Roadha Mihaaru

ދޭނުހޭ ގެންގޮސް ވަޔާއޭ

● 5 ވަނަ ބައި

ދޭނުހޭ ގެންގޮސް ވަޔާއޭ

● 5 ވަނަ ބައި

"ކޮބައިތަ ރާނިޔާ، ގޭގައި އެބަ އުޅޭތަ؟" އިޝާން އެހެން އަހާލުމުން އަހަރުމެން ދެމީހުންނަށް އެއްފަހަރާ ބާރަށް ހީގަނެވުނެވެ.

" ސާބަސް މީއޭ ރާނިޔާ އަކީ.!" ޝެރީން ބުނެދިނެވެ. "ރީނާ އެއީ އަހަރުމެން ކިޔާގޮތް" ޝެރީން އިތުރަށް އޮޅުންފިލުވައި ދިނެވެ.

އަހަރުމެން ދެމީހުން އުޅެނީ އެއް އޮފީހެއްގައި ކަން ގަބޫލުކުރަން ޝެރީންއަށް ދަތިވިކަހަލައެވެ. އެވާހަކަ ކުރިން ނުބުނީ ކީއްވެގެންތޯ އެހިއެވެ. އަހަންނަށް ދޭނެ ޖަވާބެއް ނޭނގިފައި ހުއްޓައި އިޝާން ވާހަކަ ދައްކަން ފެށިއެވެ.

"ނޭނގޭނެއެންނު ޝެރީން އަބަދުވެސް ދައްކާނެ ރީނާއެއްގެ ވާހަކަ .... އެންމެ ފަހަރަކުވެސް ނުބުނޭ އަސްލުނަމަކީ ރާނިޔާ އެކޭ!" އިޝާން އަހަންނާ ދިމާއަށް ހިނިތުންވެލިއެވެ.

އެދެމީހުންނަށް އެތެރެއަށް ވަންނަން ދައުވަތު ދިނީމެވެ. އެކަމަކު ޝެރީން އިތުރަށް މަޑުކުރާކަށް ބޭނުމެއްނުވިއެވެ. ކޮންމެވެސް އެއްޗެއް ބަލާ ބޮޑުދައިތަ ގެއަށް ދަނީއޭ ކިޔާފައި ނައްޓާލީއެވެ. އިޝާންގެ ފަހަތަށް އަރާ އިށީންނަމުން އޭނާގެ ދެބެންގެ ދެދަރި ދައްތަ ރައްޓެހިވެގެން އުޅޭނީ ސަމީރުއާއި ކަމުގައިވެސް ބުނެދިނެވެ.

އިޝާން ގޮވައިގެން ޝެރީން އަހަރުމެން ގޭދޮށަށް އައުމުން އަހަރެންގެ އެންމެގާތް އެކުވެރިޔާގެ ލޯބިވެރިއަކަށް އެވީ ހަމަ އޭނަކަން އަހަންނަށް ޖެހުނީ ގަބޫލުކުރާށެވެ. އަހަންނަށް ގޮތްހުސްވިއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ހިތުން އެނަން ފޮހެލެވޭނެ ހެއްޔެވެ؟

ކޮޓަރިއަށް ވަތްގޮތަށް ވަދެ އަހަރެން ހަދަންފެށި ދިވެހިލަވަ 'ދޭނުހޭ ގެންގޮސް ވަޔާ އޭ" ވީދާ ކުދިކުދި ކޮށްލީމެވެ. ފާރުގައި ހިއްޕާފައިވާ ފޮޓޯ ވީދާލަންވެސް ހިތަށް އެރިއެވެ. އެކަމަކުވެސް އެހިތްވަރެއް ނުލިބުނެވެ. ކޮންމެރެއަކު އަހަރެން ނިދަނީ އެ ފޮޓޯއާއި ވާހަކަ ދައްކާފައި ވިއްޔާއެވެ. އަހަރެން އެފޮޓޯއަށް ބަލަން އިންދާ ދެލޯ ކަރުނައިން ފުރިގެން ދިޔައެވެ.

ޝެރީން ގެއަށް ގޮސްފައި އަހަންނަށް ފޯނުކުރިއެވެ. އޭނާގެ 'ޗޮއިސް' ރަނގަޅު ތޯ އަހާށެވެ. އެއަށް އަހަރެންނަށް އާނއެކޭ ނޫން އެއްޗެކޭ ބުނެވޭކަށް ނެތެވެ. އަހަރެން ހިންދިރުވާލީމެވެ. ނާސިހާ އާއި މަގުމަތިން ދިމާވެގެން އިންޓުރޮޑިއުސް ކޮށްދިންވާހަކަވެސް އޭނާ ބުންޏެވެ. އޭނާގެ އަޑުން އެވަރުގެ އުފާވެރިކަމެއް ދުވަހަކުވެސް އަހަންނަކަށް ފާހަގައެއް ނުކުރެވޭކަންނޭނގެއެވެ.

އެރޭ މަންމައަށް ފޯންކޮށްގެން ރުއީމެވެ. މަންމަ ހަނދާންވަނީއޭ ކިޔާފައެވެ. މަންމަ ކައިރިއަށް ދާން ބޭނުންވަނީއޭ ވެސް ބުނީމެވެ. އަހަރެން އުއްމީދުކުރީ މަންމަ އަހަރެންގާތު ރަށަށް އަންނަން ބުނާނެކަމަށެވެ. އެހެންނަމަވެސް މަންމަގެ ޚިޔާލު ހުރީ ބަދަލުވެފައެވެ. ފެށީ އަހަންނަށް ނަސޭހަތްދޭށެވެ. ވަޒީފާގެ މުހިންމުކަމާއި މަންމަ މެންނާއި ވަކިން ދިރިއުޅެން ދަސްކުރަން ޖެހޭނެކަން ވިސްނައިދިނެވެ. އަދި ކެތްތެރިކަން ދަސްކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ބުނެދިނެވެ. މަންމަގެ ވާހަކައިންވެސް އަހަންނަށް ކުޑަވެސް ހަމަޖެހުމެއް ނުލިބުނެވެ. އަހަރެން ހަދާނެ ގޮތް ހުސްވިއެވެ. ކަންބޮޑުވިއެވެ. ޚިޔާލު ބަދަލުކޮށްލަން ވާހަކަ ދައްކާނެ މީހެއްވެސް ނެތެވެ.

އޮފީހުން ދިމާވުމުން އަހަންނަށް ރީނާ ކިޔަނީ ކީއްވެތޯ އިޝާން ސުވާލު ކުރިއެވެ. އެއީ އަހަރެން ކުޑައިރު ރާނިޔާ ކިޔަން ކިޔުނު ގޮތް ކަމުގައި ބުނެދިނީމެވެ. އެއާއިއެކު އޭނަވެސް އެހެން ކިޔަސް ހެޔޮތޯ އެހިއެވެ.

"ނޫން! އެއީ ރައްޓެހިން ކިޔާގޮތް" އަހަންނަށް ބުނެވުނެވެ.

"އެހެންދޯ!" އިޝާން ޖަވާބު ދިންގޮތުން އަހަރެން ނުތަނަވަސްވިއެވެ. އަހަންނަށް ދެވުނީ މާރަނގަޅު ޖަވާބެއް ނޫންކަންވިސްނުނެވެ.

"މިބުނީ ކުލާސް ކުދިން، ސްކޫލު ކުދިންގެ ވާހަކަ.."

"އާ އޯކޭ ރާނިޔާ." އިޝާން އަހަރެންގެ މޫނަށް ބަލައިލާފަ ހިނިތުން ވެލިއެވެ. "ރަނގަޅުތަ؟"

އަހަރެން އިސްދަށަށް ޖަހާލީމެވެ. އެދެލޮލާއި އެހިނިތުންވުން ފެނުމުން ހިތުގެ ހިނގުން ހަމައިން ނެއްޓުނެވެ.

ކޮންމެއަކަސް އޮފީހަށް ވަދެވުނުތާ ހަފުތާއެއް ވީއިރު އަހަރެން އޮފީސް ދެކެ ފޫހިވެއްޖެއެވެ. އެއޮފީހަށް ވަދެވުނުކަން އެއީ އަހަރެންގެ ގަދަ ނަސީބޭ ހީވިގޮތަށް، އެއީ އަހަރެންގެ ބަދު ނަސީބުކަމަށް ގަބޫލު ކުރެވިއްޖެއެވެ.

އެއީ އަހަރެން އަމިއްލައަށް ހޯދައިގަތް ބަދުނަސީބުވެރިކަމެއް ކަމަށް ނިންމީމެވެ. އިޝާންގެ ވާހަކަ ޝެރީން އަށް ސިއްރުނުކުރެވުނު ނަމަ އެހެނެއް ނުވީސްކަން ހަމަ ޔަގީނެވެ.

އެރެއަށްފަހު ވަރަށް ހިތްވަރާއެކު އިޝާންގެ ފޮޓޯއާ ވާހަކަދެއްކުން ހުއްޓައިލީމެވެ. ކަލަންޑަރު ހިއްލާފައި އެފޮޓޯ އަށް ބަލާވެސްނުލަމެވެ. އިތުރަށް ހިތްވަރު ލިބުނުދުވަހަކުން އެފޮޓޯ އެތަނުން ނަގާ ވީދާލަންވެސް ނިންމީމެވެ. އެފޮޓޯ އެތާނގައި އިންދާ ޝެރީންއަށް ފެނިގެން މައްސަލައަކަށް ވާކަށްވެސް އަހަރެން ބޭނުމެއްނޫނެވެ.

އެކަމަކު ފޮޓޯއަށް ނުބެލުމަކުން، ނުވަތަ އެފޮޓޯ ވީދާލުމަކުން ކުރާނެ ފައިދާއެއް ނެތްކަންވެސް އެނގެއެވެ. އަހަރެންގެ ހިތުގައި ރަންއަކުރުން ފެވިފައިވާ އެނަން އެހާ ފަސޭހައިން ފޮހެލާނީ ކިހިނަކުން ހެއްޔެވެ؟. ހަފުތާގެ ފަސްދުވަހު އެތަކެއް ގަޑިއިރު އޭނާގެ ކުރިމަތީގައި ހޭދަކުރަން ޖެހެއެވެ. އެތައް ފަހަރަކު އޭނާއާއި ހަތަރު ކަޅި ހަމަވާންޖެހެއެވެ. ކޮންމެ ދުވަހަކު ހެނދުނު ގުޑް މޯނިންގ އޭ ބުނެލާވަގުތު އޭނާ އަހަރެންގެ ލޮލަށް ބަލާބެލުމާއި އެޖާދުވީ ހިނިތުންވުން ދެކެން އަހަންނަށް ވަނީމަޖުބޫރުވެފައެވެ.

އަހަރެން ފޫހިވާން ފެށިއެވެ. އަމިއްލަ ނަފުސު ދެކެއެވެ. މުޅިދުނިޔެ ދެކެއެވެ. ރަނގަޅު ފުރުސަތުގައި ޝެރީންއަށް އެކަން ނޭންގުނުކަމުގެ މޮޔަ ވިސްނުންދެކެއެވެ. އަމިއްލަ ބުއްދި ދެކެއެވެ. ބަސްނާހާ ހިތްދެކެއެވެ.

އަހަރެން ބޭނުންވަނީ މަންމަ އަހަރެން ކައިރީ ރަށަށް އަންނަން ބުނާށެވެ. އޭރުން އެންމެ އަވަހަށް ދާ ފުލައިޓަކަށް އަރައިގެން ރަށަށް ދާނެކަން ހަމަޔަގީނެވެ. އެމީހުން އެދުނު ގޮތަށް ރަށު ސްކޫލުއިން ވަޒީފާއެއް ހޯދުނުނަމަ ކިހާރަނގަޅުވީސް ހެއްޔޭ ހިތަށްއަރަންފެށިއެވެ. އެހެންނަމަ އޭރުން އަހަންނަކަށް އިޝާންއަކާ ބައްދަލެއް ނުވީސްއެވެ. އޮފީސް ދޫކޮށްލާފައި ރަށަށް ބަދަލުވެއްޖިއްޔާ އޭނާއެއް ދެން ނުފެންނާނެއެވެ. އެހެންހިތަށް އެރުމުން އަހަރެންގެ މެޔަށް ތަދުވާންފެށިކަން އިހުސާސް ކުރެވުނެވެ.

ހަގީގަތަކީ އަހަރެން ކިތަންމެ މަސައްކަތެއް ކުރިއަސް އިޝާން މަތިން ހަނދާން ނައްތާނުލެވޭކަމެވެ. ކޮންމެ ދުވަހަކު އޮފީހުގައި އޭނާއާއިއެކު ވަގުތު ހޭދަކުރަން އިންތިޒާރު ކުރެވޭކަމެވެ. އޭނާއާއި ކައިރީގައި އުޅެވޭ ވަގުތު ތަކުގައްޔާއި މަދު ފަހަރެއްގައި އޮޅިގެން އޭނާގެ އަތް އަހަރެންގެ އަތުގައި ޖެހިލާ ވަގުތު އަހަރެންގެ ހިތާއި ހަށިގަނޑަށް އެކުރާ އިހުސާސް އާއި ދުރުވާކަށް އަހަރެންގެ ހިތްނޭދޭ ކަމެވެ.

އަހަންރެންނަށް ޝެރީންއަށް ފޯންކުރާކަށް ނުކެރެއެވެ. ނުކެރުމަށް ވުރެބޮޑަށް ބޭނުންނުވަނީއެވެ. އޭނާ އިޝާންގެ ވާހަކަދައްކާ އަޑުއަހާކަށް އަހަރެންގެ ހިތަކަށް ކެތެއްނުވާނެކަން އެނގޭތީއެވެ. އެވަރުންވެސް ދޭތެރެއަކުން އޭނާ ގުޅައެވެ. އިޝާން އޮފީހުގައި އުޅޭގޮތުގެ ވާހަކަ އޮޅުންފިލުވަން އެކިއެކި ސުވާލު ކުރެއެވެ.

ފަހުން ފަހުން ޝެރީންއަކަށްވެސް އަހަންނާ ބައްދަލުކުރަން އަންނާކަށް ހުސްވަގުތެއް ނުލިބެއެވެ. ހޮސްޕިޓަލުގެ އިތުރުން އަމިއްލަ ކްލިނިކެއްގައި ވެސް އޭނާ ވަޒީފާ އަދާ ކުރަންފެށިއެވެ. އެއީ ވެސް ނަސީބެކެވެ. ފޯނުން ވާހަކަ ދައްކާއިރު އަހަރެންގެ މޫނު މައްޗަށް އަރާ ފައިބަމުން ދާ ކުލަވަރު އޭނާ އަކަށް ނުފެންނާނެތާއެވެ.

އޭނާ އާއި އިޝާން އާއި ބައްދަލުވަނީ ބޮޑުދައިތަ ގެއިންކަން ޝެރިންގެ ވާހަކައިން އަހަންނަށް އެނގުނެވެ. އެގޭ ބަދިގެ ފަރާތުގައި ހުންނަ ޖޯލިފަތީގައެވެ. ސަމީރުއާއި ނަފީސާއާއި ވެސް އެކީގައެވެ. އިޝާންއަކީ ރޭގަނޑުވެސް ވަރަށް ބިޒީމީހެއްކަމުގައި ބުނެ ޝެރީން އަހަރެން ގާތު ޝަކުވާވެސް ކުރިއެވެ. އޭނާގެ ބައްޕަ ހިންގާ ރިސޯޓުގެ މާލެ އޮފީހުގައިވެސް އިޝާން ބައެއް ރޭރޭ މަސައްކަތް ކުރާކަމަށްވެސް ވެއެވެ.

"އިޝާން ކައިރީ ބުނަންވީދޯ އަހަރުމެން އެރިސޯޓަށް ގެންދާށޭ!" އެއްދުވަހަކު ހަވީރު ޝެރީން ގުޅައިގެން ވާހަކަ ދައްކަމުން ބުނެލިއެވެ.

"ނޫން! މަށެއް ނުދާނަން!" އަހަރެން ހިތްހަމަ ނުޖެހުނެވެ. އަދި ސަމީރުއާއި ނަފީސާ ގޮވައިގެން ހަތަރު މީހުން ދިޔައީމާ މާމަޖާވާނެ ނޫންހޭ ބުނެލެވުނެވެ.

އެރޭ އަހަންނަށް ވަރަށް އުނދަގޫވިއެވެ. އަހަރެން ކިތަންމެ ބޭނުންނުވިޔަސް އަހަރެންނަށް ވިސްނުނެވެ. ޝެރިންއާއި މެދު ހަސަދަ ވެރި ވެވެނީއެވެ. އޭނާގެ ދިރިއުޅުން ހާދަ އުފާވެރިއޭ ހިތަށް އަރަނީއެވެ.

އެއްދުވަހަކު ސަމީރު އޮފީހަށް ގެނައި އިނގިރޭސި ލަވަފޮތެއް ބަލާލަން ދޭން އެދުނީމެވެ. އޭގައިހުރީ އެންމެ ފަހުގެ އިނގިރޭސި ލަވަތަކެވެ. ގިޓާކޯޑް ތަކާއިއެކީގައެވެ. އަހަރެން ދަސްކުރަން ބޭނުން އެތައް ލަވައެއް ފެނުނެވެ. އެހެންނަމަވެސް އަހަރެން މިއުޒިކަށް ޝައުގުވެރިވާކަން އެމީހުންނަކަށް އެނގޭކަށް އަހަރެން ބޭނުމެއްނޫނެވެ.

އަހަރެން އެފޮތްބަލަން އިންދާ އިޝާން އައުމުން އަވަސް އަވަހަށް އެފޮތްލައްޕާލާފައި ސަމީރު އަތަށްދިނީމެވެ. އެޔާއިއެކު އޭގައި ކަމުދާލަވައެއް ނެތީތޯ ސަމީރު އަހާލިއެވެ. އަހަންނަށް ކަމުދަނީ ހިންދީލަވަ ކަމުގައި ބުނެލީމެވެ. އެހިސާބުން ސަމީރު ދުލެއްނުކުރިއެވެ. އެންމެރީތި ހިންދީ ލަވައަކީ ކޮބައިތޯ ސުވާލުކުރިއެވެ. އަހަރެން ވިސްނާލާފައި ފިލްމް އާޝިގީގެ 'މެދުނިޔާ ބުލާދޫންގާ" އެލަވަ ވަރަށް ރީތިކަމުގައި ބުނީމެވެ.

އެޔާއިއެކު އިޝާން އަހަންނާއި ދިމާލަށް ބަލައިލިތަން ފެނުނެވެ. އަދި ވަގުތުން ރާގުގައި އިޝާން 'މެދުނިޔާ ބުލާދޫންގާ ތޭރީ ޗާހަތުމޭ' އެހެންކިޔާލާފައި ހީލުމުން އަހަންނަށް އިސްޖަހައިލެވުނެވެ. ދޮންބެދައްތަވަނީ އަހަންނަށް އެލަވައިގައި އެކިޔާ އެއްޗެތީގެ މާނަ ބުނެދީފައެވެ. އިޝާން ހިންދީ ލަވަވެސް ކިޔަންތޯ އަހަންނަށް އަހާލެވުނެވެ.

"ނޭނގެ. ނުކިޔަން، އެކަމު ތިއީ ވަރަށް ގިނައިން މިހާރު އިވޭލަވައެއް!" އިޝާން ޖަވާބުދިނެވެ.

އަހަރެން ގެއަށްގޮސް ފިލްމް 'އާޝިގީ'ގެ ލަވަތައް އަޑުއެހީމެވެ. އަހަރެން ދެރަވިއެވެ. އަހަރެން މަސައްކަތް ކޮށްކޮށް ވަރުބަލިވެއްޖެއެވެ. އަހަރެންގެ ހިތުގައި އިޝާންއަށްޓަކައި ދިއްލާލި ލޯބީގެ ހުޅުކޮޅު ނިއްވައެއް ނުލެވުނެވެ. ހިތް ބުނަމުންދަނީ އެ ލޯތްބަށްޓަކާ މުޅި ދުނިޔެވެސް ދޫކޮއްލަން ތައްޔާރަށް ހުރިކަމަށެވެ.

އަހަރެން މާޔޫސްވާން ފެށިއެވެ. އެއްކަމެއްވެސް ކުރާހިތެއްނުވެއެވެ. ގިޓާކުޅެ ލަވަކިޔާހިތެއްވެސް ނުވެއެވެ. އިޝާންގެ ފޮޓޯއާއި ވާހަކަ ދައްކާކަށްވެސް ނުކެރެއެވެ. ކޮންމެ ރެއަކުހެން ނިދި ނަގާލާފައި ވިސްނާ ފިކުރުކުރަން އޮވެވެއެވެ.

އެއްރެއަކު އެހެން އޮވެފައި އަހަންނަށް ނިދެމުން ދަނިކޮށް ފޯނުވާ އަޑު އިވެންފެށިއެވެ. ދެޚިޔާލުގައި ހުރެފައި ބޭރަށްނުކުމެ ފޯނުނަގާފައި 'ހަލޯ' އޭ ބުނުމާއެކު އެކޮޅުން "ހެޕީ ބާރތްޑޭ" ބުނިއަޑު އިވުނެވެ. އޭރުގަޑިން ބަރާބަރު ބާރަ ޖެހީއެވެ. އެއަޑު ޖެހުމުން އަހަރެންގެ ނިދި ފިލައިގެން ދިޔައެވެ.

"ތެންކިއޫ" އަހަރެންނަށް ފޯނު އަތްގަނޑުގައި ބާރަށް ހިފައިލެވުނެވެ.

"އަނެއްކާ ނިދާފައި އޮއްވާތަ މި އުނދަގޫ ކުރެވުނީ؟" އިޝާން އަހައިލިއެވެ.

"ނޫން .. މިހިރީ ހޭލާ މިހާރު، ކޮބާ ޝެރީން؟" އަހަރެންނަށް ލިބުނު އުފާވެރިކަން ފޮރުވަން މަސައްކަތް ކުރަމުން އަހަލީމެވެ.

"މީ.. ނޭނގެ ގޭގައި ވާނީ މިގަޑީގައި. މިރޭ އޭނަ ބުނީމަ އެނގުނީ ރާނިޔާގެ ބާރތުޑޭކަން ... ދެން ހިތަށް އެރީ ވިޝް ކޮށްލަން ގުޅާލާނީ އޭ ... ސޮރީ ނިދާފަ އޮއްވައި އުނދަގޫ ކުރެވުނިތީ! ދެން ބާއްވަނީ!" އިޝާން އަވަސް އަރުވާލާފައި ވާހަކަ ދެއްކިއެވެ.

" ނޫން ނޫން ... އެއްގޮތަކަށް ވެސް އުނދަގުލެއް ނުވޭ... އަސްލު ވަރަށް އުފާވެއްޖެ ގުޅީތީ" އެފޯނުކޯލު އެހާއަވަހަށް ނިންމާކަށް އަހަރެންގެ ހިތެއް ނޭދުނެވެ. "ތެންކިޔޫ ވަރަށް ވަރަށް!"

"ދެން ބާއްވަނީ އިނގޭ!" އިޝާން އަނެއްކާވެސް ބުނެލިއެވެ. އެއަޑުގައި އެކުލެވިގެން އެވަނީ ކޮންކަހަލަ އަސަރެއްބާވައޭ އަހަރެންގެ ހިތަށް އެރިއެވެ.

"ގޮސް ދޮރާށި ކައިރި ބަލައިލައްޗޭ. އޮންނާނެ ހަދިޔާ އެއް!" އެހެންބުނުމާއެކު އޭނާ ފޯނު ކަނޑައިލިއެވެ.

ފޯނު ބޭއްވިއިރު އަހަރެންގެ ހިތުގެ ހިނގުން އިހަށްވުރެވެސް އަވަސް ވެއްޖެއެވެ. ބޭރަށް ނުކުމެ ދެތިން ފިޔަވަޅު އަޅާފައި ހުއްޓެވުނެވެ. ދޮރާށިން އެތެރޭ ބިންމަތީގައި އޮތީ ރަތް ފިނިފެންމަލެކެވެ.

-- ނުނިމޭ --

◀ މި ވާހަކައިގެ އާ ބައެއް ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހަކު ގެނެސްދޭނެ