Roadha Mihaaru
ކުދި ވިޔަފާރިތަކަށް ހުޅުމާލެ އިން ބިމެއް ދީފި

ކުދި ވިޔަފާރީގެ މަސައްކަތްތަކަށް ހުޅުމާލެ އިން ބިމެއް ދޫކޮށްފި

10 ޖެނުއަރީ 2017

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ހާއްސަ އުފެއްފުންތައް ތައްޔާރުކުރުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީ އަށް ހުޅުމާލެ އިން ބިމެއް ދޫކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ހާއްސަ އުފެއްފުންތައް ތައްޔާރުކުރުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީ އަށް ހުޅުމާލެ އިން ބިމެއް ދޫކޮށްފި އެވެ.

ހުޅުމާލޭގެ ސިނާއީ ސަރަހައްދުން ދޫކުރި، 5،000 އަކަފޫޓުގެ މި ބިމުގެ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ. އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ހަފުލާއެއްގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ.

މި ހަފުލާ އަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ކުދި ވިޔަފާރީގެ އުފެއްދުންތައް ތައްޔާރު ކުރުމަށްޓަކައި ދޫކުރި މި ބިމުގައި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި އިންޑަސްޓްރިއަލް ޕާކެއް ހެދުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށެވެ. އަދި ރާއްޖޭގެ ބާޒާރަށް ހާއްސަކޮށްގެން ފަސް ބާވަތެއްގެ އުފެއްދުމަކާއި ކާބޯތަކެތީގެ ބާވަތްތައް ތައްޔާރުކުރުމަށްޓަކައި އެތަނުގައި ބަދިގެއެއް ހެދުމަށް ނިންމާފައިވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ހާއްސަ އިމާރާތެއް އެޅުމަށް ހުޅުމާލެ އިން ބިމެއް ދޫކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެއްވުމަށް ފަހު އިކޮނޮމިކް މިނިސްޓަރު ސައީދު (ކ) އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސަލާމް ކުރައްވަނީ.---ފޮޓޯ: އަބްދުﷲ ޖަމީލް/މިހާރު

ކުދި ވިޔަފާރިތަކަށް ހާއްސަ އިމާރާތެއް އެޅުމަށް ހުޅުމާލެ އިން ބިމެއް ދޫކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެއްވުމަށް ފަހު އިކޮނޮމިކް މިނިސްޓަރު ސައީދު (ކ) އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސަލާމް ކުރައްވަނީ.---ފޮޓޯ: އަބްދުﷲ ޖަމީލް/މިހާރު

"އަލަށް ވިޔަފާރިތަކަށް ވަންނަ ފަރާތްތަކަށް އޮފީސް ޖާގަ ލިބެން ހުންނާނެ. އެއާއެކު ދިވެހި އުފެއްދުންތައް ތައްޔާރުކުރާނެ ކިޗަން ފެސިލިޓީއެއް ގާއިމް ކުރެވިގެން ދާނެ. އޭރުން އެއްތަނަކަށް އައިސް އެއްޗެހި އުފައްދާފައި މާކެޓް ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި ކުދި ވިޔަފާރީގެ އުފެއްދުންތައް ތައްޔާރު ކުރުމަށްޓަކައި ހަދާ މި އިމާރާތުގައި، ފުރަތަމަ ފިޔަވަހީގައި ތައްޔާރުކުރާނީ ސޮފްޓް ޓޯއީސް އެވެ. އަދި އޭގެ އިތުރުން ކާށީގެ އުފެއްދުންތަކާއި ކައްކަން ބޭނުންކުރާ ލޮނު ތައްޔާރު ކުރުމަށް ވެސް ދިރާސާ ކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ކުންމިން ގައި އަޅުގަނޑުމެންގައި ބައިވެރި ފެއާގައި ވެސް ކަނޑުމަސް ފިޔަވައި އެންމެ ބޮޑު ތަރުހީބެއް ލިބުނީ ކާށިތެލުގެ އުފެއްދުންތަކަށް. އެއިން އަޅުގަނޑުމެންނަށް އެނގުނީ ވަރަށް ބޮޑު މާކެޓެއް އެބައޮތް ކަން. އެ މިންވަރަށް އުފައްދަން ބޭނުންވާ މެޓީރިއަލް ލިބޭނެތޯ އަޅުގަނޑުމެން މިދަނީ ދިރާސާ ކުރަމުން،" ސައީދު ވިދާޅުވި އެވެ.

މިއަދުގެ ހަފުލާގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ އެމްޑީ ސައިމަން ވިދާޅުވީ ހުޅުމާލޭގެ ސިނާއީ ސަރަހައްދުން މިހާތަނަށް ދޫކޮށްފައިވާ 140 ބިމުގެ ތެރެއިން 99 ބިމުގައި ތަފާތު މަސައްކަތްކުރަން ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެތަނުން ބިން ދޫކުރަނީ ހާއްސަ ބޭނުންތަކަށް. އެތަނުން ދޫކުރި ބިންތަކުގެ ތެރެއިން މިދިޔަ ދެ އަހަރުގެ ތެރޭގައި 54 ބިމުގައި ހިދުމަތް ދޭން ފަށާފައިވޭ،" އޭނާ ވިދާޅުވި އެވެ.