Roadha Mihaaru
ލުބްނާން ސިޔާސީ ހުސް ކަމެއްގެ ތެރެއަށް

ލުބްނާން ސިޔާސީ ހުސް ކަމެއްގެ ތެރެއަށް

31 އޮކްޓޯބަރ 2022

ލުބްނާންގެ ރައީސް މިޝޭލް އައުން، އޭނާގެ ރިއާސީ ދައުރުގެ މުއްދަތު ހަމަވުމުގެ އެއް ދުވަސް ކުރިން، އިއްޔެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ ގައުމު އަނެއްކާ ވެސް ސިޔާސީ ހުސްކަމެއްގެ ތެރެއަށް ވެއްޓިއްޖެ އެވެ.

ލުބްނާންގެ ރައީސް މިޝޭލް އައުން، އޭނާގެ ރިއާސީ ދައުރުގެ މުއްދަތު ހަމަވުމުގެ އެއް ދުވަސް ކުރިން، އިއްޔެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ ގައުމު އަނެއްކާ ވެސް ސިޔާސީ ހުސްކަމެއްގެ ތެރެއަށް ވެއްޓިއްޖެ އެވެ.

މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން އޭނާ ވަނީ ބޮޑުވަޒީރު ނަޖީބު މީގާތީގެ އިސްތިއުފާ ވެސް ރަސްމީ ގޮތުން ގަބޫލުކުރައްވައިފަ އެވެ. ރިއާސީ ދައުރު ހަމަވާން 24 ގަޑިއިރަށް ވީއިރު ވެސް، އެ މަގާމަށް އާ ބޭފުޅަކު އައްޔަންކުރުމުގައި، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް އެއްބަސްނުވެވިގެން އުޅެނިކޮށް، މިޝޭލް އިސްތިއުފާ ދެއްވަމުން، ސިޔާސީ ބޭފުޅުންނަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވި އެވެ.

މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވަމުން އޭނާ ދެއްވި ކުރު ބަޔާނެއްގައި މިޝޭލް އައުން ވިދާޅުވީ އޭނާ މަގާމުން ވަކިވެވަޑައިގަންނަވާ އިރު، ފަހަތަށް ދޫކޮށްލަން ޖެހިވަޑައިގަތީ، ބަޔަކު ފޭރިގަނެފައިވާ ގައުމަކާއި، ހަލާކުވެފައިވާ ދައުލަތެއްގެ އިތުރުން އެއްވެސް އަގެއް ނެތް މުއައްސަސާތަކެއް ކަމަށެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ލުބްނާންގެ ހާލަތު މިހާ ހިސާބަށް ދިޔައީ ޝަރުއީ ނިޒާމުގެ އެންމެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރިޝްވަތު ނަންގަވައިގެން، ގައުމުގެ ކަންކަން ބޮއްސުން ދުއްވައިލުމުންނެވެ.

ލުބުނާނުގެ ވެރިރަށް ބޭރޫތުގެ ކެމިކަލް ގުދަނެއް ގޮވުމުން ރޯވި އަލިފާންގަނޑު ނިއްވާލަން މަސައްކަތް ކުރަނީ. --ފޮޓޯ:އޭއެފްޕީ

ލުބުނާނުގެ ވެރިރަށް ބޭރޫތުގެ ކެމިކަލް ގުދަނެއް ގޮވުމުން ރޯވި އަލިފާންގަނޑު ނިއްވާލަން މަސައްކަތް ކުރަނީ. --ފޮޓޯ:އޭއެފްޕީ

ލުބްނާންގެ ސިޔާސީ އިޖުރާއާތުތައް ހަމަޖެހިފައި އޮންނަ ގޮތުން، ރައީސްގެ މަގާމު ހުސްވެއްޖެ ހާލަތެއްގައި ރައީސްގެ ޒިންމާތަކާ ހަވާލުވާނީ، ބޮޑުވަޒީރުގެ ދަށުން އޮންނަ ސަރުކާރެވެ. ނަމަވެސް ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން، ސަރުކާރު އުވާލައްވާފައިވާތީ، ރައީސްގެ މަސްއޫލިއްޔަތުތަކާ ދެން ހަވާލުވާނީ، މިހާރު އުވާލާފައި އޮތް ސަރުކާރެވެ. އާ ބޮޑުވަޒީރަކު އައްޔަންކޮށް، ސަރުކާރެއް އެކުލަވައިލެވެންދެން ސަރުކާރު ހިންގަވާނީ، އިސްތިއުފާ ދެއްވި ބޮޑުވަޒީރާއި އޭނާގެ ސަރުކާރެވެ.

މިއީ މީގެ 32 އަހަރު ކުރިން ނިމިދިޔަ އެ ގައުމުގެ އަހުލީ ހަނގުރާމަ އަށް ފަހު، ވަގުތީ ސަރުކާރަކުން އެ ގައުމުގެ ވެރިކަން ކުރާ ފުރަތަމަ ފަހަރެވެ.

އިސްތިއުފާ ދެއްވުމަށް ފަހު، ރިއާސީ ގަނޑުވަރުގެ ކުރިމަތީގައި ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން މިޝޭލް އައުން ވިދާޅުވި ގޮތުގައި ކޮރަޕްޝަނާއި ރިޝްވަތުގެ ތުހުމަތު ކުރެވޭ، އެ ގައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ރިއާދު ސަލާމާ، އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރި މަސައްކަތަށް ހުރަސްއެޅީ، އޭނާގެ ސިޔާސީ ވާދަވެރިންނެވެ.

ރިއާދު ސަލާމާގެ މައްޗަށް ކުރެވޭ ޚިޔާނަތާއި ރިޝްވަތުގެ އިތުރުން މަނީ ލޯންޑަރިންގެ މައްސަލަތައް ޔޫރަޕްގެ ގައުމުތަކުން ވެސް ވަނީ ތަހުގީގުކޮށްފަ އެވެ.

"މި ގައުމުގެ ހާލަތު އޮތް ގޮތާއި، ގައުމުގެ ޚަޒާނާ ފޭރިގަތް ގޮތާއި، މަރުކަޒީ ބޭންކް ފޭރިގަތް ގޮތާއި، ރައްޔިތުންގެ ޖީބުތައް ފޭރިގަތް ގޮތް، ތިޔަ އެންމެންނަށްވެސް ރަނގަޅަށް އެނގޭނެ،" އޭގެ އިތުރުން އައުން ވިދާޅުވީ ލުބްނާންގެ ރައްޔިތުން އެމީހުންގެ އުމުރު ދުވަހުގެ މަސައްކަތުން ބޭންކުތަކުގައި ޖަމާކޮށްފައި ހުރި ފައިސާކޮޅު ވެސް ބަޔަކު ފޭރިގެންފައިވާ ކަމަށެވެ.

އޭގެ އިތުރުން އައުން ވިދާޅުވި ގޮތުގައި ވެރިރަށް ބައިރޫތުގެ ކަނޑު ބަނދަރުގައި ހުރި ކެމިކަލް ގުދަން ގޮވި ހާދިސާގެ ތަހުގީގުވެސް ސިޔާސީ ފަރާތްތަކުން ވަނީ ހުރަސް އަޅައި ހުއްޓުވައިފަ އެވެ.