Roadha Mihaaru
ލެބަނާންގެ ތެޔޮ ރައްކާކުރާ ތަނެއްގައި ރޯވެ އަނދަނީ

ލެބަނާންގެ ތެޔޮ ރައްކާކުރާ ތަނެއްގައި ރޯވެ އަނދަނީ

11 އޮކްޓޯބަރ 2021

ލެބަނާންގައި ތެޔޮ ރައްކާކުރާ އެންމެ ބޮޑު ތަނުގައި މިއަދު ހެނދުނު ރޯވެ އަނދަމުންދާ ކަމަށް، އެ ގައުމުގެ ފުލުހުން ބުނެފި އެވެ.

ލެބަނާންގައި ތެޔޮ ރައްކާކުރާ އެންމެ ބޮޑު ތަނުގައި މިއަދު ހެނދުނު ރޯވެ އަނދަމުންދާ ކަމަށް، އެ ގައުމުގެ ފުލުހުން ބުނެފި އެވެ.

އައްޒަހްރާނީ ސްޓޭޓްގެ ތެޔޮ ރައްކާކުރާ ތަނުގައި އަލިފާން ރޯވުމުގެ ހާދިސާއެއް މި ހިނގީ، އެ ގައުމުގެ މައި އިންޖީނުގެތައް ހިންގަން ބޭނުންވާ ވަރަށް ތެޔޮ ލިބެން ނެތިގެން، އިންޖީނުތައް ނިއްވާލައި، ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައި ވަނިކޮށެވެ.

ލެބަނާންގެ އަލް ޖަދީދު ޓީވީން ބުނި ގޮތުގައި އައްޒަހްރާނީ ތެޔޮ ރައްކާކުރާ ތަނުގައި ރޯވީ، ވަރަށް ބާރުގަދަ ގޮވުމެއްގެ އަޑަށް ފަހުގަ އެވެ. ނަމަވެސް ގޮވީ ކޮން އެއްޗެއް ކަމެއް އަދި، އެއްޗެއް ގޮވަން މެދުވެރިވީ ކޮން ކަމެއް ކަން ވެސް ނޭނގޭ ކަމަށް އެ ޓީވީން ބުންޏެވެ.

އައްޒަހްރާނީ ސްޓޭޓްގެ ތެޔޮ ސްޓޯރޭޖުގައި މިރޯވީ، އާންމުންގެ ބޭނުންތަކަށް ދޫކުރުމަށް އެ ތަނުގައި ރައްކާކޮށްފައި ހުރި ތެލުގެ ވަކި މިންވަރެއް، އިންޖީނުގެތަކުގެ ޖަނަރޭޓަރުތައް ހިންގުމަށް ދޫކުރުމާ ގުޅޭ ގޮތުން ސަރުކާރުގެ މެދުގައި މަޝްވަރާތައް ކުރަމުން ދަނިކޮށެވެ.

ލެބަނަންގެ ފުލުހުން ބުނި ގޮތުގައި ޒަހްރާނީ ތެޔޮ ފެސިލިޓީގައި ރޯވެފައިވަނީ އެ ތަނުގައި ބެންޒީން ރައްކާކޮށްފައި ހުރި ތާނގީއެއްގަ އެވެ. އަދި މިހާރު މަސައްކަތް ކުރަމުން ދަނީ އިތުރު ތާނގީތަކުގައި އަލިފާން ހިފިޔަ ނުދިނުމަށް ކަމަށާއި، އެ ސަރަހައްދުން މީހުން ދުރުކުރުމުގެ މަސައްކަތް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޒަހްރާނީ ތެޔޮ ސްޓޯރޭޖުގައި މިހާރު ރައްކާކޮށްފައި ހުރީ، މިދިޔަ ސެޕްޓެމްބަރު މަހު އިރާގުން ގެނައި 16،000 ޓަނުގެ ތެލެވެ. އޭގެ ތެރޭގައި ބެންޒީންގެ އިތުރުން ޕެޓްރޯލާއި ޑީސަލް ވެސް ހިމެނެ އެވެ.