އިނގިރޭސި ވިލާތުގެ އިސްތިއުމާރުގެ ދަށުގައި އޮންނަ ޗާގޯސް މޮރިޝަސް އަށް ދޫކޮށްލުމަށް ކުރަމުން އަންނަ މަސައްކަތުގައި އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ބަހެއް އޮންނަން ޖެހޭނެ ކަމަށް އިނގިރޭސި ވިލާތުން މިއަދު ބުނެފި އެވެ.
އިނގިރޭސި ވިލާތުގެ އިސްތިއުމާރުގެ ދަށުގައި އޮންނަ ޗާގޯސް މޮރިޝަސް އަށް ދޫކޮށްލުމަށް ކުރަމުން އަންނަ މަސައްކަތުގައި އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ބަހެއް އޮންނަން ޖެހޭނެ ކަމަށް އިނގިރޭސި ވިލާތުން މިއަދު ބުނެފި އެވެ.
ބީބީސީން ބުނެފައިވާ ގޮތުގައި މި މަހުގެ 20 ވަނަ ދުވަހު ޓްރަމްޕް މަގާމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން މޮރިޝަސް އަށް ޗާގޯސް ދޫކޮށްލުމުގެ އެއްބަސްވުން ފައިނަލްކޮށް، ސޮއިކުރުމަށް މަސައްކަތްކުރި އެވެ. އަދި މިއަދު މޮރިޝަސްގެ ކެބިނެޓުން އެ އެއްބަސްވުމަށް ރުހުން ދިނުމަށް ވެސް އޮތީ ނިންމައިފަ އެވެ.
އިންޑިއާ ކަނޑުގައި އެތައް ރަށެއްގެ މައްޗަށް އެކުލެވޭ މި ރަށްތަކުގެ ސިޔާދަތީ ބާރު އިނގިރޭސިވިލާތުން މޮރިޝަސްއާ ހަވާލުކުރަން ނިންމާފައި ވިޔަސް އޭގެ ތެރެއިން އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާގައި އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން އަސްކަރީ އެއާބޭސް ހިންގަން 99 އަހަރަށް ކުއްޔަށް ދޭން އޮތީ ނިންމައިފަ އެވެ.
ބޮޑުވަޒީރު ކިއާ ސްޓާމާގެ ތަރުޖަމާނު ވިދާޅުވީ ކޮންމެ އެއްބަސްވުމެއް ނަމަވެސް "އޭގެ ތަފްސީލާ މެދު އެމެރިކާ ސަރުކާރުން ވިސްނައި އެކަމުގައި ބަހެއް ބުނަން ފުރުސަތު ދިނުމަކީ ކޮންމެ ގޮތަކުން ބެލި ނަމަވެސް އެންމެ ރަނގަޅު ގޮތް" ކަމަށެވެ.
މި އެއްބަސްވުމަކީ އެމެރިކާގެ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ވިދާޅުވެ އިނގިރޭސިވިލާތުގެ ސިޔާސީ ބޭފުޅުންގެ އިތުރުން އެމެރިކާގެ އާ ސަރުކާރުގައި ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމަށް ވަޑައިގަންނަވާ މާކޯ ރޫބިއޯ ވެސް ވަނީ ފާޑު ވިދާޅުވެފަ އެވެ.
މޮރިޝަސްގެ ބޮޑުވަޒީރު ނަވީން ރަމްގޫލަމް ކެބިނެޓުގެ ބައްދަލުވުމެއްގައި މިއަދު އެއްބަސްވުމުގައި ސޮއިކުރައްވާނެ ކަމަށް ކުރިން ބެލެވިފައި އޮތަސް ފަހުން ވަނީ އޭނާގެ ބަންޑާރަ ނައިބު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ލަންޑަނަށް ވަޑައިގަންނަވާކަން އިއުލާނުކުރައްވައިފަ އެވެ.
އިނގިރޭސި ވިލާތުން 1965 ވަނަ އަހަރު ޗާގޯސް އައިލެންޑްސް ނުވަތަ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީގެ ކޮންޓްރޯލް ނެގީ އޭރު އިނގިރޭސި އިސްތިއުމާރުގެ ދަށުގައި އޮތް މޮރިޝަސް އަށް މިނިވަންކަން ދިނުމަށް ހެދި ޑީލެއްގެ ތެރެއިންނެވެ. މޮރިޝަސް އަށް 1968 ވަނަ އަހަރު އިނގިރޭސިން މިނިވަންކަން ދިން ނަމަވެސް ޗާގޯސްގެ ރަށްތައް ދޫކޮށެއްނުލަ އެވެ. އަދި އެތަނުގައި އޭރު އުޅުނު 1،000 އަށް ވުރެ ގިނަ މީހުން ބޭރުކޮށް، ޑިއޭގޯ ގާސިއާގައި އަސްކަރީ މަރުކަޒު ހަދަން ނިންމި އެވެ.
ޗާގޯސް އަކީ މޮރިޝަސްގެ ރަށްތަކެއް ކަމަށް އެ ގައުމުން ދައުވާކުރާއިރު، އދ.ގެ އެންމެ މަތީ ކޯޓުން އިސްތިޝާރީ ލަފައެއްގައި ވަނީ އިނގިރޭސިވިލާތުން އެ ރަށްތަކަށް ބާރު ހިންގުން ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ކަމަށް ބުނެފަ އެވެ.
އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި މި މައްސަލައިގައި ސުވާލު އަމާޒުވުމުން ބޮޑުވަޒީރު ކިއާ ވަނީ އަސްކަރީ މަރުކަޒު ސަލާމަތްކުރަން އެންމެ ރަނގަޅު ގޮތަކީ މޮރިޝަސް އަށް ޗާގޯސް ދިނުން ކަމަށް ވިދާޅުވެ ނިންމުން ދިފާއުކުރައްވައިފަ އެވެ.
ނަމަވެސް ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކެމީ ބަޑެނޯޗް ވިދާޅުވީ ބޮޑުވަޒީރު ގެންދަވަނީ "އިނގިރޭސި ވިލާތުގެ ބިންތައް ދޫކޮށްލުމަށް ސިއްރު އެއްބަސްވުމެއް ހެދުމަށް މަޝްވަރާ ކުރައްވަމުން" ކަމަށާއި އެ "ލަދުވެތިކަމުގެ އަގު ގައުމުގެ ޓެކްސް ޕޭޔަރުން އަދާކުރަންޖެހޭނެ" ކަމަށެވެ.
ބަޑެނޯކް ވިދާޅުވީ ޗާގޯސް އަކީ އިނގިރޭސިންގެ ސަރަހައްދެއް ނޫން ކަމަށް ބަލައި އެތަން ދޫކޮށްލެވޭ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި ބޮޑުވަޒީރު އަވަސްއަރުވާލައިގެން ނިންމަވަން އުޅެނީ ވަރަށް ނުރައްކާތެރި އެއްބަސްވުމެއް ކަމަށެވެ.
މޮރިޝަސް އަށް ޗާގޯސް ދޭން ޔޫކޭއިން އެއްބަސްވެއްޖެ
ފޯޅަވަހީގެ އެއްބަސްވުމަކަށް ބަދަލެއް ނުގެންނަން: ޔޫކޭ
ޗާގޯސްގެ މައްސަލައިގައި ޔޫކޭ-މޮރިޝަސްގެ އާ ޑީލެއް
ޗާގޯސް މޮރިޝަސްއަށް ދޭނެ ކަމާ މެދު ސުވާލުއުފެދިއްޖެ
ޓްރަމްޕް ސަރުކާރުން ޗާގޯސް ޑީލަށް ހުރަސް އަޅާފާނެ
ޗާގޯސްގައި އަލުން ވަޒަންވެރިއެއް ނުކުރެވޭނެ: ކެމަރަން
ކަނޑުގެ ސަރަހައްދު ހޯދުން އަވަސްކުރަން ގާސިމް އެދިއްޖެ
މޮރިޝަސްއަށް ޗާގޮސް ދިނުމުގެ ވިސްނުން ދޫކޮށްލައިފި
ޗާގޯސް ދިނަސް، އެމެރިކާގެ އަސްކަރީ ބޭސް ދެމިއޮންނާނެ
ޗާގޯސް މައްސަލަ: ރާއްޖެއިން މޮރިޝަސްއަށް ތާއީދުކުރަނީ