Roadha Mihaaru
އިންތިހާބުގެ ބޮޑު މައްސަލަ: ވަގުތު އިތުރުކުރުން

އިންތިހާބުގެ ބޮޑު މައްސަލަ: ހުރިހާ ފޮއްޓެއްގެ ވަގުތު އިތުރުކުރުން

06 މެއި 2017

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނާ ހިލާފަށް، ވޯޓުލުން ހަތަރު ގަޑި އިރަށް ލަސްކުރުން، މިއަދުގެ ކައުންސިލް އިންތިޚާބުގެ އެންމެ ހޫނުވި މައްސަލަ އަށް ވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނާ ހިލާފަށް، ވޯޓުލުން ހަތަރު ގަޑި އިރަށް ލަސްކުރުން، މިއަދުގެ ކައުންސިލް އިންތިޚާބުގެ އެންމެ ހޫނުވި މައްސަލަ އަށް ވެއްޖެ އެވެ.

އިންތިހާބުގެ ވޯޓުލުން އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން އިއުލާންކޮށްފައި ވަނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އެކަމަކު ބައެއް ފޮށިތަކަށް ވޯޓު ލުން ފެށުން ލަސްވުމާ ގުޅިގެން ކޮމިޝަނުން ފުރަތަމަ ނިންމީ އެ ފޮށިތަކަށް ވޯޓު ލާ ވަގުތު އިތުރުކުރުމަށެވެ. އެގޮތަށް އިއުލާންކުރުމަށް ފަހު، އޭގެ ކުޑައިރުކޮޅެއް ފަހުން، އެ ކޮމިޝަނުން ނިންމީ ހުރިހާ ފޮށިތަކަކަށް ވޯޓު ލާ ވަގުތު ވެސް އިތުރުކުރާށެވެ. އެއީ ހެނދުނު އަށެއްގައި ފެށި ފޮށިތަކަށް ވޯޓު ލުން ހައެއް ޖެހުމާ ހަމައަށް އަދި އޭގެ ފަހުން ފެށި ފޮށިތައް ރޭގަނޑު އަށަކާ ހަމައަށް ހުޅުވާފައި ބަހައްޓާށެވެ.

ކޮމިޝަނުގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވި ގޮތުގައި އެހެން ނިންމީ "ސިޔާސީ ޕާޓީތަކަކުން ހުށަހަޅައިގެން" ކޮމިޝަނުގައި މަޝްވަރާކުރުމަށް ފަހު އެވެ. އަދި ވަގުތު އިތުރުކުރަން ގާނޫނީ ހުރަހެއް އޮތް ކަމަށް ކޮމިޝަނަށް ނުފެންނާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ޝަކުވާތަކެއް ލިބުނު، ކިޔޫ ބޮޑުވުމާއި ތޮއްޖެހުން ބޮޑުވުމުގެ. ސިޔާސީ ޕާޓީތަކަކުން ވަގުތު އިތުރުކުރަން ހުށަހަޅާފައި ވާތީއާ އެކު ކޮމިޝަނުން ވޯޓުލާ މަރުކަޒުތަކަށް ގޮސް ބަލާފައި، ގާނޫނީ ގޮތުން ހުރަހެއް އޮތް ކަމަށް ނުފެންނާތީވެ ވަގުތު އިތުރުކުރީ،" އަކްރަމް ވިދާޅުވި އެވެ.

އެކަމަކު އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ 13 ވަނަ މާއްދާގެ ށ. ގައި ބުނަނީ "ވޯޓު ނެގުން ބާއްވާ ތާރީޚާއި ވޯޓު ނަގާ ގަޑި އާއި އާންމު އުސޫލެއްގެ ގޮތުން ވޯޓު ނަގައި ނިންމާ ގަޑި އާއި ވޯޓު ގުނަން ފަށާ ގަޑި" އިންތިޚާބު ބާއްވާކަން އިއުލާނުކުރާއިރު އާންމުކޮށް އަންގައި އިއުލާނުކުރަން ޖެހޭ" ކަމަށެވެ. އެހެންކަމުން ސިޔާސީ ޕާޓީތަކަކުން އެދުނަސް އިލެކްޝަނަށް ވަގުތު އިތުރެއް ނުކުރެވޭނެ އެވެ.

ލޯކަލް ކައުންސިލް އިނތިްހާބުގެ ވޯޓުލުން ނިންމާލި ވޯޓު ފޮއްޓެއްގެ ވޯޓު ގުނަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

ލޯކަލް ކައުންސިލް އިނތިްހާބުގެ ވޯޓުލުން ނިންމާލި ވޯޓު ފޮއްޓެއްގެ ވޯޓު ގުނަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ބުނިގޮތުގައި ވޯޓުލުމުގެ މުއްދަތު އިތުރުކުރީ އެ ޕާޓީތަކާ މަޝްވަރާ ނުކޮށެވެ. އެއާ އެކު އިންތިހާބާ ބެހޭ ގައުމީ ލަފާ ދޭ ކޮމިޓީގެ މަޝްވަރާ ވެސް މިކަމުގައި ހޯދާފައެއް ނުވެ އެވެ.

ވަގުތު އިތުރު ކުރުމަށް އެދުނީ ކޮން ޕާޓީތަކަކުންތޯ ސުވާލުކުރުމުން އިލެކްޝަނުން ބުނީ "އިންތިހާބުގައި ބައިވެރިވި ޕާޓީތަކަކުން" ކަމަށެވެ. އެ ޕާޓީތަކުގެ ނަން ނުބުނި ނަމަވެސް އެމްޑީޕީ އާއި ޖޭޕީ ފިޔަވައި ދެން އިންތިހާބުގައި ވާދަކުރަނީ ވެރިކަންކުރާ ޕީޕީއެމް އާއި އެމްޑީއޭގެ އިތުރުން ޑީއާރްޕީންނެވެ. އެކަމަކު ޑީއާރްޕީން އިންތިހާބުގައި ވާދަކުރަނީ އެންމެ ކެންޑިޑޭޓެކެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އިންތިހާބުގެ ކަންކަމާ ގުޅޭ ގާނޫނުގައިވާ ގޮތުން، ކުރިން ކަނޑައަޅާފައިވާ ވަގުތަށް ވުރެ އިތުރު ވަގުތު ވޯޓުލާން ދިނުމަކީ މަނާ ކަމެއް ކަމަށެވެ. އަދި މިކަން ކުރެވޭނެ ހަމައެކަނި ހާލަތަކީ ވޯޓުލުމަށް ކިޔޫގައި ތިބި މީހުން، ވަގުތަށް ވޯޓުލާ ނުނިމުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެ ގާނޫނާ ހިލާފަށް އިލެކްޝަންސް ކޮމިޝަނުން، ވޯޓު ފޮށިތައް ހަވީރު ހައެއް ޖަހާއިރު އާއި ރޭގަނޑު އަށެއް ޖަހާއިރު ބަންދު ކުރަން ނިންމީ "ނާޖާއިޒު ނުފޫޒެއް" ވޯޓަށް ފޯރުވުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ހުސެއިން ރަޝީދު ވިދާޅުވީ އިލެކްޝަނުން އެގޮތަށް ނިންމީ އެއްވެސް ޕާޓީއެއްގެ ލަފާ ނުހޯދާ ކަމަށެވެ.

"ވޯޓުލާ ވަގުތު އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނާ ހިލާފަށް. މިއީ ވަކި ގޮތަކަށް ނަތީޖާ ނެރެން ކުރި ކަމެއް،" އޭނާ ވިދާޅުވި އެވެ.

ހުސެން ވިދާޅުވި ގޮތުގައި އިންތިހާބުގައި ވަކި އަދަދަކަށް ވޯޓު ނުލުމުން ވަގުތު އިތުރު ކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫނެވެ.

ހަސަން ލަތީފު ވިދާޅުވީ އިލެކްޝަނުން އެގޮތަށް ހަމަޖެއްސީ ގާނޫނާ ހިލާފަށް އަދި ވަކި ބަޔަކަށް ފުރުސަތު ބޮޑުކުރުމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އިލެކްޝަންސްގައި މިހާރު ތިއްބެވީ ބޮޑު އިންތިޚާބެއް ބޭއްވެވޭވަރުގެ ގާބިލް މެމްބަރުންނެއް ނޫނެވެ.