Roadha Mihaaru
އަދާލަތުން ކައުންސިލް އިންތިހާބު ބޮއިކޮޓްކޮށްފި

އީސީއާ މެދު ހިތްހަމަނުޖެހިގެން އަދާލަތުން އިންތިހާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނުގެ އަމަލުތައް ހުރި ގޮތުން ފެންނަނީ ވަކި ބަޔަކަށް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކޮށްދޭން ކުރެވެން އޮތް މަސައްކަތެއް ކުރާތަން ކަމަށާއި އެފަދަ އިންތިހާބެއްގައި ބައިވެރި ނުވާން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ރޭ ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިލެކްޝަންސް ކޮމިޝަނުގެ އަމަލުތައް ހުރި ގޮތުން ފެންނަނީ ވަކި ބަޔަކަށް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކޮށްދޭން ކުރެވެން އޮތް މަސައްކަތެއް ކުރާތަން ކަމަށާއި އެފަދަ އިންތިހާބެއްގައި ބައިވެރި ނުވާން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ރޭ ނިންމައިފި އެވެ.

އަދާލަތުން ކުރިން ނިންމާފައި އޮތީ، އެ ޕާޓީން ކޯލިޝަން ހަދާފައިވާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްއޯޔޫ)އާ ގުޅިގެން އިންތިހާބަށް ކެންޑިޑޭޓުން ނެރުމަށެވެ.

ނަމަވެސް މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައި ރޭ ނިންމީ އެ ޕާޓީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބަށް އެއްވެސް ކެންޑިޑޭޓަކު ނުނެރުމަށެވެ. އެ ގޮތަށް ނިންމަން ޖެހުނު ގިނަ ސަބަބުތަކެއް އަދާލަތު ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނުގައި ތަފްސީލްކޮށްދީފައިވެ އެވެ.

އެ ޕާޓީން ބުނީ ދިވެހި ރާއްޖޭގެ ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމް ހަރާބުކޮށް، އިލެކްޝަންސް ކޮމިޝަނުން ހުރިހާ ނިންމުންތަކެއް ވެސް ނިންމަނީ ސަރުކާރު ހިންގާ ފަރާތަށް ލާބަ ހުރި ގޮތަކަށް ކަމަށެވެ. މި މަހު 14 ގައި ބާއްވަން އިއުލާންކުރި އިންތިހާބުގެ ބަދަލުގައި އެޕްރީލް އަށެއްގައި އާ އިންތިހާބެއް ބާއްވަނީ، ގާނޫނު އަސާސީގެ ދަށުން ލާޒިމްކުރާ އިންތިހާބު ބޭއްވުމުގެ ބަދަލުގައި ވަކި މީހަކު އަންގާ ބަޔަކަށް ކައުންސިލްތަކުގެ މަގާމް ހަވާލުކުރަން ދައްކާ ހުއްޖަތެއްގެ ގޮތުން ކަމަށް އެ ޕާޓީން ބުންޏެވެ.

އަދާލަތުން ބުނިގޮތުގައި ގާނޫނޫއަސާސީން ލާޒިމްކޮށްފައިވާ ގޮތަށް ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިހުމާލުވެ، ރައްޔިތުންގެ ހައްގުތައް ނިގުޅައިގެންފަ އެވެ. އަދާލަތުން ދެކެނީ، އެޕްރީލް 8ގެ އިންތިހާބަކީ ރައްޔިތުންގެ އަތުން ފޭރިގެންފައިވާ ކައުންސިލް އިންތިހާބު ސައްހަ ކަމުގެ ސިއްކަ ޖަހައިދޭން ބާއްވާ އިންތިހާބެއް ކަމަށެވެ.

"އިސްވެ ދެންނެވުނު ފަދައިން ދިވެހި ރައްޔިތުންގެ ކިބައިން ނުހައްގުން އިންތިހާބެއް ނިގުޅައިގަތުމަކީ ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތާއި ދިވެހި ރާއްޖޭގެ ގާނޫނުއަސާސީއާ ދެކޮޅަށް ހިންގޭ އިމެއް ނެތް ބޭއިންސާފު ޖަރީމާއެކެވެ،" އަދާލަތު ޕާޓީގެ ބަޔާނުގައިވެ އެވެ.

އަދާލަތުން ބުނިގޮތުގައި ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ނާއިންސާފު ޖަރީމާތަކާ އެ ޕާޓީން ދެކޮޅެވެ.

ކައުންސިލް އިންތިޚާބު އޭޕްރީލް 8 ގައި ބާއްވަން ނިންމީ މި މަހުގެ 14 ގައި އިންތިޚާބު ބާއްވަން ނިންމާފައި ވަނިކޮށް އިތުރު ދެ މަހަށް އެ އިންތިޚާބު ފަސް ކުރަން ސިވިލް ކޯޓުން މިދިޔަ މަހު ހުކުމް ކުރުމުންނެވެ. އެގޮތަށް ހުކުމް ކުރީ އިންތިޚާބަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ ވެރިކަން ކުރާ ޕީޕީއެމުން ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.