Roadha Mihaaru

އެސްއޯއީތަކުގެ ބިޑްތަކަކީ ވަކި މީހަކަށް ފަހާ ލިބާހެއް: އޭސީސީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައެއް ބިޑްތަކަށް އިއުލާންކުރަނީ ޝަރުތުތައް ވަކި މީހަކަށް ނުވަތަ ވަކި ކުންފުންޏަކަށް ހެޔޮވަރުވާނެ ހުރިހާ ގޮތަކަށް "ލިބާސް ފަހާފައި" ކަން ތަހުގީގުކުރަން ހުށަހަޅާ މައްސަލަތަކުން އެނގޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އެސްއޯއީތަކުގެ ބިޑު ހުންނަނީ ވަކި މީހަކަށް ފަހާފައި!
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

31 އޮކްޓޯބަރ 2022

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައެއް ބިޑްތަކަށް އިއުލާންކުރަނީ ޝަރުތުތައް ވަކި މީހަކަށް ނުވަތަ ވަކި ކުންފުންޏަކަށް ހެޔޮވަރުވާނެ ހުރިހާ ގޮތަކަށް "ލިބާސް ފަހާފައި" ކަން ތަހުގީގުކުރަން ހުށަހަޅާ މައްސަލަތަކުން އެނގޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީ އާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއި ފުލުހުންނާއި ކަމާގުޅޭ އެހެން އިދާރާތަކުގެ ވެސް ބައިވެރިވުމާ އެކު ކުރިއަށް ގެންދާ އެންޓި ކޮރަޕްޝަން ކޮންފަރެންސްގައި އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް ވަނީ އެސްއޯއީތައް މެދުވެރިވެ ހިޔާނާތް ހިންގާ ގޮތުގެ ތަފްސީލް ހިއްސާކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ ކޮމިޝަނަށް ތަހުގީގުކުރަން ހުށަހަޅާ ގިނަ އަދަދެއްގެ މައްސަލަތައް އެސްއޯއީތަކަށް ބޮޑެތި ތުހުމަތުތަކެއްކޮށްފައި ހުންނަ ކަމަށެވެ. އޭގެތެރޭގައި ގިނައީ ބިޑްތައް ވަކި މީހަކަށް ނުވަތަ ކުންފުންޏަކަށް ހާއްސަކޮށްގެން އިއުލާންކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އިއުލާންކުރެވޭ ބިޑްތައް މި ހުންނަނީ ވަކި މީހަކަށް ފެތޭ ގޮތަށް ފަހާފައޭ ބުންޏަސް ރަނގަޅުވާނެ. އަޅުގަނޑުމެން ތަޖުރިބާ މި ހިއްސާކުރަނީ މި އަހަރު ހުށަހަޅާފައި ހުރި މައްސަލަތަކަށް ބަލާފައި," އޭނާ ވިދާޅުވި އެވެ.

"ސްޕެސިފިކޭޝަން ދިމާވާ މިންވަރަށް ލިބާސް ފަހާ ނިންމާފައި ހުރޭ."

އެ މައްސަލަ އޭސީސީއަށް ހުށަހެޅިޔަސް ބިޑް އިއުލާންކުރާ އިރު ހުރިހާ ޝަރުތުތަކެއް ވަކި ބަޔަކަށް ލިބޭގޮތަށް އޮންނާތީ ބެލޭކަށް ނޯވެ އެވެ. މިއީ ކަނޑައެޅި އެނގި ތިބެ ރާވައިގެން ހިންގާ ކަންތައްތަކެއް ކަމަށް އަބްދުއްސަލާމް ވިދާޅުވި އެވެ.

އެންޓި ކޮރަޕްޝަން ކޮންފަރެންސްގައި ބައެއް އިދާރާތަކުގެ މުވައްޒަފުން ބައިވެރިވަނީ.

އެންޓި ކޮރަޕްޝަން ކޮންފަރެންސްގައި ބައެއް އިދާރާތަކުގެ މުވައްޒަފުން ބައިވެރިވަނީ.

ބިޑް ކާމިޔާބުވާ ކުންފުނިތަކުގެ ތެރެއިން ވަކި ބަޔަކަށް ފައިސާ ދޫކުރަމުންދާ މައްސަލަ ވެސް ބޮޑެވެ.

އަބްދުއްސަލާމް ވިދާޅުވި ގޮތުގައި އޭގެތެރެއިން ފައިސާ ދޫކުރާ ބައެއް ކުންފުނިތަކަކީ ގުޅުން އޮންނަ ނުވަތަ އެ ފައިސާ ދޫކޮށްގެން މަންފާއެއް ލިބޭނެ ކުންފުނިތަކެވެ. މިގޮތަށް ހެދުމުން ބިޑަށް ދެން ކުރިމަތިލާ އެހެން ކުންފުނިތަކުގެ ކޭޝްފްލޯއެއް ނުހުންނަ ކަން ފާހަގަވާ ކަމަށް އޭސީސީން ބުންޏެވެ.

މިއީ ވެސް ވަކި ބަޔަކަށް ޕްރޮޖެކްޓް އެވޯޑްކުރަން ހިންގާ އަމަލެއްގެ ގޮތުގައި ބެލުމުގެ ޖާގަ އެބައޮތް ކަމަށް އަބްދުއްސަލާމް ވިދާޅުވި އެވެ.

ކޮމިޝަންގެ މެމްބަރު ތޯހާ މުހައްމަދު ވިދާޅުވި ގޮތުގައި އަގު ހެޔޮކޮށް ލިބެން ހުންނަ މުދާ ބޮޑު އަގުގައި ހޯދަން ވެސް ކުންފުނިތަކުން އިއުލާންކުރާކަން ތަހުގީގުކުރަން ހުށަހަޅާ މައްސަލަތަކުން އެނގެ އެވެ.

"ހުރިހާ ކުންފުންޏެއް އިމަޖެންސީ ހާލަތުގައި"

އޭސީސީއަށް ހުށަހަޅާ މައްސަލަތަކުން އެނގޭ ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަބަދުވެސް އޮންނަނީ އިމަޖެންސީ ހާލަތު މެދުވެރިވެފަ އެވެ. ހިދުމަތް ހޯދުމާއި އިއުލާންކުރަން ޖެހޭ ހިސާބުން މި އިމަޖެންސީ ހާލަތު ކުންފުނިތަކަށް ދިމާވެ އެވެ.

"އެ ބޭފުޅުން ބޭނުންވާ މުދަލެއް ހޯދަން ޖެހޭ ހާލަތުގައި އަސްލު އިމަޖެންސީ ހާލަތެއް މެދުވެރި ނުވިޔަސް އޮންނަނީ އެމެޖެންސީގައި މުދަލާއި ހިދުމަތް ހޯދަން ޖެހިފައި. އިމަޖެންސީވާ ސަބަބެއް އެއްވެސް ވަރަކަށް ނޯވޭ. އިމަޖެންސީވާ ހާލަތް ބޭނުންކޮށްލާ ލޫޕްހޯލް ބޭނުންކޮށްފައި މި އޮންނަނީ," ސަލާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުއްލިއަކަށް މުދަލާއި ހިދުމަތެއް ހޯދަން ވެއްޖެ ނަމަ ސަބަބު އެނގެން ޖެހޭނެ ކަމަށެވެ.

ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރު ބޭނުންވެއްޖެ ނަމަ ވަޒީފާތަކަށް އިއުލާންކުރެވޭ ގޮތަށް ބައެއް ކުންފުނިތަކުގައި މިހާރު ވެސް އަމަލުކުރެ އެވެ.

"ވަގުތީ ގޮތުން ވަޒީފާއަކަށް މީހަކު ނަގާފައި, ދޭތެރެއަކުން އެ ވަޒީފާ ދާއިމީ އެބަކޮށްލާ. އެކަމެއް ކުރަން ބަޔަކު ތިއްބާ ވެސް އެހެން ބަޔަކު ހަމަ އެކަމަށް އެބަ ނަގާ," ކޮމިޝަންގެ މެމްބަރު ތޯހާ ވިދާޅުވި އެވެ.

އެސްއޯއީތަކަށް އަބަދުވެސް ހިޔާނާތުގެ ބޮޑެތި ތުހުމަތުތައް ކުރެ އެވެ. އޭގެތެރޭގައި ބޮޑެތި އަދަދުތަކުން ހިޔާނާތް ހިންގާފައިވާ މައްސަލަތައް ވެސް ހިމެނެ އެވެ. އޭސީސީން އަންނަނީ އެފަދަ ގިނަ މައްސަލަތަކެއްގެ ތަހުގީގު ހިންގަމުންނެވެ.