Roadha Mihaaru
އެމެރިކާގެ ޑިމޮކްރެސީ އޮތީ ނުރައްކަލުގެ ތެރޭގައި

އެމެރިކާގެ ޑިމޮކްރެސީ އޮތީ ނުރައްކަލުގެ ތެރޭގައި: ބައިޑެން

03 ނޮވެމްބަރ 2022

އެންމެ ފަހުން އެމެރިކާގައި ބޭއްވި ރިއާސީ އިންތިޚާބުގެ ނަތީޖާއާ ދެކޮޅަށް، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ފަތުރަމުންދާ ދޮގު ވާހަކަތަކުގެ ސަބަބުން އެމެރިކާގެ ވެރިކަން ހިންގުމުގެ ނިޒާމު މިހާރު އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.

އެންމެ ފަހުން އެމެރިކާގައި ބޭއްވި ރިއާސީ އިންތިޚާބުގެ ނަތީޖާއާ ދެކޮޅަށް، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ފަތުރަމުންދާ ދޮގު ވާހަކަތަކުގެ ސަބަބުން އެމެރިކާގެ ވެރިކަން ހިންގުމުގެ ނިޒާމު މިހާރު އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައީސް ބައިޑެން މި މޭރުމުން އިންޒާރު ކުރެއްވި އިރު، އެމެރިކާ ރައްޔިތުން މިހާރު ތައްޔާރުވަމުން ދަނީ، ދައުރުގެ މެދުތެރެއިން ބާއްވާ އާންމު އިންތިޚާބުގެ ވޯޓުލުމަށެވެ. އެމެރިކާގެ ދައުލަތް ހިންގުމުގެ ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން، ކޮންމެ ރިއާސީ ދައުރެއް ދެބައިވުމާ އެކު އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ހޯމަ ދުވަހާ ޖެހިގެން އަންނަ އަންގާރަ ދުވަހު، އާންމު އިންތިޚާބުގެ ވޯޓުލުން އޮންނާނެ އެވެ.

ބައިޑެން ވިދާޅުވި ގޮތުގައި ރިއާސީ އިންތިޚާބާ ބެހޭ ގޮތުން ކުރީގެ ރައީސް ޓްރަޕްމު ދައްކަވާ ދޮގު ވާހަކަތަކުގެ ސަބަބުން، ހަމަނުޖެހުމާއި ހަރުކަށި އަމަލުތައް ހިންގުން މިހާރު ދަނީ އިތުރުވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ހަމަނުޖެހުންތަކުގެ ސަބަބުން އެމެރިކާގެ ޑިމޮކްރެސީ ނުރައްކަލުގެ ތެރެއަށް ވެއްޓިފައިވާ އިރު، އެ ނުރައްކަލުން އެމެރިކާގެ ޑިމޮކްރެސީ ހިމާޔަތްކުރުން އޮތީ، މިއަންނަ އަންގާރަ ދުވަހު އޮންނަ އިންތިޚާބުގައި ވޯޓުލާ މީހުންގެ އަތްމަތީގައި ކަމަށެވެ.

ރައީސް ބައިޑެން މި އިޝާރާތް ކުރެއްވީ، ކުރިއަށް އޮތް އާންމު އިންތިޚާބުގައި އިދިކޮޅު ރިޕަބްލިކަން ޕާޓީ އަށް، ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ، ޓްރަމްޕުގެ ނުފޫޒު ގަދަވެދާނެ ކަމަށެވެ. އިންތިޚާބާ ދިމާކޮށް ބައެއް މީޑިއާތަކުން މިހާރު ހަދާފައިވާ ޚިޔާލު ހޯދުމުގެ ދިރާސާތައް ދައްކާ ގޮތުން، ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ އަޣުލަބިއްޔަތު މިފަހަރު ހޯދާނީ ރިޕަބްލިކަން ޕާޓީ އެވެ. މިހާރު ހަނި އަޣުލަބިއްޔަތަކުން މަޖިލީހުގެ ތިރިގެ ކޮންޓްރޯލް ކުރަމުން އަންނަނީ ޑިމޮކްރޭޓުންނެވެ.

ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ދާދި ހަމަހަމަ ގޮތަކަށް ބެހިފައި އޮތް އިރު، 100 ގޮނޑީގެ ތެރެއިން ޑިމޮކްރެޓިކް ޕާޓީ އަށް 50 ގޮނޑި ހަމަވަނީ، މިނިވަން ދެ މެމްބަރެއްގެ ތާއީދާ އެކުގަ އެވެ. ތިރިގޭގެ ޖުމްލަ 435 ގޮނޑީގެ ތެރެއިން 220 ގޮނޑިއާ އެކު، ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީ އަށް އަޣުލަބިއްޔަތު ލިބިފައިވާ އިރު، އިދިކޮޅު ރިޕަބްލިކަނުންނަށް 212 ގޮނޑި ލިބިފައިވެ އެވެ. އަދި ތިން ގޮނޑި މިހާރުވެސް ހުރީ ހުހަށެވެ.

ޑިމޮކްރެޓިކް ޕާޓީގެ އެއްވުމެއްގައި ވާހަކަ ދައްކަވަމުން، ރައީސް ބައިޑެން ވިދާޅުވީ އަންނަ އަންގާރަ ދުވަހު އޮންނަ އިންތިޚާބުގައި ނާކާމިޔާބު ވެއްޖެ ނަމަ، ނަތީޖާ ގަބޫލުނުކުރާނެ ކަމަށް، ރިޕަބްލިކަން ޕާޓީގެ ބައެއް ކެންޑިޑޭޓުން މިހާރުވެސް ބުނަމުން ދިއުމަކީ، އެމެރިކާގެ ޑިމޮކްރެސީއަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެކެވެ.

ބައިޑެން ވިދާޅުވީ އެމެރިކާގެ ނިޒާމާ ދެކޮޅަށް އުފެދިފައިވާ އޮއިވަރުގެ ތެރެއިން ބަޔަކު މަސައްކަތް ކުރަމުން ދަނީ، ވޯޓުލާ މީހުންގެ ހައްގުތައް ނިގުޅައިގަނެ އެމެރިކާގެ ވޯޓުލުމުގެ ނިޒާމުގެ ބާރު ކަނޑުވައިލުމަށް، 2020 ވަނަ މަސައްކަތް ކުރުމުން ކުރިމަތިވި ނާކާމިޔާބީގެ ބަދަލު، މިފަހަރުގެ އިންތިޚާބުގައި ހިފާށެވެ.

"އެއީ ހަލަބޮލިކަމުގެ ތެރެއަށް އެމެރިކާ ވައްޓައިލާނެ މަގު. އެއީ މީގެ ކުރިން އެމެރިކާގެ ތާރީޚު ދެކެފައިވާ ކަމެއް ނޫން. އެއީ ޣައިރު ގާނޫނީ އަމަލެއް. އެއީ އެމެރިކާވަންތަ ކަމެއް ވެސް ނޫން."

އެމެރިކާގައި 2020 ވަނަ އަހަރު އޮތް ރިއާސީ އިންތިޚާބުގައި އޭރުގެ ރައީސް ޓްރަމްޕަށް ނާކާމިޔާބު ލިބިވަޑައިގަތުމުން އޭނާ އެ ނަތީޖާ ގަބޫލެއް ނުކުރައްވަ އެވެ. އޭނާ ތުހުމަތުކުރައްވާ ގޮތުގައި ބަޔަކު "އިންތިޚާބު ވަގަށް ނަގައި" ވޯޓު އޮޅުވައިލީ އެވެ. އެ ތުހުމަތުތަކާއެކު، އޭނާގެ ސަޕޯޓަރުންނަށް ހިތްވަރު ދެއްވައިގެން، ޖެނުއަރީ 6، 2021ގައި، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް އާންމުންގެ ބަޔަކު ވަދެގަނެ އެތަނަށް ހަމަލާ ދިނެވެ.

އެ ހަމަނުޖެހުމުގެ ކަންތައް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ ތަހުގީގުގައި ހެކިބަސް ދެއްވުމަށް ރައީސް ޓްރަމްޕަށް ވަނީ އަމުރެއް ނެރެފަ އެވެ.

ދައުރުގެ މެދުތެރެއިން ބާއްވާ އާންމު އިންތިޚާބަކީ، ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ (ހައުސް އޮފް ރެޕްރެޒެންޓެޓިވްސް)ގެ 435 ގޮނޑި އަށާއި، މަތިގެ (ސެނެޓް)ގެ 100 ގޮނޑީގެ ތެރެއިން 33 ނުވަތަ 34 ގޮނޑި އަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބެކެވެ. އޭގެ އިތުރުން އެމެރިކާގެ 50 ސްޓޭޓްގެ ތެރެއިން 34 ސްޓޭޓަށް، ހަތަރު އަހަރުގެ ދައުރަކަށް ގަވަރުނަރުން އިންތިޚާބު ކުރުމާއި، ވާމޮންޓް އާއި ނިއު ހަމްޝަޔާ އަށް ދެ އަހަރުގެ ދައުރަކަށް ގަވަރުނަރުން އިންތިޚާބު ކުރުން ވެސް އޮންނާނެ އެވެ.

އަދި ގިނަ ސްޓޭޓްތަކުގެ ގާނޫނު ހަދާ މަޖިލިސްތަކަށް މެމްބަރުން އިންތިޚާބު ކުރުމާއި ބައެއް ސަރަހައްދުތަކުގެ މުނިސިޕަލް ކައުންސިލްތަކަށް މެމްބަރުން އިންތިޚާބު ކުރުމާއި ބައެއް ސަރަހައްދުތަކުގެ މޭޔަރުން އިންތިޚާބުކުރުން ވެސް އޮންނާނެ އެވެ.