Roadha Mihaaru
ޗާގޯސް ދިނަސް، އެމެރިކާގެ އަސްކަރީ ބޭސް ދެމިއޮންނާނެ

ޗާގޯސް އަނބުރާ ހަވާލު ކުރިޔަސް، އެމެރިކާގެ އަސްކަރީ މަރުކަޒު ދެމިއޮންނާނެ: ޔޫކޭ

05 ނޮވެމްބަރ 2022

މޮރިޝަސް އަށް ޗާގޯސްގެ ރަށްތައް އަނބުރާ ހަވާލު ކުރިޔަސް، އެތަނުގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒު ދެމިއޮންނާނެ ކަމަށް އިނގިރޭސި ސަރުކާރުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މޮރިޝަސް އަށް ޗާގޯސްގެ ރަށްތައް އަނބުރާ ހަވާލު ކުރިޔަސް، އެތަނުގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒު ދެމިއޮންނާނެ ކަމަށް އިނގިރޭސި ސަރުކާރުން ބުނެފި އެވެ.

ކުރިން މޮރިޝަސްގެ ބައެއްގެ ގޮތުގައި ކުރިން އޮތް ޗާގޯސް، އިނގިރޭސި ސަރުކާރުން ގަތުމަށް ފަހު ޗާގޯސްގެ ރަށެއް ކަމަށްވާ ޑިއޭގޯ ގާސިއާ (ފޯޅަވަހި) އޮންނަނީ 2036 ވަނަ އަހަރާ ހަމައަށް އެމެރިކާ އަށް ކުއްޔަށް ދީފަ އެވެ. އެމެރިކާއިން އެތަނުގައި ހިންގަނީ ވަރަށް ޒަމާނީ އަދި ސިއްރުވެރި އަސްކަރީ މަރުކަޒެކެވެ.

މޮރިޝަސް އަށް ޗާގޯސް ނުދޭން ނިންމާފައިވާ ނިންމުން ބަދަލުކޮށް، އިނގިރޭސި ސަރުކާރުން މިހާރު ވަނީ މޮރިޝަސްއާ އެކު އެކަމުގެ މަޝްވަރާތައް ކުރަން ނިންމައިފަ އެވެ. އެހެންވެ، ޗާގޯސް އަނބުރާ ދީފި ނަމަ، ދެކުނު އޭޝިއާގައި އޮތް އެމެރިކާގެ އެންމެ ވަރުގަދަ އަސްކަރީ މަރުކަޒު ގެއްލިދާނެ ކަމަށް އޮތީ ބެލެވި އެވެ.

އެކަމަކު އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޖޭމްސް ކެލްވާލީ ބޭރުގެ މީޑިއާތަކަށް މިއަދު ވިދާޅުވީ ޗާގޯސް އަނބުރާ ހަވާލުކުރުމުގެ މަޝްވަރާތައް ކޮންމެ ގޮތަކަށް ނިމުނަސް، އެމެރިކާގެ އަސްކަރީ މަރުކަޒު އެތަނުގައި ދެމިއޮންނާނެ ކަމަށް މޮރިޝަސްއިން އެއްބަސްވެފައިވާ ކަމަށެވެ.

"މޮރިޝަސް އާއި އިނގިރޭސިވިލާތުން ވަނީ އަންނަ އަހަރުގެ ކުރީކޮޅަށް ނިންމާލެވޭ ގޮތަށް އެދެވޭ މަޝްވަރާތަކެއް ކުރަން ނިންމާފައި،" ޖޭމްސް ވިދާޅުވި އެވެ.

ޗާގޯސް އިނގިރޭސިވިލާތަށް ވިއްކާލުމުން އެތަނުގައި އުޅުނު މީހުން އެކި ތަންތަނަށް ހިޖްރަކުރަން މަޖުބޫރުވި އެވެ. އެތަން އަނބުރާ މޮރިޝަސް އަށް ދޭން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އޮތީ ލަފާ ދީފަ އެވެ.

މި މައްސަލާގެ ތެރެއަށް ރާއްޖެ ވެސް އޮތީ ވަދެފަ އެވެ. އެއީ ޗާގޯސް ސަރަހައްދު ހިމެނޭހެން، ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އޮތް ސަރަހައްދީ އިން ވަކިކުރުމުގެ މައްސަލާގެ ސަބަބުންނެވެ. އެ މައްސަލަ ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި މިހާރު ދަނީ ހިނގަމުންނެވެ.

ޗާގޯސް މައްސަލާގައި މޮރިޝަސްއާ ދެކޮޅަށް ކުރިން ވޯޓު ދޭން ނިންމިޔަސް، ދާދިފަހުން ސަރުކާރުން ވަނީ މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ނިންމައިފަ އެވެ. އެކަމާ ގުޅިގެން ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ.