Roadha Mihaaru

އެއް ޕޮއިންޓުގެ ވެއްޓުމަކާ އެކު، ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ ތިން ދަރަޖަ ފަހަތަށް

ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުން ރާއްޖެ އަށް ކުރިއެރުމެއް ނުލިބި، މިދިޔަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި)ގައި ތިން ދަރަޖަ ފަހަތަށް ވެއްޓިއްޖެ އެވެ.

ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ 3 ދަރަޖަ ފަހަތަށް
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

11 ފެބުރުއަރީ 2025

ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުން ރާއްޖެ އަށް ކުރިއެރުމެއް ނުލިބި، މިދިޔަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި)ގައި ތިން ދަރަޖަ ފަހަތަށް ވެއްޓިއްޖެ އެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން މިއަދު އާންމުކުރި ސީޕީއައި ނުވަތަ ކޮރަޕްޝަން އޮތް ކަމަށް މީހުން ގަބޫލުކުރާ މިންގަނޑުގައި ރާއްޖެ އޮތީ 38 ޕޮއިންޓާ އެކު 180 ގައުމުގެ ތެރެއިން 96 ވަނައިގަ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު އެއް ޕޮއިންޓުގެ ވެއްޓުމެކެވެ. ކުރީ އަހަރު ރާއްޖެ އޮތީ 39 ޕޮއިންޓުގަ އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނީ، މި ނަތީޖާއާ އެކު ރާއްޖެ ހިމެނެނީ 50 ޕޮއިންޓަށް ވުރެ ދަށުން ޕޮއިންޓް ލިބިފައިވާ ތިންބައިކުޅަ ދެ ބައި ގައުމުގެ ތެރޭގައި ކަމަށެވެ.

މި ނަތީޖާއިން ހާމަވަނީ ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި މާ ބޮޑު ނުވަތަ އެއްވެސް ކުރިއެރުމެއް ލިބިފައިވާ ނުވާ ކަން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބަޔާނުގައި ވެ އެވެ.

ކޮރަޕްޝަންގެ އަމަލުތަކުގައި ބައިވެރިވާ ސިޔާސީ އަދި ދައުލަތުގެ އިސް މުވައްޒަފުން ޒިންމާދާރު ކުރުވުމަށް ކުރަން ޖެހޭ ތަހުގީގު ކުރުމާއި ދައުވާކުރުން ހަރުދަނާ ކުރަން ޖެހޭ ކަމަށް ވެސް ޓްރާންސްޕޭރެންސީން ފާހަގަކޮށްފައިވެ އެވެ.

ކޮރަޕްޝަން ހިންގާ މީހުން ހިމާޔަތްކުރުން ހުއްޓާލައި، ކޮރަޕްޝަނާ ގުޅޭ ތުހުމަތުތައް ތަހުގީގުކޮށް ކޮރަޕްޝަންގެ އަމަލުތައް ހިންގާ ސިޔާސީ މީހުންނަށް ވަޒީފާގެ ކުރިއެރުމާއި އިތުރު ކުރިއެރުންތަކާއި ބާރުތައް ދިނުމުގެ ބަދަލުގައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވެސް ޓްރާންސްޕޭރެންސީން ގޮވައިލި އެވެ.