Roadha Mihaaru
މިހާރު ފަރުވާ ބޭނުން ވަނީ އެންޑީއޭ އަށް!

މިހާރު ފަރުވާ ބޭނުން ވަނީ އެންޑީއޭ އަށް!

05 ޖޫން 2021

ކިއު ދިގުވުމާއި ފަރުވާ ރަނގަޅުނުވުމުގެ އެތައް ޝަކުވާތަކެއް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް އަމާޒުވާތާ އަހަރުތަކެއް ވެއްޖެ އެވެ. ނަމަވެސް އިދާރާ ހިންގުމަށް ސީއީއޯއެއް ހަރުނުލުމުން ފެށިގެން މުޅި އެޖެންސީ އޮތީ މައްސަލަތަކުން ފުނިޖެހި އެކަމުން ހިންދަމައި ނުލެވިފަ އެވެ. ހާލަތު ގޯސްވަމުން ގޮސް، އިޖުތިމާއީ ބޮޑު ކަމެއްގެ ފަރުވާ ދޭން އުފެއްދި އެޖެންސީ، އެހެން ބަޔަކަށް ފަރުވާ ދިނުމުގެ ކުރިން އެތަނަށް މިހާރު މިއޮތީ ފަރުވާ ދޭން ޖެހިފަ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކިއު ދިގުވުމާއި ފަރުވާ ރަނގަޅުނުވުމުގެ އެތައް ޝަކުވާތަކެއް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް އަމާޒުވާތާ އަހަރުތަކެއް ވެއްޖެ އެވެ. ނަމަވެސް އިދާރާ ހިންގުމަށް ސީއީއޯއެއް ހަރުނުލުމުން ފެށިގެން މުޅި އެޖެންސީ އޮތީ މައްސަލަތަކުން ފުނިޖެހި އެކަމުން ހިންދަމައި ނުލެވިފަ އެވެ. ހާލަތު ގޯސްވަމުން ގޮސް، އިޖުތިމާއީ ބޮޑު ކަމެއްގެ ފަރުވާ ދޭން އުފެއްދި އެޖެންސީ، އެހެން ބަޔަކަށް ފަރުވާ ދިނުމުގެ ކުރިން އެތަނަށް މިހާރު މިއޮތީ ފަރުވާ ދޭން ޖެހިފަ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނެއް ވުޖޫދުކޮށް އެންޑީއޭ އުފަންކުރީ ވެސް ޑްރަގްސް ބޭނުންކުރާ މީހުންނަށް ފަރުވާދީ މުޖުތަމައަށް ނެރުމަށެވެ. އެކަމަކު އެންޑީއޭގެ ބޯޑާއި އެ އެޖެންސީގެ ހިންގުމުގައި ބޮޑެތި މައްސަލަތައް ކުރިމަތިވެ އެ ތަން މިހާރު އޮތީ ވަރަށް ހާލުގަ އެވެ.

އެކަން އެންމެ ބޮޑަށް ހާމަވި އެއް ސަބަބަކީ، ހަތަރު މަސް ފަހުން އައްޔަންކުރި އެންޑީއޭގެ ސީއީއޯ މުހައްމަދު ހަބީބު، ހަތަރު މަސް ފަހުން މިދިޔަ މަހުގެ 16 ގައި މަގާމުން ވަކިކުރުމުންނެވެ. އޭނާ އެ މަގާމުން ވަކިކުރަން އެންޑީއޭ ބޯޑުން ނިންމީ ޕްރޮބޭޝަންގެ މުއްދަތުގައި ކުރެއްވި މަސައްކަތުގެ އިވެލުއޭޝަނުން ރަނގަޅު ނަތީޖާއެއް ނެރެދެވިފައި ނުވާތީ ކަމަށް އެނގިފައި ވެ އެވެ.

އެ މައްސަލައިގައި އެކަނި ވެސް އެންޑީއޭގެ ބޯޑުގެ ބައެއް މެމްބަރުންނާއި އެ ތަން ހިންގުމުގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުންގެ ބޮޑެތި ހިތްހަމަނުޖެހުންތަކެއް ހުއްޓެވެ.

ބޯޑުން ބޭނުންވި ބަދަލު ގެންނާނެ ހިތްވަރެއް އެންޑީއޭއަކު ނެތް

އެ އެޖެންސީގެ ބޯޑު މެމްބަރަކު ވިދާޅުވީ މަސްތުވާތަކެތީގެ ހާލަތަށް ބަލައި އެކަށީގެންވާ ފަރުވާ ދޭނެ ކެޕޭސިޓީއެއް އެންޑީއޭއަކު ނެތެވެ. މި ފަދަ ހާލަތަކަށް އެ އެޖެންސީ ވެއްޓިފައި އޮތީ ފާއިތުވި އަހަރުތަކުގައި ތަައްޔާރުވެފައި ނޫން ކަމަށާއި އެ ކަންކަމަށް މަސައްކަތް ވެސް ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މެމްބަރު ވިދާޅުވި ގޮތުގައި އެންޑީއޭގެ ކަންކަން ހިނގަނީ ވެސް ގާނޫނު ތަރުތީބުކޮށްފައިވާ ގޮތަކަށް ނޫނެވެ. ކ. ހިންމަފުށީގައި ހިންގާ ރާއްޖޭގައި މި ވަގުތު ހުރި ހަމައެކަނި ރިހެބިލިޓޭޝަން ސެންޓަރު ވެސް ހިންގަނީ ދޯދިޔާ ގޮތަކަށް ކަމަށާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކޮށްފައިވާ ގިނަ މަރުކަޒުތައް ހުރީ ނަމެއްގައި ކަމަށް ވެސް، ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

"އަސްލު ދޭންވާ ގޮތަށް ފަރުވާ ދެވޭ އެއްވެސް މަރުކަޒެއް ރާއްޖޭގެ އެއްވެސް ހިސާބެއްގައި މި ވަގުތަކު ނެތް. އެ ހުރިހާ ކަމެއް ހުރެފައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު ދުވަހުން ދުވަހަކަށް އިތުރުވެފައި، ކޮވިޑުގެ ހާލަތު އައީމަ މަގުމަތިވެގެން އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ މަންޒަރުތައް ވަރަށް ބޮޑަށް ހާމަވެގެން ދިޔައީ،" އޭނާ ވިދާޅުވި އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑްރަގް ކޮންޓްރޯލް ކައުންސިލެއް އުފައްދަން ޖެހެ އެވެ. ނައިބު ރައީސް ރިޔާސަތު ބަލަހައްޓަވާ އެ ކައުންސިލުން ފާއިތުވި އަހަރުތަކުގައި ކުރި ކަމެއް ނޭނގެ އެވެ. ނަމަވެސް ހާލަތު ބޮއްސުންލައިގެން ދިއުމާއެކު އެ ކައުންސިލް އެކްޓިވްވެފައިވާ ކަމަށް އެންޑީއޭ ބޯޑުގެ ބައެއް މެމްބަރުް ފާހަގަކުރައްވަ އެވެ.

"މި ހުރިހާ ތަނެއް ވެސް އަސްލު އޮތީ ވަރަށް އިންއެކްޓިވްކޮށް. އެންޑީއޭއިން އެ މީހުން ކުރާ ކަމެއް އެ މީހުން ކުރަނީ. [ޑްރަގް ކޮންޓްރޯލް] ކައުންސިލުން ވެސް އެގޮތަށް ކުރަން ގާނޫނުގައި، ނައިބު ރައީސްގެ ބެލުމުގެ ދަށުން އެކަން ކުރަން އޮތަސް އެކަންކަމެއް އެ ގޮތަށް ހިންގާފައި ނެތީމަ އޭގެ ސަބަބުން އެ ހުރިހާ ކަމެއް އެއްފަހަރާ ފެނިގެންދިޔައީ. އެ ހާލަތުގައި އޮތީ."

އޭނާ ވިދާޅުވީ އެންޑީއޭގެ ކުރީގެ ބޯޑުގައި ވެސް މައްސަލަތަކެއް ހުރުުމުން މިދިޔަ އަހަރުގެ މެދެއްހާ ހިސާބުގައި އާ ބޯޑު އުފެެއްދީ އުއްމީދުތަކާ އެކު ކަމަށެވެ. އެ ބޯޑު ބޭނުންވީ ވަރަށް ހަރަކާތްތެރިކޮށް މަސައްކަތްކުރަން ކަމަށް ވިޔަސް އެ ނަތީޖާ ނެރޭނެ ހިތްވަރެއް އެންޑީއޭގައި ނެތެވެ.

"ބޯޑު އެކްޓިވްވުމާ އެކު، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލަށް ވެސް އެކަންކަމުގައި މަސައްކަތްކުރަން ދިޔައީ. އެއް ވަގުތެއްގައި ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލާއި ބޯޑާ، މި ހުރިހާ ތަނެއް އެކްޓިވޭޓްވީ. ދެން ވިކްޓިމައިޒް ވާނީ ކޮންމެ ގޮތެއް ވިޔަސް އެކަމަށް ކަނޑައަޅާފައިވާ މަރުކަޒުތާ. އެއީ ނޭޝަނަލް ޑްރަގް އެޖެންސީ."

ގާނޫނުގައިވާ ގޮތުން އެންޑީއޭ ބޯޑުގެ މަސައްކަތަކީ އެކި ކަންކަމުގައި ލަފަ އާއި އިރުޝާދު ދިނުމެވެ. އެ ކަންކަމަށް ރިއާޔަތްކޮށް ތަން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިިވާނީ ސީއީއޯ އެވެ. މި ފަހުން ވެސް އެންޑީއޭގެ ހިންގުމުގައި ބޮޑެތި މައްސަލަތަކެއް ދިމާވީ އެ އެޖެންސީ ހިންގުމުގައި ބޯޑުން އަމަލީގޮތުން ބައިވެރިވާން ފެށުމުންކަން ބައެއް ބޭފުޅުންގެ ވާހަކަތަކުން އެނގެ އެވެ.

އެ މެމްބަރު ވިދާޅުވީ އެންޑީއޭގެ ދުވަހުގެ ހިންގުމަށް ބޯޑުން ވަންނަން މަޖުބޫރުވީ ހުރިހާ ދިމާލެއްގައި ޑިމާންޑުތަކެއް ހުރެފައި ނަތީޖާ ނުނެރެވޭތީ ކަމަށެވެ. އެންޑީއޭގެ މުވައްޒަފުންގެ މެދުގައި ވެސް ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީކީ ހައްލުކުރަން ފަސޭހަ މައްސަލައެއް ނޫން. ހިއެއް ނުވޭ ފަސޭހައިން ހައްލުވާނެހެން. މުޅި ސިސްޓަމް އެއްކޮށް ބަދަލުކުރަން ޖެހޭނީ. އެންޑީއޭ އެކަންޏެއް ނޫން."

އެންޑީއޭގެ ހުރިހާ ގުނަންތަކެއް ގުޑާފައި، ބޯޑުން ބޮޑެތި ގޯސްތަކެއް

އެންޑީއޭގެ ދުވަހު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ އެ ތަނުގެ ސީއީއޯ އަށް ހަމަޖައްސަވާ ބޭފުޅުން ރަނގަޅު ކަމަށެވެ. ބޯޑާއި މިނިސްޓްރީން އަންގާ ގޮތަށް ސިޔާސަތުތައް ތަންފީޒުކުރަން ރަނގަޅަށް މަސައްކަތްކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ފަހަރު ވެސް މައްސަލަ ގޯސްވެގެން ދިޔައީ އޮންނަ އުސޫލާ ހިލާފަށް ކަންތައްތައް ކުރުމުގެ ސަބަބުންނެވެ. އޭގެ މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ، ޖަމިއްޔާތަކުގެ ޑިމާންޑާ ހެދި، ޑޮކިއުމެންޓެއް ނެތި ވެސް ބޯޑުން އަންގާ ގޮތަށް އެ ފަރާތްތަކަށް ވަކި މަސައްކަތްތަކެއް ހަވާލުކުރުމެވެ.

"މި ކަހަލަ ކަންތައްތަކެއްގެ ޕްރެޝަރުގެ ތެރޭގައި. ދެން ވައިބާ ގްރޫޕުތަކާ އެއްޗެހި ހަދައިގެން އެންޑީއޭގެ މުވައްޒަފުން ގްރޫޕުތަކަށް ވައްދައިގެން. މަދަނީ ޖަމިއްޔާއާ ރިކަވަރީ ކޮމިއުނިޓީއާ އެންޑީއޭއާ މި ދިޔައީ ވަރަށް ބޮޑު ހަނގުރާމައަކަށް މީގެ ސަބަބުން."

"ކްލަބް ޖަމިއްޔާތަކުން އެގޮތަށް ޑިމާންޑުކުރީމަ ބޯޑުން ހިތަށް އަރަނީ އެގޮތަށް އެކަން ކުރަންޖެހޭނެއޭ. ނޫނީ އެގޮތަށް އެކަން ނުކޮށްފިއްޔާ ވަރަށް ގިނަ ކަންތައްތަކެއް ދިމާވެދާނެއޭ،" އޭނާ ވިދާޅުވި އެވެ.

ބޯޑުން ނިންމާފައި ހުރި ގާނޫނާ ގަވައިދާ ހިލާފު ވަރަށް ގިނަ ކަންކަން ތަންފީޒުކުރަން ސީއީއޯ އަށް ބާރުއެޅިއަސް ހަބީބު، މުވައްޒަފުންނަށް އެންގެވީ އޮންނަ އުސޫލުގެ ތެރެއިން މަސައްކަތްކުރާށެވެ. ވަސީލަތްތައް ނެތި ވެސް ފާއިތުވި އަހަރުތަކުގައި އެންޑީއޭ ހިންގީ ގަވައިދާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވެ އެވެ.

"އެ މުވައްޒަފުން އެގޮތަށް ސްޓޭންޑް ނެގީމަ ބޯޑުން އެ މައުލޫމާތު އެބަ ދޭ ސަބްސްޓެންސް އެބިއުސް ކޮމިއުނިޓީ އަށް، ތި މީހުންގެ މިވެނި ކަމެއް ނުކޮށްދީގެން އުޅެނީ މި ވެނި ސެކްޝަނަކުން މި ވެނި މީހެކޭ. ބޯޑުން އެބަ ބުނޭ އެ މީހުންނަށް މައުލޫމާތުދީފައި. ދެން އެންޑީއޭއިން އިއުލާނުކޮށްފައި ހުންނަ މައުލޫމާތު ޝީޓާ އެއްޗެހި ބަޖެޓާ އެއްޗެހި ބޯޑުން މި ބުނާ ޖަމިއްޔާތަކާ ފޯރުކޮށްދޭ. މިއީ ސިއްރު އެއްޗެހި. އެ ހުންނަނީ ވަރަށް ހައްސާސް ކަންކަން. އެ ކަހަލަ ކަންކަން ކުރާކަށް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

މި ފަހުން ޖަމިއްޔާތަކާ ގުޅިގެން ހިންގި "ހޭހަން" ކެމްޕެއިން ހިންގަން ވެސް ޖަމިއްޔާތަކާ އެކު ސޮއިކުރީ އެއް ރޭގެ ދަންވަރު ކަމަށް އޭނާ ވިދާޅުވި އެވެ.

"ސީއީއޯ އަށް އޮތް މަޖުބޫރުކަމަކީ، ސީއީއޯ މި ހުންނަވަނީ ބޮލުގައި ހަަމަ ދެ އަތުން ހިފަހައްޓައިގެން، ހަމަ އެއްވެސް އެއްޗެކޭ، ބަހެއް ވެސް ނުބުނެ... ފުރުސަތެއް ނުލިބުނަސް މުވައްޒަފުން ގޮވައިގެން މަސައްކަތްކުރުމަށް އުޅުނު،" އޭނާ ވިދާޅުވި އެވެ.

"ތިރިން މައްޗަށް ހުރިހާ އޯޑަރުތަކެއް ދާންފެށީ، ޗެއާ ވިދާޅުވިއޭ މިހެން، މިވެނި މެމްބަރަކު ވިދާޅުވިއޭ މިވެނި އެއްޗެއް ޖެހެއޭ އެވެނި ދުވަހެއްގައި ހަދަން... މިހެން ދަމުން ގޮސް އެންޑީއޭއަށް ކެތްނުވެގެން އެންމެ ފަހުން އެންޑީއޭގެ މުވައްޒަފުން ނިންމީ ތިމަންނަމެން މި ސްޓޭންޑް ނަގައިފީމޭ. ދެން އިތުރަކަށް ނުވާނެއޭ."

އެ މުއްދަތުގެ ތެރޭގައި އެސެސްމަންޓް ހަދާ ފަންނީ މުވައްޒަފުންނާއި ކައުންސެލަރުންނާއި ސައިކޮލޮޖިސްޓުން ވެސް އިސްތިއުފާ ދެއްވާފައިވާތީ ސެންޓަރުތަކުގެ ހިންގުން މުޅިންހެން އޮތީ ހުއްޓިފަ އެވެ. އެހެންވެ މެޑިކަލް އޮފިސަރުންނާއި ނަރުހުންނާއި ސައިކޭޓްރިސްޓުން ހޯދަން ވަރަށް ފަހުން ވަނީ އިއުލާންކޮށްފަ އެވެ.

"ބޯޑުގެ މި ކަހަލަ ކަންތައްތަކުގެ ސަބަބުން މުވައްޒަފުން ކެނޑިގެން ދިޔަ ވަރަށް ބައިވަރު. މިހާރު ވެސް އެބަތިިބި އެދިފައި ކެނޑެން ބައިވަރު ބަޔަކު. އެސެސްމަންޓް ސެކްޝަނާއި މި ހުރިހާ ތަނެއްގައި ތިބި އިސްވެރިން ވެސް ކެނޑިގެން ދިޔައީ. މި މައްސަލައިގައި އެންޑީއޭގެ މުވައްޒަފުން ހިތާމަކުރަން ފެށީ. އެންމެ ފަހުން ކެތްނުވެގެން މުވައްޒަފުން ބުނީ ތިމަންނަމެން ދެން ނުކުރާނަމޭ. މި ތަން ހުއްޓުމަކަށް އައިއިއްޔާ ހުއްޓުމަކަށް އައިއޭ. މި ލެވެލް އަށް ކަންތައް ދިޔައީ."

އޭނާ ވިދާޅުވީ ރިކަވަރީ ކޮމިއުނިޓީއާއެކު އެންޑީއޭއިން ބޭއްވި ރަނގަޅު ގުޅުން، ގޯސް ހުވަފެން ދައްކައިގެން ހަލާކުކޮށްލީ ބޯޑުން ކަމަށެވެ.. އޭގެ އެއް ކަމަކީ ޖަމިއްޔާތަކާ އެކު މި ފަހުން ހުޅުމާލޭގައި ބޭއްވި "ހޭހަން" ކޭމްޕުގައި ބައިވެރިވި ބައެއްގެ ކުށުގެ ރިކޯޑު ފޮހެލާނެ ކަމަށް ބޯޑުން ބުނުމެވެ. އެކަމަކު އެއީ އެންޑީއޭއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އެންޑީއޭއާ ދެކޮޅަށް މިދިޔަ ޑިސެމްބަރު މަހު ބޭއްވި އެއްވުމުގައި މީހަކު ބޯޑެއް ހިފަހައްޓައިގެން.- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އެންޑީއޭއާ ދެކޮޅަށް މިދިޔަ ޑިސެމްބަރު މަހު ބޭއްވި އެއްވުމުގައި މީހަކު ބޯޑެއް ހިފަހައްޓައިގެން.- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

"ހެޔޮ ނިޔަތުގައި އެ މީހުންނަށް ކޮށްދޭން މި އުޅެނީ. އެކަމަކު އެ މީހުންނަށް ނުވާނެ ގޮތަށް، ނުރަނގަޅު މައުލޫމާތު ދީގެން ކަންކަން ކުރަނީ."

ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަދެއްކެވި އެންޑީއޭގެ މުވައްޒަފު ވިދާޅުވީ ކަންކަން ގޯސްވުމުގައި، އެ އެޖެންސީ ކުރިން ހިންގި ޖެންޑާ މިނިސްޓްރީގެ އިސްވެރިންގެ ޒިންމާ ވެސް އެބައޮތެވެ. ގިނަ ބައެއްގެ ކަންބޮޑުވުންތަކާއި މައްސަލަތަކަށް ހައްލެއް ނުލިބުމުން އެންމެ ފަހުން މިދިޔަ މަހުގެ 5 ގައި ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރީ އެވެ.

އޭގެ ކުރިން، މިދިޔަ އަހަރުގެ ފަހުކޮޅާއި މި އަހަރުގެ ގިނަ ކަންކަމަށް އެންޑީއޭއިން ހަރަދުކުރީ ބަޖެޓުގެ ބޭރުންނެވެ.

"ސީއީއޯ އަށް ވެސް ނުވެސް އަންގާ މިކަން ކުރީ. މިހެން ދިޔައީމަ ވާ ގޮތަކީ މުޅި އެންޑީއޭ މި އޮތީ ގުޑާފައި. އިމާރާތެއް އެތައް ބުރީގެ މަތިން ވެއްޓިގެން ބިންމަތީގައި ޖެހޭ މީހާގެ މުޅި ހަށިގަނޑުގެ ކަށިތައް ގުޑާ ފަދައިން އެންޑީއޭގެ ހުރިހާ ގުނަންތަކެއް މި ހުރީ ގުޑާފައި. ދެން އެންޑީއޭ އޯވަހޯލް ކޮށްގެން، ކޮޅަށް ތެދުވެ ހިންދެމިގެން މަސައްކަތްކުރެވޭނީ،" އެ މުވައްޒަފު ވިދާޅުވި އެވެ.