Roadha Mihaaru
މިއީ ޒުވާން ޖީލާ ގައުމު ހަވާލުކުރަންވީ ވަގުތު: ރޮމްނީ

މިއީ ޒުވާން ޖީލާ ގައުމު ހަވާލުކުރަންވީ ވަގުތު: ރޮމްނީ

14 ސެޕްޓެމްބަރ 2023

މިހާރުގެ ރައީސް ޖޯ ބައިޑެން އާއި އެ މަގާމަށް ވާދަ ކުރައްވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ފަދަ، އުމުރުން ދުވަސްވީ ބޭފުޅުން ސިޔާސީ ކަންކަމާ ދުރަށް ޖެހިވަޑައިގެން، ޒުވާން ޖީލަށް ފުރުސަތު ދެއްވުމަށް، އެމެރިކާގެ ސެނެޓާ މިޓް ރޮމްނީ ގޮވާލައްވައިފި އެވެ.

މިހާރުގެ ރައީސް ޖޯ ބައިޑެން އާއި އެ މަގާމަށް ވާދަ ކުރައްވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ފަދަ، އުމުރުން ދުވަސްވީ ބޭފުޅުން ސިޔާސީ ކަންކަމާ ދުރަށް ޖެހިވަޑައިގެން، ޒުވާން ޖީލަށް ފުރުސަތު ދެއްވުމަށް، އެމެރިކާގެ ސެނެޓާ މިޓް ރޮމްނީ ގޮވާލައްވައިފި އެވެ.

ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި އިދިކޮޅި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރެއްވުމުގެ އުންމީދުގައި ހުންނެވި ރޮމްނީ އިއްޔެ ވިދާޅުވީ، އޭނާގެ އުމުރުގެ ސަބަބުން އެ ވިސްނުން މިހާރު ބަދަލުވެއްޖެ ކަމަށެވެ. ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި ވާދަ ނުކުރައްވާނެ ކަމަށާއި، މިއީ ބޮޑު ދެ ޕާޓީގެ ތެރެއިންވެސް ޒުވާނުންނަށް ފުރުސަތު ދިނުމުގެ ވަގުތު ކަމަށް ރޮމްނީ ވިދާޅުވި އެވެ.

އުމުރުން 76 އަހަރު ރޮމްނީ ވަނީ އެމެރިކާގެ ސިޔާސީ ދާއިރާގައި 20 އަހަރު ހޭދަ ކުރައްވައިފަ އެވެ. އޭނާއަކީ 2019 ވަނަ އަހަރުން ފެށިގެން، އެމެރިކާގެ ސެނެޓްގައި އުޓާ ސްޓޭޓް ތަމްސީލު ކުރައްވާ މެމްބަރެވެ. އޭގެ އިތުރުން މެސެޗޫސެޓްސް ސްޓޭޓްގެ ގަވަރުނަރުގެ މަގާމު ވެސް (2003-2007) އޭނާ ފުރުއްވި އެވެ.

އެމެރިކާގައި 2012 ވަނަ އަހަރު އޮތް ރިއާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަ ކުރެއްވި ނަމަވެސް، ޑިމޮކްރެޓިކް ޕާޓީގެ ބަރަކް އޮބާމާގެ މައްޗަށް ކުރި ހޯއްދެވޭ ގޮތެއް އެފަހަރު ނުވި އެވެ.

ރޮމްނީ ވިދާޅުވި ގޮތުގައި މިހާރު ސެނެޓްގައި ފުރުއްވަމުންދާ މަގާމުގައި ދެމިހުންނެވުމަށް ވެސް ގަސްދު ކުރައްވަނީ މިހާރު ހިނގަމުންދާ ދައުރު، ޖެނުއަރީ 2025 ގައި ހަމަވުމާ ހަމައަށެވެ. އޭގެ ފަހުން އެ މަގާމަށް ވެސް ވާދަ ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެން އޭނާ މަސައްކަތް ކުރައްވާނީ ރިޕަބްލިކަން ޕާޓީގެ ތެރެއަށް ޒުވާނުން އިތުރުކޮށް، ޕާޓީގެ އިސް މަގާމުތަކަށް ޒުވާނުން ގެނައުމަށެވެ. އެ ފުރުސަތު ފަހިކޮށްދިނުމަށް ފަހު ގައުމުގެ އެންމެ މަތީ މަގާމަށް ވެސް ވާދަކުރުމުގެ މަގު ޒުވާނުންނަށް ފަހިކޮށްދެއްވަން ބޭނުންވާ ކަމަށް ވެސް ރޮމްނީ ވިދާޅުވި އެވެ.

ރޮމްނީ ވިދާޅުވި ގޮތުގައި ޒުވާނުންނަށް އެ ފުރުސަތު ލިބޭނީ، ވެރިކަމަށް ޝައުގުވެރިވާ މުސްކުޅިން ސިޔާސީ މަގާމުތަކުން ދުރަށް ޖެހިވަޑައިގަތުމުންނެވެ. އެ ގޮތުން މިހާރު ވެރިކަމުގައި ހުންނެވި ޖޯ ބައިޑެން އާއި ރިޕަބްލިކަން ޕާޓީގެ ފަރާތުން އެ މަގާމަށް ވާދަކުރައްވަން މަސައްކަތް ކުރައްވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވެސް ސިޔާސީ މައިދާނުން އެއް ފަރާތަށް ޖެހިވަޑައިގަންނަވަން ޖެހޭ ކަމަށް ވެސް ރޮމްނީ ވިދާޅުވި އެވެ.

މިހާރު ވެރިކަމުގައި ހުންނެވި ބައިޑެން އަށް ވެސް މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި 81 އަހަރު ފުރޭނެ އެވެ. ޑޮނަލްޑް ޓްރަމްޕަށް ވެސް މިއަހަރުގެ ޖޫން މަހުގެ ތެރޭގައި 77 އަހަރު ފުރިއްޖެ އެވެ.