Roadha Mihaaru
ބާސާ ދެ ވަނަ ބުރަށް، ޓޮޓެންހަމަށް އުއްމީދެއް

ބާސާ ދެ ވަނަ ބުރަށް، ޓޮޓެންހަމަށް އުއްމީދެއް

07 ނޮވެމްބަރ 2018

ލަންޑަން (ނޮވެމްބަރު 7) - ޔުއެފާ ޗެމްޕިއަންސް ލީގުގައި އިންޓަ މިލާނާ 1-1 އިން އެއްވަރުވި ނަމަވެސް ބާސެލޯނާ އިން ދެ ވަނަ ބުރަށް ދިޔައިރު، ރޭ ފަހަތުން އަރައި ޕީއެސްވީ އެއިންދޯވަން އަތުން 2-1 އިން މޮޅުވެ ޓޮޓެންހަމް ހޮޓްސްޕާސް އިން ދެ ވަނަ ބުރުގެ އުއްމީދު އާކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ނޮވެމްބަރު 7) - ޔުއެފާ ޗެމްޕިއަންސް ލީގުގައި އިންޓަ މިލާނާ 1-1 އިން އެއްވަރުވި ނަމަވެސް ބާސެލޯނާ އިން ދެ ވަނަ ބުރަށް ދިޔައިރު، ރޭ ފަހަތުން އަރައި ޕީއެސްވީ އެއިންދޯވަން އަތުން 2-1 އިން މޮޅުވެ ޓޮޓެންހަމް ހޮޓްސްޕާސް އިން ދެ ވަނަ ބުރުގެ އުއްމީދު އާކޮށްފި އެވެ.

ރޭގެ މެޗުތަކަށް ފަހު ކޮންމެ ޓީމެއް ހަތަރު މެޗު ކުޅުނުއިރު ބާސެލޯނާ އެއް ވަނައިގައި އޮތީ 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އިންޓަ އަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި ޓޮޓެންހަމް އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ޕީއެސްވީ އަށް އަދި ލިބުނީ އެންމެ ޕޮއިންޓެކެވެ.

ޓޮޓެންހަމުން ތިން މެޗަށް ފަހު ފުރަތަމަ ފަހަރަށް މުބާރާތުގައި މޮޅެއް ހޯދިއިރު، އެ ޓީމަށް ބާކީ އޮތް ދެ މެޗުން ވެސް މޮޅެއް ހޯދުން އޮތީ މުހިއްމުވެފަ އެވެ. ޓޮޓެންހަމަށް ބާކީ އޮތީ އަމިއްލަ ދަނޑުގައި އިންޓައާ ދެކޮޅަށް ކުޅޭ މެޗާއި ރަށުން ބޭރުގައި ބާސެލޯނާއާ ބައްދަލުކުރާ މެޗެވެ.

ރޭގެ މެޗު ފަށައިގެން 61 ސިކުންތު ތެރޭގައި ޕީއެސްވީ އަށް ލީޑުނަގައިދިނީ ކުރިން ނިއުކާސަލް ޔުނައިޓެޑަށް ކުޅުނު ލޫކް ޑި ޔޯންގް އެވެ. ޕީއެސްވީން މެޗުގެ ގިނަ ވަގުތު ވަންދެން ލީޑެއްގައި އޮތްއިރު، ޓޮޓެންހަމުން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލީ ފަހު 12 މިނިޓްގެ ތެރޭގަ އެވެ. އެ ޓީމުގެ ދެ ލަނޑު ވެސް ކާމިޔާބުކުރީ ކެޕްޓަން ހެރީ ކޭން އެވެ.

ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ދެ ވަނަ ބުރުގެ ފުރުސަތު ހޯދަން ފަހު ވަގުތާ ހަމައަށް ޓޮޓެންހަމުން މަސައްކަތްކުރާނެ ކަަމަށާއި ކުރިއަށް އޮތް ދެ މެޗަކީ އެ ޓީމަށް ދެ ފައިނަލު ކަމަށެވެ.

ރޭގެ މެޗާ ހަމައަށް އައިއިރު ބާސެލޯނާ ވަނީ ފުރަތަމަ ތިން މެޗުން ވެސް މޮޅުވެފަ އެވެ. ބާސެލޯނާ ދަނޑުގައި އިންޓަ އަތުން މޮޅުވީ 2-0 އިންނެވެ. އިންޓަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޖުމްލަ ގޮތެއްގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނުއިރު ދެ ޓީމުން ވެސް ލަނޑު ޖެހީ ފަހު 10 މިނިޓް ތެރޭގަ އެވެ.

މެޗުގެ 83 ވަނަ މިނިޓްގައި ބާސެލޯނާ އަށް ލީޑުނަގައިިދިނީ މި ފަަހަރުގެ ޓްރާންސްފާގައި އެ ޓީމާ ގުޅުނު ބްރެޒިލްގެ ވިންގް މެލްކޮމް އެވެ. މެލްކޮމް ބާސެލޯނާ އަށް ޖަހައިދިން ފުރަތަމަ ގޯލާ އެކު އެ ޓީމު މި މެޗުން މޮޅުވާނެ ކަމަށް ބެލެވުނު ނަމަވެސް އޭގެ ހަތަރު މިނިޓް ފަހުން އިންޓަގެ ކެޕްޓަން މައުރޯ އިކާޑީ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ.

ރޭގެ މެޗުގައި އަނިޔާއިން ރަނގަޅުވެ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ކުޅޭނެ ކަމަށް ބެލެވުނު ނަމަވެސް އޭނާ އަށް ފުރުސަތު ނުދެ އެވެ. ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ ކުރިއަށް މުހިއްމު މެޗުތަކެއް ހުރުމުން މެސީ ރިސްކުކުރަން ބޭނުންނުވީ ކަމަށެވެ.

ގްރޫޕް ޑީގައި ރޭ ކުޅުނު މެޗުން ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯ އަތުން 4-1 އިން މޮޅުވެ ޕޯޓޯ ވަނީ މުބާރާތުގެ ދެ ވަނަ ބުރާ ފިޔަވަޅަކާ ގާތަށް ޖެހިލައިފަ އެވެ. އަދި މި ގްރޫޕުގެ އަނެއް މެޗުން ގަލަސަތަރާއި އަތުން 2-0 އިން މޮޅުވެ ޝާލްކާ ވެސް ވަނީ ދެ ވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފަ އެވެ.