Roadha Mihaaru
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ނޭނގޭ

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތެއް ނޭނގުނު

10 ނޮވެމްބަރ 2022

މިދިޔަ އަންގާރަ ދުވަހު އެމެރިކާގައި ބޭއްވި އާންމު އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދާއިރު، ގާނޫނު ހަދާ މަޖިލީހުގައި އަޣުލަބިއްޔަތު ހޯދާނެ ޕާޓީއަކާ އެކު އަދިވެސް ވަނީ ސުވާލު އުފެދިފަ އެވެ.

މިދިޔަ އަންގާރަ ދުވަހު އެމެރިކާގައި ބޭއްވި އާންމު އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދާއިރު، ގާނޫނު ހަދާ މަޖިލީހުގައި އަޣުލަބިއްޔަތު ހޯދާނެ ޕާޓީއަކާ އެކު އަދިވެސް ވަނީ ސުވާލު އުފެދިފަ އެވެ.

ވޯޓު ލައި ނިމިގެން ވޯޓުގެ ނަތީޖާ ސާފުކުރަން ފެށިތާ 48 ގަޑިއިރު ވެގެންދާއިރު، ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ (ހައުސް އޮފް ރެޕްރެޒެންޓެޓިވްސް) އާއި މަތިގެ (ސެނެޓް)ގެ އަޣުލަބިއްޔަތު އެއްވެސް ޕާޓީއަކަށް ކަށަވަރެއް ނުވެ އެވެ. ސެނެޓްގެ 100 ގޮނޑީގެ ތެރެއިން، ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީ އަށް މިހާތަނަށް ކަށަވަރުވީ 48 ގޮނޑި އެވެ. އިދިކޮޅު ރިޕަބްލިކަން ޕާޓީ އަށް މިހާތަނަށް ކަށަވަރު ވެފައިވަނީ 49 ގޮނޑި އެވެ.

ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބޭނީ މަދުވެގެން 50 ގޮނޑި ހޯދާ ޕާޓީއަކަށެވެ. މިފަހަރުގެ އިންތިޚާބުގައި ދެ ދާއިރާއެއްގެ ވޯޓުލުން ނެތް އިރު، ޖޯޖިއާގެ ގޮނޑި ކަށަވަރުވާނީ، އަންނަ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު ބާއްވާ އެ ދާއިރާގެ ދެ ވަނަ ބުރުގެ ވޯޓަށް ފަހު އެވެ. އެ ދާއިރާގެ ފުރަތަމަ ބުރުގެ ވޯޓުގައި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ރަފައޭލް ވާނޮކް އާއި ރިޕަބްލިކަން ޕާޓީގެ ހާޝެލް ވޯކާ އަށް ލިބިވަޑައިގެން ވޯޓު ވަނީ ހަމަހަމަވެފަ އެވެ.

މިހާތަނަށް ސާފުކުރެވުނު ނަތީޖާއަށް ބަލާއިރު، ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ (ހައުސް އޮފް ރެޕްރެޒެންޓޭޓިވް) 435 ގޮނޑީގެ ތެރެއިން، ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީން ވަނީ 191 ގޮނޑި ކަށަވަރުކޮށްފަ އެވެ. ތިރިގޭގެ މެޖޯރިޓީ ލިބޭނީ މަދުވެގެން 218 ގޮނޑި ލިބިގެން ކަމަށްވާއިރު، އިދިކޮޅު ރިޕަބްލިކަން ޕާޓީ އަށް މިހާތަނަށް ކަށަވަރުވެފައިވަނީ 209 ގޮނޑި އެވެ.

އެހެންކަމުން ތިރިގޭގެ އަޣުލަބިއްޔަތު ކަށަވަރުވާނީ، ކެލިފޯނިއާ އާއި އޮރިގަން، ނެވާޑާ އަދި އެރިޒޯނާ ފަދަ ސްޓޭޓްތަކުގައި ނެގި ވޯޓުގެ ނަތީޖާތައް ސާފުވުމުންނެވެ. އެ ސްޓޭޓްތަކުގައި ނެގި ވޯޓުގައި ނުގުނައި ހުރި ވޯޓުގެ އަދަދު އެތައް ލައްކައަކަށް އަރާއިރު، އެ ސްޓޭޓްތަކުގެ ނަތީޖާ ސާފުކުރަން ދުވަސްތަކެއް ނަގާނެ އެވެ.

މިހާރުގެ ނަތީޖާއަށް ބަލާއިރު ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ގިނަ ގޮނޑި ލިބިފައިވަނީ އިދިކޮޅު ރިޕަބްލިކަން ޕާޓީއަށެވެ. އެހެންކަމުން ވޯޓުގެ ރަސްމީ ނަތީޖާ މުޅިން ސާފުވާއިރު، ރިޕްބަލިކަން ޕާޓީ އަށް ތިރިގޭގެ އަޣުލަބިއްޔަތު ލިބުމުގެ ފުރުސަތު ބޮޑުކަމަށް ފެންނާތީ، ރައީސް ޖޯ ބައިޑެން ރޭ ވަނީ، ތިރިގޭގެ މައިނޯރިޓީ ލީޑަރު ކެވިން މެކާތީއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފަ އެވެ.

ތިރިގޭގެ އަޣުލަބިއްޔަތު ރިޕަބްލިކަން ޕާޓީ އަށް ލިބިއްޖެ ނަމަ، ގާނޫނު ހަދާ މަޖިލީހުގެ ރައީސަކަށް ވެވަޑައިގަންނަވާނީ ކެވިން މެކާތީއާ އެވެ. ރައީސް ބައިޑެން އޭނާއާ މަޝްވަރާ ކުރެއްވި ނަމަވެސް، އެމެރިކާގެ ރިއާސީ ގަނޑުވަރުން އެ މަޝްވަރާތަކުގެ ތަފްސީލެއް ނުދެ އެވެ.

އެމެރިކާގެ ރިއާސީ ދައުރުގެ މެދުތެރެއިން ބާއްވާ އާންމު އިންތިޚާބަކީ، ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ (ހައުސް އޮފް ރެޕްރެޒެންޓެޓިވްސް)ގެ 435 ގޮނޑި އަށާއި، މަތިގެ (ސެނެޓް)ގެ 100 ގޮނޑީގެ ތެރެއިން 33 ނުވަތަ 34 ގޮނޑި އަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބެކެވެ. އޭގެ އިތުރުން އެމެރިކާގެ 50 ސްޓޭޓްގެ ތެރެއިން 34 ސްޓޭޓަށް، ހަތަރު އަހަރުގެ ދައުރަކަށް ގަވަރުނަރުން އިންތިޚާބު ކުރުމާއި، ވާމޮންޓް އާއި ނިއު ހަމްޝަޔާ އަށް ދެ އަހަރުގެ ދައުރަކަށް ގަވަރުނަރުން އިންތިޚާބު ކުރުން ވެސް އޮންނާނެ އެވެ.

އަދި ގިނަ ސްޓޭޓްތަކުގެ ގާނޫނު ހަދާ މަޖިލިސްތަކަށް މެމްބަރުން އިންތިޚާބު ކުރުމާއި ބައެއް ސަރަހައްދުތަކުގެ މުނިސިޕަލް ކައުންސިލްތަކަށް މެމްބަރުން އިންތިޚާބު ކުރުމާއި ބައެއް ސަރަހައްދުތަކުގެ މޭޔަރުން އިންތިޚާބުކުރުން ވެސް އޮންނާނެ އެވެ.