Roadha Mihaaru
ރާއްޖޭގައި ޑްރަގް މައްސަލަ ހައްލުކުރާކަށް ނޭނގޭ:ނަސީމް

ޑްރަގްގެ މައްސަލަ ހައްލު ކުރަންވީ ގޮތެއް ރާއްޖޭގެ އިދާރާތަކަށް ނޭނގޭ: ނަސީމް

15 ސެޕްޓެމްބަރ 2021

ރާއްޖޭގައި މަސްތުވާތަކެއްޗަށް މީހުން ދެވިހިފުމުގެ މައްސަލަ އަށް އަވަސް ހައްލެއް ނެތް ކަމަށާއި އެއީ އެކަމާ ގުޅޭ ހުރިހާ ކަމެއް އަދި ވެސް ރަނގަޅަށް ނޭނގޭތީ ކަަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި މަސްތުވާތަކެއްޗަށް މީހުން ދެވިހިފުމުގެ މައްސަލަ އަށް އަވަސް ހައްލެއް ނެތް ކަމަށާއި އެއީ އެކަމާ ގުޅޭ ހުރިހާ ކަމެއް އަދި ވެސް ރަނގަޅަށް ނޭނގޭތީ ކަަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ނެޝަނަލް ޑްރަގް އެޖެންސީ ރިސްޓްރަކްޗާ ކުރުމާ ބެހޭގޮތުން މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ދެއްވަމުން، މިނިސްޓަރު ވިދާޅުވީ މސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ވަބާ ކަމަށް ވިޔަސް، އެ މައްސަލަ ހައްލުކުރަންވީ ގޮތް ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކަށް ހަގީގަތުގައި ނޭނގޭ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ޑްރަގްގެ މައްސަލަ ރާއްޖޭގައި އެކަށީގެންވާ ގޮތަކަށް ދިރާސާއެއް ވެސް ކޮށްފައި ނެތެވެ.

އެކަމަކު މިނިސްޓަރު ވިދާޅުވީ، އެ މައްސަލަަ ރަނގަޅަށް ދެނެގަތުމަށްޓަކައި ކުރަން ޖެހޭ ދިރާސާގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލަ އަށް ހައްލުތައް ހޯދަން ކުރާނެ މަސައްކަތްތަކާއި ހުރި ގޮންޖެހުންތަކުގެ މައުލޫމާތު މަޖިލީހަށް ދެއްވަން ނަސީމް މިއަދު ވަޑައިގަތީ އަމިއްލަ އިސްނެންގެވުމަކަށެވެ. އެ މައުލޫމަތު ފުރިހަމަ އަށް ދެއްވުމަށްޓަކައި ހެލްތު މިނިސްޓްރީ އާއި ނެޝަނަލް ޑްރަގް އެޖެންސީގެ ކަމާ ބެހޭ ފަންނީ ބޭފުޅުން ވެސް އޭނާގެ އަރިހުގައި މަޖިލީހަށް މިއަދު ގެންދެވި އެވެ. އެ ގޮތުން ވަޑައިގެންނެވި މާހިރުންގެ ޕްރެޒެންޓޭޝަންތަކަށް ފަހު މެންބަރުންގެ ސުވާލުތަކަށް ނަސީމް ޖަވާބު ދެއްވި އެވެ.

ނަސީމްއާ ސުވާލު ކުރައްވަން މެމްބަރުންނަށް ހުޅުވައިލި ފުރުސަތުގައި ވެލިދޫ ދާއިރާގެ މުހައްމަދު އަބްދުﷲ ޝަފީގްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ނަސީމް ވިދާޅުވީ، ޑްރަގްގެ މައްސަލަ ރަނގަޅަށް ދެނެގަތުމަށް ކުރާ މަސައްކަތުގައި ކަމާ ބެހޭ ހުރިހާ ފަރާތްތަކެއްގެ ލަފާ ހޯއްދަވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ކްއިކް ސޮލިއުޝަނެއް ނެތް މި ކަމަަކަށް އިނގޭތޯ. އަަޅުގަނޑުމެން ވެސް މި ދަނީ ހަމަ ދަސްކުރުމުގެ މަރުހަލާއެއްގެ ތެރޭގައި،" މިނިސްޓަރު ވިދާޅުވި އެވެ.

ހުރިހާ ކަމެއް އަމިއްލައަމިއްލަ އަށް އެނގޭ ކަމަށް ހެދިގެން ސަރުކާރުން ނޫޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑީސެންޓްރަލައިޒް ވާން ޖެހޭ

ވެލިދޫ ދާއިރާގެ މެމްބަރު ކުރެއްވި ސުވާލުގައި ވިދާޅުވީ، މަސްތުވާތަކެތިން ސަލާމަތްވާން ފަރުވާ ހޯދަން ޖެހޭ ޒުވާނުން މާލެ ގެނައުމަށް ފަހު، އުޅެން ޖެހެނީ ވަރަށް ހާލުގައި ކަމަށެވެ. އޭގެ ބަދަލުގައި ރަށްރަށުގައި ތިބެގެން ފަރުވާ ލިބޭނެ އިންތިޒާމެއް ހަމަޖެހޭނީ ކޮން އިރަކުންތޯ އޭނާ ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޑްރަގްވެ ވަބާއިން ޒުވާ ނުން ސަލާމަތްކުރުމަށް ޓަކައި ރާއްޖޭގައި ހުރި ހުރިހާ ހެލްތު ފެސިލިޓީއެއް ވެސް ބޭނުންކުރާނެ ކަމަށެެވެ.

"ޑީސެންޓްރަލައިޒް ކޮށްގެން، މިކަން ކޮށްގެން ނޫނީ އަޅުގަނޑަކަށް ނުފެނޭ އަޅުގަނޑުމެންނަކަށް މިކަން ކާމިޔާބު ކުރެވޭނެ ކަމަކަށް. އަޅުގަނޑުމެން [މީހުން] އެއްތަނަކަށް ޖަމާކޮށްގެން އަނެއްްކާ ވެސް ގާތް ރަހުމަތްތެރި އެތައް ބައިވަރު މީހުންނެއް، އެއިން ކޮންމެ މީހެއް ފެންނައިރަށް އަނެއްކާވެސް ޑްރަގަށް ދާހިތްވޭ،" ނަސީމް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ އެެކަން އެހެން ވިޔަ ނުދިނުމަށްޓަކައި ރާއްޖެގެ ހުރިހާ ހެލްތު ފެސިލިޓީތަކުން ހިދުމަތްދޭ ގޮތަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ޑްރަގްގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަކީ ހަގީގަތުގައި ގޭތެރެއިން، މައިންބަފައިންނާ ހިސާބުން ފެށެން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.