Roadha Mihaaru
ރަޝީދުގެ ހަށިގަނޑު އިންޑިއާ އަށް ގެންގޮސްފި

ޕޯސްޓްމޯޓަމް ހަދަން ރަޝީދުގެ ހަށިގަނޑު އިންޑިއާ އަށް ގެންގޮސްފި

31 އޮކްޓޯބަރ 2022

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހަދަން އިންޑިއާ އަށް މިއަދު ގެންގޮސްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހަދަން އިންޑިއާ އަށް މިއަދު ގެންގޮސްފި އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި މިދިޔަ ހަފުތާގައި ގދ. ހޯނޑެއްދޫ، ސްވެން، އަބްދުﷲ ރަޝީދު ހައްޔަރުކޮށްފައި ހުއްޓާ އޭނާގެ މެޔަށް ތަދެއް އަރައިގެން އުޅުމަށް ފަހު މަރުވި މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ނެޝެނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ތަހުގީގު ވަނީ ފަށައިފަ އެވެ. އެކަމާ ގުޅިގެން އޭނާގެ ޕޯސްޓްމޯޓަމެއް ހަދަން އެންއައިސީން ނިންމީ އެވެ. ރަޝީދުގެ ޕޯސްޓް މޯޓަމް ހަދަން ރޭ ފަތިހު ފޮނުވާލީ ޕޯސްޓް މޯޓަމް ހެދުން ހުއްޓުވައި ހަށިގަނޑު ހޯދަން އާއިލާއިން ސިވިލް ކޯޓަށް ހުށަހެޅުމުން އެފަދަ އަމުރެއް ދެވެން ނެތް ކަމަށް ރޭ ހުކުމްކުރި ފަހުންނެވެ.

އެންއައިސީގެ ލީގަލް ކައުންސެލަރު "މިހާރު" އަށް ވިދާޅުވީ ރަޝީދުގެ ހަށިގަނޑު މިހާރު އިންޑިއާއަށް ފޮނުވާފައިވާ ކަމަށެވެ. އެކަމަކު ހަށިގަނޑު އަނބުރާ ގެންނާނެ ދުވަހެއް ވިދާޅެއް ނުވެ އެވެ.

ޕޯސްޓް މޯޓަމް ހަދަން ހަށިގަނޑު ގެންގޮސްފައި ވާއިރު އާއިލާއިން މީގެ ކުރިން ބުނެފަައި ވަނީ ޕޯސްޓް މޯޓަމް ހަދައިފި ނަމަ އާއިލާއިން ހަވާލު ނުވާނެ ކަމަށެވެ. ރަޝީދުގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވާލުމުގެ ކުރިން ރ މޯޗަރީގައި ބާއްވައިގެން ވަނީ އާއިލާ އަށް މޫނު ދައްކައިފަ އެވެ.