Roadha Mihaaru
އެތުލެޓިކޯ ފުލަށް، ޓޮޓެންހަމުން މާސޭ ކަޓުވާލައިފި

އެތުލެޓިކޯ ފުލަށް، ޓޮޓެންހަމުން މާސޭ ކަޓުވާލީ ފަހު ވަގުތު

02 ނޮވެމްބަރ 2022

ޕޯޓޯ (ނޮވެމްބަރު 2) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޯޗުގަލްގެ ޕޯޓޯ އަތުން 2-1 އިން ބަލިވެ، އެތުލެޓިކޯ މެޑްރިޑަށް ގުރޫޕުގެ ފުލުގައި ނިންމާލި އިރު، ޓޮޓެންހަމް ހޮޓްސްޕާ އަތުން ފަހު ވަގުތު ހަމަ މި ނަތީޖާއިން ބަލިވެ ފްރާންސްގެ މާސޭ ވެސް ގްރޫޕުގެ ފުލަށް ގޮސްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޕޯޓޯ (ނޮވެމްބަރު 2) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޯޗުގަލްގެ ޕޯޓޯ އަތުން 2-1 އިން ބަލިވެ، އެތުލެޓިކޯ މެޑްރިޑަށް ގުރޫޕުގެ ފުލުގައި ނިންމާލި އިރު، ޓޮޓެންހަމް ހޮޓްސްޕާ އަތުން ފަހު ވަގުތު ހަމަ މި ނަތީޖާއިން ބަލިވެ ފްރާންސްގެ މާސޭ ވެސް ގްރޫޕުގެ ފުލަށް ގޮސްފި އެވެ.

ގުރޫޕް ބީ ގައި ހިމެނޭ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ޗެމްޕިއަންސް ލީގު ނޮކައުޓް ބުރުގެ ޖާގަ ވަނީ ކުރިން ވެސް ގެއްލިފަ އެވެ. އެކަމަކު ގުރޫޕް ސްޓޭޖު ފަހު މެޗަށް ނުކުތީ މޮޅަކާ އެކު ގުރޫޕްގެ ތިން ވަނަ ހޯދައި، ޔޫރޮޕާ ލީގުގެ ނޮކައުޓް ބުރުގެ ޖާގައެއް ޔަގީން ކުރާށެވެ. އެހެން ނަމަވެސް ޕޯޓޯ އިން ވަނީ މެޗު ކާމިޔާބު ކޮށް، ގުރޫޕްގެ އެއްވަނަ ހޯދައިފަ އެވެ.

އީރާންގެ ފޯވާޑް މެހްދީ ޓަރޭމީ، މެޗުގެ ފަސް ވަނަ މިނިޓުގައި ކާމިޔާބު ކުރި ލަނޑުން ޕޯޓޯ އިން ލީޑު ކުރި އިރު، އޭގެ ވިއްސަކަށް މިނިޓު ފަހުން ލީޑު ފުޅާ ކޮށްދިނީ ކެނެޑާގެ މިޑްފީލްޑަރު ސްޓެފެން ޔުސްޓާކިއޯ އެވެ.

އެތުލެޓިކޯގެ ހަމައެކަނި ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި، ޔަނިކް ކަރާސްކޯ ނެގި ކޯނަރެއް ދިފާއު ކުރަން އުޅެނިކޮށް، ޕޯޓޯގެ ޑިފެންޑަރު އިވާން މާކާނޯ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

މިއީ އެތުލެޓިކޯގެ ކޯޗުކަމާ ޑިއޭގޯ ސިމިއޯނީ 2011 ވަނަ އަހަރު ހަވާލުވި ފަހުން އެޓީމު ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގެ ފުލުގައި ނިންމި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ސިމިއޯނީ އާއެކު ދެ ފަހަރު ޗެމްޕިއަންސް ލީގުން ކެޓީ ގުރޫޕްގެ ތިން ވަނައިގައި ނިންމައިގެންނެވެ. އެ ދެ ފަހަރު ވެސް ވަނީ ޔޫރޮޕާ ލީގު ނޮކައުޓް ބުރުގައި ވާދަކޮށް މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

އެތުލެޓިކޯ ބަލިވުމުން ޔޫރޮޕާ ލީގު ނޮކައުޓް ބުރުން ޖާގަ ލިބުނީ މި ގުރޫޕުގައި ހިމެނޭ ޖަރުމަންގެ ބެޔާ ލެވެކޫސަން އަށެވެ. ޒަބީ އޮލޮންސޯގެ އިރުޝާދުގެ ދަށުން ލެވެކޫސަން ވަނީ ގުރޫޕް ލީޑު ކުރަމުން އައި ބެލްޖިއަމްގެ ކްލަބް ބުރޫޖާ ވާދަކޮށް 0-0 އިން އެއްވަރު ކޮށްފަ އެވެ.

މި ނަތީޖާއާ އެކު ލެވެކޫސަން އާއި އެތުލެޓިކޯ އަށް ވެސް ފަސް ޕޮއިންޓް ލިބުނު ނަމަވެސް، ހެޑް ޓު ހެޑް ނަތީޖާއިން ކުރި ލިބެނީ ލެވެކޫސަން އަށެވެ. އެޓީމުން އަމިއްލަ ދަނޑުގައި އެތުލެޓިކޯ ބަލި ކުރި އިރު، ރަށުން ބޭރުގައި ކުޅުނު މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

މެޗުން މޮޅުވި ލަނޑު ޖެހުމަށް ފަހު ޓޮޓެންހަމްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޗުން މޮޅުވި ލަނޑު ޖެހުމަށް ފަހު ޓޮޓެންހަމްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ގުރޫޕް ޑީ ގެ ފަހު މެޗުގައި ޓޮޓެންހަމާ އެއްވަރު ކޮށްގެން މާސޭ އަށް ޔޫރޮޕާ ލީގުގެ ޖާގައެއް ހޯދެން އޮތް ނަމަވެސް، އިތުރު ވަގުތުގެ އެންމެ ފަހު އެޓޭކުގައި ޕިއޭ އެމައިލް ހޮއިބިއޭ ޖެހި ލަނޑުން މާސޭ 2-1 އިން ބަލިވީ އެވެ.

ފުރަތަމަ ހާފުގައި މާސޭ ލީޑު ނެގީ، އިތުރު ވަގުތުގައި ޗާންސެލް އެމްބެމްބާ ޖެހި ގޯލުންނެވެ. އޭގެ ކުރިން ކީޕަރު ހޫގޯ ލޮރިސް ވަނީ މާސޭ އިން ފޮނުވާލި ގިނަ ހަމަލާތައް ދިފާއު ކޮށްފަ އެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅު ޓޮޓެންހަމުން އެއްވަރު ކުރީ، ހިލޭޖެހުމަކުން އިވާން ޕެރިސިޗް ނަގައިދިން ބޯޅައަކުން ޑިފެންޑަރު ކްލެމެން ލޯންގްލޭ އެވެ. އަދި އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި ކައުންޓާ އެޓޭކުގައި ހޮއިބިއޭ ވަނީ ޓޮޓެންހަމް މޮޅުކޮށްދީ، ގުރޫޕްގެ އެއް ވަނަ ދަމަހައްޓައިފަ އެވެ.

އޭގެ ކުރިން ހޮއިބިއޭ އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ވަނީ ގޯލު ހުރަސް ދަނޑިއަށް ވެސް އަމާޒު ވެފަ އެވެ. އަދި މާސޭ އަށް އަލުން ލީޑު ނަގަން ލިބުނު ފުރުސަތުގައި، ކުރިން އާސެނަލް އަށް ކުޅުނު ޑިފެންޑަރު ސައީދު ކޮލާސިނެޗް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލު ކައިރިން ބޭރަށެވެ.

ހެޑް ކޯޗު އެންޓޯނިއޯ ކޮންޓޭ ސަސްޕެންޝަނުގައި ހުރުމުން ޓޮޓެންހަމަށް މި މެޗުގައި އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު ކްރިސްޓިއަން ސްޓެލީނީ އެވެ.

ޓޮޓެންހަމުން މެޗު ކާމިޔާބު ކޮށްގެން ގުރޫޕްގެ އެއް ވަނައިގައި ދެވަނަ ބުރަށް ދަތުރު ކުރިއިރު، ދެ ވަނައިގައި ނިންމީ ރޭ 2-1 އިން ޕޯޗުގަލްގެ ސްޕޯޓިން ބަލިކުރި ޖަރުމަންގެ އެއިންޓްރަކް ފްރޭންކްފާޓް އެވެ.

ޕޯޓޯއަށް ކުޅޭ ބްރެޒިލްގެ ފޯވާޑް އާތޫރު ގޯމޭޒް ފުރަތަމަ ހާފުގައި އެ ޓީމަށް ލީޑު ނަގައިދިން ނަމަވެސް، ފްރެންކްފާޓުން ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. އެއްވަރުކުރި ލަނޑު 62 ވަނަ މިނިޓުގައި ޕެނަލްޓީއަކުން ޖަހައިދިނީ ޖަޕާނުގެ ޑައިޗީ ކަމާރާ އެވެ. އަދި އޭގެ 10 މިނިޓު ފަހުން އެޓީމު މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ފްރާންސްގެ ރަންޑަލް ކޯލޯ މުއާނީ އެވެ.

މިއާ އެކު ގުރޫޕްގެ ތިން ވަނައިގައި ނިންމައި، ސްޕޯޓިން އަށް ޖެހޭނީ ޔޫރޮޕާ ލީގު ނޮކައުޓް ބުރުގައި ވާދަކުރާށެވެ.