޑީކޮލޮނައިޒޭޝަން ނުވަތަ އިސްތިއުމާރުތައް ނައްތާލުމަށް އަބަދުވެސް ތާއީދުކުރާ ގައުމެއް ކަމަށާއި މިހާރު މޮރިޝަސް އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވަމުން އަންނަ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުގައި ބަޔާނުގައި ބުނެފައިވެ އެވެ،

ދިވެހިރާއްޖެއިން ވެސް މޮރިޝަސްއާ އެއްކޮޅަށް މި އަހަރުގެ އދ.ގެ އާންމު މަޖިލީހުގައި ވޯޓުލާން ނިންމައި، އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޓީފުޅަކުން މޮރިޝަސްގެ ބޮޑުވަޒީރަށް އެންގެވިކަން، މިހާރު ޓްރައިބިއުނަލްގައި ހިނގަމުންދާ އަޑުއެހުމުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ ހާމަކުރައްވައިފަ އެވެ.

"ޔޫއެން ޖެނެރަލް އެސެމްބްލީގައި ބަހުސްކުރެވޭ ވަކި ކަމެއްގައި ވަކި ގޮތަކަށް ވޯޓު ދިނުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅިފައިވާ، ކަމެކެވެ. އަދި ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (މ) އަށް ބަލާއިރު، ޚާރިޖީ ސިޔާސަތު ކަނޑައެޅުމާއި، ހިންގުމާއި، އެ ސިޔާސަތު ހިނގާ ނުހިނގާ ގޮތް ބަލައި، ބޭރު ޤައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ އެކު ގުޅުން ގާއިމުކޮށް ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެކެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

ޓްރައިބިއުނަލްގައި މިހާރު ކުރިޔަށްދާ މައްސަލައަކީ ރާއްޖެ ބައިވެރިވެފައިވާ މުއާހަދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގޮތް ނިންމަންޖެހޭ، މުޅިން ތަފާތު މައްސަލައެއް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ، އަދި އައިސީޖޭގެ ނިންމުން ތަންފީޒުކޮށް ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލާ ގަރާރަށް އދ.ގައި ތާއީދުކޮށް ވޯޓު ލުމުގެ ސަބަބުން ޓްރައިބިއުނަލްގައި ކުރިޔަށްދާ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް، ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.