Roadha Mihaaru
ފަޒްނާ ވިދާޅުވީ ރޭގަނޑު ޖަލްސާތަކާއި ކެއުން ހުއްޓާލަން

ޖަލްސާ ރޭގަނޑު، ކެއުން މެންދަމު: ފަސްޓް ލޭޑީ އެދިވަޑައިގަތީ މިކަން ބަދަލުކުރަން

09 ނޮވެމްބަރ 2022

ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ނުރަނގަޅު އާދަތަކުން ސިއްހީ ބޮޑު ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމުގެ ވަރުގަދަ އިންޒާރެއް ދިން ދިރާސާ ރިޕޯޓެއް އާންމުކުރި ވަގުތު ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ފާހަގަކުރެއްވީ "ރަސްމީ ނުރަނގަޅު އާދަ" އެކެވެ؛ ޖަލްސާތައް ރޭގަނޑު ބާއްވާތީ ދަންވަރު ކެއުމަށް ދެވޭ ހިތްވަރެވެ.

ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ނުރަނގަޅު އާދަތަކުން ސިއްހީ ބޮޑު ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމުގެ ވަރުގަދަ އިންޒާރެއް ދިން ދިރާސާ ރިޕޯޓެއް އާންމުކުރި ވަގުތު ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ފާހަގަކުރެއްވީ "ރަސްމީ ނުރަނގަޅު އާދަ" އެކެވެ؛ ޖަލްސާތައް ރޭގަނޑު ބާއްވާތީ ދަންވަރު ކެއުމަށް ދެވޭ ހިތްވަރެވެ.

ސިއްހީ ކަންކަން ފަދަ މުހިންމު ދާއިރާތަކުގެ ވާހަކަ ދައްކަން ވެސް ރޭގަނޑު ޖަލްސާތައް ބާއްވައި އެ ޖަލްސާ މެންދަމާ ހިސާބަށް ދިގު ދެމިގެން ގޮސް އެއީ ކެއުމުގެ ވަގުތަކަށް ބަދަލުވާ ގޮތުގެ ވާހަކަ އެވެ.

އެކި ފެންވަރުގެ ޖަލްސާތަކާއި ހަފްލާތައް ރޭގަނޑު ބޭއްވުމަކީ އަހަރެމެންގެ ތެރޭގައި އާދަކާދައަކަށް ވެފައި އޮތް ކަމެކެވެ. ހާއްސަ ކަންކަމާ ގުޅިގެން ބާއްވާ ބޮޑެތި ޖަލްސާތައް ވަރަށް ދަން ވަންދެން ކުރިއަށް ގެންދާ ފަހަރު ވެސް އާދެ އެވެ. އެކަމަކު މިއިން ޖަލްސާއެއް ނިންމާފައި، "އެންމެ ކުޑަމިނުން" ބިލެތްމީރުކޮށްލުމެއް ނެތިއްޔާ އެއީ ވަރަށް ދެރަ ކަމަކަށް ވެސް އޮންނަނީ ވެފަ އެވެ. އެކަމަކު ކުޑަގޮތަކަށް މިކަން ކުރަން ގިނަ ފަހަރަށް ހުންނަނީ ވެސް ތެޔޮ ހެދިކާތަކެވެ.

"... ދަންވަރު 12 ޖަހާއިރު ޖަލްސާނިމިގެން ކައިގެން، ޚާއްސަކޮށް ހެދިކާ ކައިގެން ނިދުމަކީ ސިއްޙީ ނަޒަރަކުން ބެލިކަމުގަވިޔަސް ރަނގަޅު އާދައެއް ކަމަކަށް ނުވާނެ." ފަޒްނާ ލިޔުއްވާފައިވެ އެވެ.

ފަސްޓް ލޭޑީ ފަޒްނާ އަހްމަދުގެ ފޭސްބުކް ޕޯސްޓް

ފަޒްނާ މިހެން ލިޔުއްވާފައި ވަނީ ގައިންގަޔަށް ނާރާ ބަލިތަކާ ގުޅޭގޮތުން ރާއްޖޭގައި ހެދި ދިރާސާއިން ކަންބޮޑުވާ އެތައް ކަމެއް ހާމަވެފައި ވަނިކޮށެވެ. ހަރަކާތްތެރިވެ އުޅުން މަދުވުމާއި ސިއްހީ ގޮތުން ގެއްލުންވާ ގޮތަށް ކެއުމުގެ އާދަ ބެހެއްޓުން ފަދަ ކަންކަމާ ހުރެ އާބާދީގެ ބޮޑު ބައެއްގެ ކޮލެސްޓްރޯލާއި ހަކުރު އަދި ލޭ މަތި ކަމަށް އެ ދިރާސާ އިން ވަނީ ދައްކައިފަ އެވެ.

ރޭގަނޑު ކެއުމުގެ ނަތީޖާ އަކީ ކޮބާ؟

ފަލަވުން ނުވަތަ ބަރުދަން އިތުރުވުމަކީ ރޭގަނޑު ދަންކޮށްފައި ކެއުމާ މެދު އޮންނަ އެންމެ އާންމު ކަންބޮޑުވުމެވެ. މިއީ މިކަމުގައި އާންމު ވިސްނުމެވެ.

ނިދުމާ ގާތްކޮށްފައި ކެއުމުން ހަށިގަނޑަށް ކުރާ އަސަރުތައް ދެނެގަތުމަށް އެކި ދިރާސާތައް ކޮށްފައިވެ އެވެ. އެކި ދިރާސާތަކުން އެކި ގޮތަށް ދެއްކި ނަަމަވެސް ސަކޭޑިއަމް ރިދަމް ނުވަތަ "ހަށިގަނޑުގެ ގުދުރަތީ ގަޑި" އާ އެއްގޮތަށް އާދަތައް ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނަ ދިރާސާތައް ގިނަ އެވެ. އެއީ ދުވާލު މަސައްކަތުގައި އުޅޭއިރު ކާން ވަގުތު ހުސްކުރުމާއި ރޭގަނޑު ނިދާ ވަގުތާ ކައިރިކޮށްފައި ނުކެއުމެވެ. ރޭގަނޑަކީ އަރާމުކޮށް ނިދުމުގެ ވަގުތަކަށް ހެދުމެވެ.

ބައެއް ދިރާސާތަކުން ވެސް އެނގިފައިވާ ގޮތުގައި ސަކޭޑިއަމް ރިދަމްއާ އެއްގޮތަށް ކެއުން ބެހެއްޓުމުން ފާހަގަކުރެވޭ ވަރަށް ބަރުދަށް ލުއިވެ އެވެ. މިކަން ހާމަވި ދިރާސާގައި، ސަކޭޑިއަމް ރިދަމްއާ އެއްގޮތަށް ކެއުމުގެ ވަގުތުތައް ބެހެއްޓި މީދާތަކަކަށް ހައި ފެޓް މީލް ދިނެވެ. އަދި ހަމަ މި ކެއުން ސަކޭޑިއަމް ރިދަމްއާ ދިމާނުވާ ގޮތަށް އެހެން މީދާތަކަކަށް ދިނެވެ. ނަތީޖާއަކަށްވީ ސަކޭޑިއަމް ރިދަމްއާ އެއްގޮތަށް ކެއުމުގެ އާދަތައް ހުރި މީދާތަކުގެ ބަރުދަން ލުއިވުމެވެ.

މީގެ އިތުރުން އެހެން ދިރާސާއަކުން އެނގުނު ގޮތުގައި ކެއުމަށް ހާއްސަކުރާ ވަގުތު 12 ގަޑިއިރަށް ވުރެ އިތުރުވާ ނަމަ ފަލަބައްޔާއި ހަކުރު ބަލި އަދި ހިތުގެ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެ އެވެ.

ކުޑަކުޑަ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ހަކުރު ބަލީގެ އަލާމާތްތައް ފެންނަން ފަށާފައި ހުރި އަށް މީހަކު، ކެއުމުގެ ވަގުތު ހަ ގަޑިއިރަށް، ހެނދުނު 8 އިން އިރުއޮއްސި 6 އަށް ކުރުކޮށްލުމުން ލޭގައި ހަކުރު ހުންނަ މިންވަރާއި ލޭގެ ޕްރެޝަރާއި ދަށްވެގެން ދިޔަ އެވެ. މީގެ އެހެން ދިރާސާއަކުން ދެއްކީ ފާސްޓިން ބްލަޑް ޝުގަ ހުންނަ ވަރު ހެނދުނު 8 އާއި ހަވީރު 5 އާ ދެމެދު ކާ މީހުންނަށް ވުރެ މެންދުރު 12 އާއި ރޭގަނޑު 9 އާ ދެމެދު ކާ މީހުންނާ އަޅާބަލާއިރު ދަށްކަމެވެ.

ޑައިވިންގެ ދުނިޔޭގެ އެންމެ ބޮޑު ރެކޯޑް ރާއްޖޭގައި ހެދުމަށް ފަސްޓް ލޭޑީ ފަޒުނާ އަހުމަދު މޫދަށް ފައިބައިވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޑައިވިންގެ ދުނިޔޭގެ އެންމެ ބޮޑު ރެކޯޑް ރާއްޖޭގައި ހެދުމަށް ފަސްޓް ލޭޑީ ފަޒުނާ އަހުމަދު މޫދަށް ފައިބައިވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ތަޖުރިބާކާރުން ވިދާޅުވަނީ މިއީ ޑިއުޓީ ބަހައިގެން، މުޅި ދުވަހުގެ އެކި ވަގުތު މަސައްކަތުގައި އުޅެންޖެހޭ މީހުންގެ މެދުގައި، ކޮލެސްޓްރޯލް މަތިވުމާއި ހަކުރު ބަލި ފަދަ މައްސަލަތައް ގިނަވުމުގެ ސަބަބަކަށް ވެދާނެ ކަމަށެވެ. އެކަމަކު މިއީ ސައިންޓިފިކް ގޮތުން މުޅިން ކަށަވަރުކުރެވިފައިވާ ކަންކަމެއް ނޫނެވެ.

މި ދިރާސާތައް މިހެން ހުރި ނަމަވެސް ރޭގަނޑު ކެއުމަކީ އާދައަކަށް ހަދައިފި ނަމަ މެޓަބޮލިކް ސިންޑްރޯމް ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށް އެތައް ދިރާސާއަކުން ދައްކާފައިވެ އެވެ. މިއީ ހަކުރު ބައްޔަށް މަގުފަހިވާ އިންސިއުލިން ރެސިސްޓެންސާއި އެކަށީގެންވާ ވަރަށްވުރެ ފަލަވުމާއި ލޭ މައްޗަށް ދިއުމާއި ކޮލެސްޓްރޯލް މަތިވުން ފަދަ ކަންކަމާ ކުރިމަތިކުރުވާ މައްސަލައެކެވެ. ރާއްޖޭގައި ދިރާސާގައި ފެންނަނީ ނުރައްކާތެރި ބަލިތަކަށް މީހާ ހުށަހެޅޭ މި ހުރިހާ މައްސަލައެއް ރާއްޖޭގައި ވަރަށް އާންމުވެއްޖެ ކަމަށެވެ.

ރޭގަނޑުގެ ޖަލްސާތަކުން ނޫނަސް، މިހާރު ފެންނަނީ ދަންވިދަންވިހެން ގްރޫޕް ހަދާފައި ގޮސް ކެއުމާއި ކޮފީ ބުއިން ފަަދަ ކަންކަން ދިވެހިންގެ ލައިފްސްޓައިލަކަށް ވަމުންދާ ތަނެވެ. މި ދެވެނީ ނުރައްކާ މަގަކުންނެވެ.