އެހެން މީހުންނަށް ފަތަން ދަސްކޮށްދިނުމަކީ ނައުފަލް މޫސާ އަށް ލިބޭ އެންމެ ބޮޑު އުފަލެވެ. އެއީ އޭނާ ވަރަށް ކުރާ ހިތުން ކުރާ ކަމެއް ވެސް މެ އެވެ. ރާއްޖޭގެ ކަނޑުމަތީގައި ހިނގާ ހިތާމަވެރި ހާދިސާތަކުގައި މީހުންނަށް ވާ ގެއްލުން ކުޑަ ކުރުމަށް ނައުފަލްގެ މި މަސައްކަތުން އެހީވެދޭނެ ކަމަށް އޭނާ ދެކެ އެވެ.
17 ނޮވެމްބަރ 2022
އެހެން މީހުންނަށް ފަތަން ދަސްކޮށްދިނުމަކީ ނައުފަލް މޫސާ އަށް ލިބޭ އެންމެ ބޮޑު އުފަލެވެ. އެއީ އޭނާ ވަރަށް ކުރާ ހިތުން ކުރާ ކަމެއް ވެސް މެ އެވެ. ރާއްޖޭގެ ކަނޑުމަތީގައި ހިނގާ ހިތާމަވެރި ހާދިސާތަކުގައި މީހުންނަށް ވާ ގެއްލުން ކުޑަ ކުރުމަށް ނައުފަލްގެ މި މަސައްކަތުން އެހީވެދޭނެ ކަމަށް އޭނާ ދެކެ އެވެ.
ފެތުމުގެ ދާއިރާ އަށް ވަދެވުނު ގޮތް އަހާލުމުން ނައުފަލް ފެށީ އޭނާގެ ސްކޫލް ދައުރުގެ ވާހަކަ އެވެ. އަހްމަދިއްޔާ ސްކޫލްގައި އޭނާ ކިޔަވަން އުޅުނުއިރުގެ ހަނދާންތަކަށެވެ. ދެހާސް ވަނަ އަހަރު އޮތް އިންޓަ ސްކޫލް ފެތުމުގެ މުބާރާތެއްގައި އޭނާ ވާދަކުރުމަކީ މި ދާއިރާ އަށް އޭނާގެ ޝައުގުވެރިކަން އުފެދުނު ގޮތެވެ.
އޭގެ ފަހުން އިންޓަ ސްކޫލް މުބާރާތްތަކުގައި ވިދާލައި، ނައުފަލް ގައުމީ ޓީމަށް ވެސް އެރި އެވެ. އިސްލާމީ ގައުމުތަކުގެ މެދުގައި ސައުދީ އަރަބިއްޔާގައި ބޭއްވި މުބާރާތެއްގައި އޭނާ ގައުމު ތަމްސީލު ކުރި އެވެ. އޭރުއްސުރެ ވެސް މީހުންނަށް ފަތަން ދަސްކޮށްދިނުމަކީ ނައުފަލް ދެކޭ ހުވަފެނެކެވެ.
މީހުންނަށް ފަތަންް ދަސްކޮށްދިނުމަކީ މިހާރު ނައުފަލްގެ ފުލް ޓައިމް މަސައްކަތެވެ. ފަތަން ދަސްކޮށްދިނުމުގެ ލައިސަންސް ނަގައި އޭނާ މިކަން ކުރަމުން އަންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
ހިލޭ ސާބަހަށް ވެސް ބައެއް ރަށްރަށުގައި ނައުފަލް ވަނީ ކޯސްތައް ހިންގައިދީފަ އެވެ. އެ ގޮތުން، އޭނާގެ އުފަން ރަށް އއ. އުކުޅަސް ހިމެނޭ އއ. އަތޮޅުގެ ތޮއްޑޫ ފިޔަވައި އެހެން ހުރިހާ ރަށެއްގައި ހިލޭ ސާބަހަށް ކޯސްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
"އަޅުގަނޑު ބޭނުންވަނީ ރާއްޖޭގައި މިހާރު ހުރި، އެންމެ އަވަހަށް އެންމެ ކުރު މުއްދަތެއްގައި ފަތަން ދަސްކޮށްދެވޭ އިންސްޓްރަކްޓަރަކީ ނައުފަލްއޭ އެހެން ގިނަ ބަޔަކު ބުނުން. މި ދާއިރާގައި ހިތްހަމަޖެހުމަކީ ފަތަން ދަސްކުރަން އަންނަ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިން ހިތްހަމަ ޖެހޭ ފަދަ ކޯސްތަކެއް ހިންގުން،" ނައުފަލް ބުންޏެވެ.
އޭނާއާ ދޭތެރޭ ކޯސްތަކުގެ ބައިވެރިން ބާއްވާ އިތުބާރަކީ މިހާ ހިސާބަށް ވެސް ނައުފަލް އަށް ކޯސްތައް ކުރިއަށް ގެންދެވުނު ސަބަބު ކަމަށް އޭނާ ގަބޫލު ކުރެ އެވެ.
ސްވިމިންގް އިންސްޓްރަކްޓަރު ނައުފަލް މޫސާ --
މިހާރު އޭނާ ހުރީ ޅ. ނައިފަރުގައި ކޯސްތަކެއް ހިންގުމަށް އެ ރަށަށް ގޮހެވެ. އެ ރަށުގެ ގްރޭޑް އެކެއްގެ ކުދިންގެ ތެރެއިން 60 ޕަސެންޓް ކުދިންނަށް 12 ދުވަސް ތެރޭގައި އޭނާ ފަތަން ދަސްކޮށްދިނެެވެ. ނައުފަލް ބުނި ގޮތުގައި 20 ދުވަހުގެ ކޯހަކުން އޭނާގެ ކައިރިން ފަތަން ދަސްކުރެވޭނެ އެވެ.
ނައުފަލްއަށް މި ކަމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކަމާ ބެހޭ އިދާރާތަކުގެ އެއްބާރުލުން ނުލިބުމެވެ. އޭނާ އަމިއްލައަށް މި ކަމުގައި އުޅެން ޖެހުމަކީ ދިމާވާ ދައްޗެކެވެ. ރަށްރަށުގައި އޭނާ ކޯސްތައް ހިންގަނީ ވެސް އަމިއްލައަށް ގޮސް ވާހަކަ ދައްކައިލައިގެން ކަމަށް ބުންޏެވެ.
"އެސޯސިއޭޝަންގެ ވެސް ސަޕޯޓް ލިބޭ. އެކަމަކު އެސޯސިއޭޝަންގައި ވެސް ނޯވޭ ބަޖެޓެއް މި ކަން ކުރާކަށް. ސަރުކާރުގެ ތެރެއިން ޔޫތު މިނިސްޓްރީން ވިޔަސް އަޅުގަނޑަށް ސަޕޯޓް ލިބުމަކީ އަޅުގަނޑު ވަރަށް ބޭނުންވާ ކަމެއް،" ނައުފަލް ބުންޏެވެ.
ނައުފަލް ގަބޫލުކުރާ ގޮތުގައި ފަތަން ދަސްކުރުމަކީ ކޮންމެ ދިވެއްސަކުމެ ކުރުން މުހިންމު ކަމެކެވެ. ސަބަބަކީ، ރާއްޖޭގެ 99 ޕަސެންޓަކީ ކަނޑުގެ ސަރަހައްދަށް ވެފައި ކަނޑުމަތީގެ ހާދިސާތައް ބައެއް ފަހަރަށް ހިނގުމެވެ.
ދުވާލަކު ހަތް ގަޑިއިރު ނުވަތަ އެއަށްވުރެ ގިނަ އިރު ވެސް އޭނާ މޫދުގައި ހޭދަކުރެ އެވެ. ބައެއް ދުވަސް ދުވަހު، ރެސްޓު ނެގި ނަމަވެސް ގިނަ ދުވަސްތަކުގައި އޭނާ އުޅޭނީ މި މަސައްކަތުގަ އެވެ.
"މަގުސަދަކީ ރާއްޖޭގައި މި ދިމާވާ ހިތާމަވެރި ހާދިސާތައް. ކުޑަކުދިން ގޮނޑުދޮށުގައި ހިނގާލައިފައި ދަނިކޮށް ފެންނަނީ މޫދަށް ވެއްޓި މަރުވެފައި އޮންނަތަން. މަސްޓޭންކުތަކަށް ވެއްޓި މަރުވޭ. އަޅުގަނޑުގެ އެންމެ ބޮޑު މަގުސަދަކީ އެ ކުދިންނަށް ރައްކާތެރިކަން ހޯދައިދިނުން،" ނައުފަލް ބުންޏެވެ.
ނައުފަލް ފަތަން ދަސްކޮށްދިން ކޯހެއްގެ ބައިވެރިންނާއެކު --
މިހާތަނަށް ނައުފަލް އަށް ފަތަން ދަސްކޮށްދެވުނު ކުދިންގެ އަދަދެއް އޭނާއަކަށް ނޭނގެ އެވެ. ލަފާކޮށްލައިފައި ބުނާ ނަމަ ގާތްގަނޑަކަށް 22،000 ނުވަތަ 25،000 ކުދިންނަށް ފަތަން ދަސްކޮށްދެވިފައިވާނެ ކަމަށް އޭނާ ގަބޫލު ކުރެ އެވެ.
ނައުފަލްގެ އުންމީދަކީ މި ކަން ކުރެވޭނެ މަގު ތަނަވަސް ވުމެވެ. މި ކަމުގައި ސްޕޮންސާ ލިބުމާއި ކަމާ ބެހޭ އިދާރާތަކުގެ އެއްބާރުލުމާ އެކު މި ކަން ފަސޭހަކަމާއެކު ކުރެވުމަކީ އޭނާ ދެކޭ ހުވަފެނެކެވެ. މިހާރު ޅ. އަތޮޅުގައި އޭނާ ކޯސްތައް ހިންގަމުންދާއިރު ކުރިއަށް އޮތީ އދ. އަތޮޅުގެ 10 ރަށުގައި ފަތަން ދަސްކޮށްދިނުން ކަމަށް ނައުފަލް ބުންޏެވެ.
ކުޅިވަރުގެ ދާއިރާއިން 2018 ވަނަ އަހަރު ހިތްވަރުދިނުމުގެ ގައުމީ އިނާމު ނައުފަލް އަށް ވަނީ ލިބިފަ އެވެ. އޭރު ވެސް، މިހާރު ވެސް އޭނާ އެ ހުރީ އެއް އަޒުމެއްގަ އެވެ. މީހުންނަށް ފަތަން ދަސްކޮށްދިނުމަކީ އޭނާގެ އުފާ ކަމުގައި ދެކިގެންނެވެ.
ހަމްނާ ނުވަ އަހަރުވީ ގައުމީ ރެކޯޑެއް މުގުރާލައިފި
"ދިރާގު މާލެ އޯޕަން" ސުވިމިން މުބާރާތުގެ ފުރުސަތު
ވޯލްޑް ޗެމްޕިއަންޝިޕްގައި ހަމްނާ އަށް ހާއްސަ ރެކޯޑެއް
ވޯލްޑްޗެމްޕިއަންޝިޕްގައި ދިވެހި ފެތުންތެރިން ރެކޯޑްތަކެއް
ހަންގޭރީ މުބާރާތުން އާން އާއި ހަމްނާ އަށް 8 ރެކޯޑް
ހަންގޭރީގައި އާން އާއި ހަމްނާ އަށް އިތުރު ރެކޯޑްތަކެއް
ރިހާން، ތަޒުކީ އަދި އަޔާނާ އަށް ހުއްޓުމެއް ނެތް
ރަން މެޑަލް ރޭހުން ތަޒްކީ ހެދީ 10 އަހަރުވީ ރެކޯޑެއް
ހަތަރު ފެތުންތެރިން 16 ރެކޯޑް އާކޮށްފި
ދިގު ފެތުމުގެ ޗެމްޕިއަންކަން ރިހާން އާއި އަޔާނާ އަށް