ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމު ހިމަނައިގެން މި އަހަރުގެ ތިން ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް މާދަމާ ފަށަން އެފްއޭއެމުން ތައްޔާރު ވެއްޖެ އެވެ.
14 ނޮވެމްބަރ 2022
ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމު ހިމަނައިގެން މި އަހަރުގެ ތިން ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް މާދަމާ ފަށަން އެފްއޭއެމުން ތައްޔާރު ވެއްޖެ އެވެ.
ޒުވާން ޓީމާ އެކު މި އަހަރުގެ މުބާރާތުގައި ވާދަކުރާ 17 ޓީމު ވަނީ ހަތަރު ގުރޫޕަކަށް ބަހާލާފަ އެވެ.
ތިން ވަނަ ޑިވިޝަންގައި ޒުވާން ޓީމަށް ކޯޗު ކޮށްދޭނީ، ޒުވާން ކުޅުންތެރިންނާ އެކު ގިނަ ތަޖުރިބާތަކެއް ކޮށްފައިވާ ޒުވާން ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) އެވެ.
މުބާރާތަށް 19 އަހަރުން ދަށުގެ ޓީމެއް އެކުލަވާލީ، މިދިޔަ އޮކްޓޫބަރު މަހު 108 ކުދިންނާ އެކު މާލޭގައި ޓްރަޔަލް ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް ފަހު އެވެ.
ގުރޫޕް ސީ ގައި ހިމެނޭ ރޮކް ސްޓްރީޓް ސްޕޯޓްސް ކްލަބަކީ 2018 ވަނަ އަހަރު މުބާރާތް ކާމިޔާބުކޮށް، ދެ ވަނަ ޑިވިޝަންގެ ޖާގަ ހޯދި ޓީމެވެ. ނަމަވެސް 2020 ވަނަ އަހަރު ދެވަނަ ޑިވިޝަންގައި ރޮކް ސްޓްރީޓް ބައިވެރި ނުވުމުން އެ ޓީމަށް ޖެހުނީ އަލުން ތިން ވަނަ ޑިވިޝަނުން ފަށާށެވެ. މިދިޔަ އަހަރުގެ ތިން ވަނަ ޑިވިޝަންގައި ވެސް އެޓީމު ބައިވެރިނުވެ އެވެ.
މާފަންނު ޓާފް ދަނޑުގައި ކުރިއަށް ގެންދާ މުބާރާތް ހުޅުވައިދޭ މެޗުގައި މާދަމާ ހަވީރު 4 ޖަހާއިރު ގުރޫޕް ޑީގެ އަނާކީ ސްޕޯޓްސް ކްލަބާއި ޔޫއެން ފްރެންޑްސް ބައްދަލު ކުރާނެ އެވެ. އަދި މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މަސްއޮޑި ސްޕޯޓްސް އާއި އިންވިކްޓޯ ސްޕޯޓްސް އެވެ.
ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހާ ހަމައަށް ގުރޫޕް ސްޓޭޖުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވާއިރު، ކޮންމެ ގުރޫޕެއްގެ އެއް ވަނަ އަދި ދެ ވަނަ ޓީމާ އެކު ޑިސެމްބަރު 4 އަދި 5 ގައި ކުއާޓާ ފައިނަލްގެ މެޗްތައް އޮންނާނެ އެވެ. އަދި ޑިސެމްބަރު 8 ވަނަ ދުވަހު ސެމީ ފައިނަލްގެ ދެ މެޗު ކުޅުމަށް ފަހު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު 11 ވަނަ ދުވަހުގެ ރެ އެވެ.
ފައިނަލަށް ދާ ދެ ޓީމަށް، އަންނަ އަހަރުގެ ދެ ވަނަ ޑިވިޝަން މުބާރާތުން ސީދާ ޖާގައެއް ލިބޭނެ އެވެ.
ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަން ގައި ޒުވާން ގައުމީ ޓީމުތައް ބައިވެރިކުރަން އެފްއޭއެމުން ނިންމީ 2020 ވަނަ އަހަރު އެވެ. ދެ ވަނަ ޑިވިޝަންގައި 19 އަހަރުން ދަށުގެ ޓީމު، އަދި ތިން ވަނަ ޑިވިޝަންގައި 16 އަހަރުން ދަށުގެ ޓީމު ހިމަނަން އޭރު ނިންމި އެވެ.
އެ އަހަރުގެ ދެ ވަނަ ޑިވިޝަންގައި 19 އަހަރުން ދަށުގެ ޓީމު ބައިވެރި ކުރި އެވެ. ޒުވާން ޓީމު ވަނީ ކޯޗު އަހުމަދު ނާޝިދު (ނާދު) ގެ އިރުޝާދުގެ ދަށުން އެ އަހަރު ގުރޫޕް ސްޓޭޖުގެ ހަތަރު މެޗު ކުޅެފަ އެވެ.
ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ތިން ވަނަ ޑިވިޝަން މުބާރާތް އެ އަހަރު ނުބޭއްވުމުންނާއި، އިންޓަނޭޝަނަލް މުބާރާތްތަކުގެ ޝެޑިއުލް އާ ފުށުއަރާތީވެ، މި އަހަރުގެ ތިން ވަނަ ޑިވިޝަންގައި 19 އަހަރުން ދަށުގެ ޓީމު ހިމަނަން ނިންމީ އެވެ.
ފަސްކުރި ތިން ވަނަ ޑިވިޝަން މިދިޔަ އަހަރު ބާއްވާފައި ވާއިރު، ކޮވިޑްގެ ސަބަބުން ގުރޫޕް ސްޓޭޖުގެ ވަކި ހިސާބަކުން މުބާރާތް މެދު ކަނޑާލަން ވެސް ޖެހުނެވެ. ނަމަވެސް ފަހުން މުބާރާތް ކުރިއަށް ގެންދިޔަ އެވެ.
ތިން ވަނަ ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަނަކީ ބުރު ސްޕޯޓްސް ކްލަބެވެ. އަދި ބުރު ސްޕޯޓްސް ވަނީ މި އަހަރުގެ ދެ ވަނަ ޑިވިޝަން ޗެމްޕިއަންކަން ހޯދައި، ޕްލޭއޮފްގައި ހޯދި ކާމިޔާބާ އެކު ޕްރިމިއާ ލީގަށް ވެސް ކޮލިފައި ވެފަ އެވެ.
ގުރޫޕް އޭ: ލެގޫންސް ސްޕޯޓްސް ކްލަބް، ތުޅާދޫ އެވެންޗާޒް، ވިޔަންސާ، މޯލްޑިވްސް ސޮކާ މޭޓްސް
ގުރޫޕް ބީ: ސްޕޯޓްސް ކްލަބް ރިވަލްސާ، ހިރިޔާ، ސެންޓް ސްޕޯޓްސް ކްލަބް، ހުޅުމާލެ ޔޫތު ކްލަބް
ގުރޫޕް ސީ: ވިލިމާލެ ޔުނައިޓެޑް، ސީބީއެލް ސްޕޯޓްސް، ސްޕޯޓްސް ކްލަބް ހޮސްކޯވޯ، ރޮކް ސްޓްރީޓް ސްޕޯޓްސް ކްލަބް
ގުރޫޕް ޑީ: މަސްއޮޑި ސްޕޯޓްސް ކްލަބް، އަނާކީ ސްޕޯޓްސް ކްލަބް، ޔޫއެން ފްރެންޑްސް، އިންވިކްޓޯ ސްޕޯޓްސް ކްލަބް، 19 އަހަރުން ދަށުގެ ގައުމީ ޓީމް
ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަން ފަސްކޮށްފި
ލެގޫންސް، ރޮކްސްރީޓް، ސެންޓް އަދި މަސްއޮޑި ސެމީ އަށް
ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި 15 ޓީމު
ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އަންނަ މަހު
ޒުވާން ދެ ޓީމު ދެ ޑިވިޝަނެއްގައި ވާދަކުރުވަނީ
ޑިސިޕްލިނަރީ، އެޕީލްސް ކޮމިޓީ ހޮވުން މި މަހު 15ގައި
ވިލިމާލޭން ތިން އަހަރުގެ ޗެމްޕިއަން ހުޅުމާލެ ބަލިކޮށްފި
ފަހު 10 އަކާ ދިމާވާތީ ރާއްޖޭގެ މެޗު ފިލިޕީންސަށް
ޕްރެޒިޑެންޓްސް ކަޕް ވާންޖެހޭނީ ޝަރަފުވެރި ތައްޓަކަށް
ފުޓްބޯޅަ ސީޒަން ފަށާ އާ ތާރީހަކީ އޭޕްރީލް އަށެއް