Roadha Mihaaru
ޒުވާން ދެ ޓީމު ދެ ޑިވިޝަނެއްގައި ވާދަކުރުވަނީ

ޒުވާން ދެ ޓީމު ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނަށް

14 އޮކްޓޯބަރ 2019

ރާއްޖޭގެ 16 އަހަރާއި 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުގައި ވާދަކުރާ ގޮތަށް އެފްއޭއެމުން ހަމަޖައްސައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ރާއްޖޭގެ 16 އަހަރާއި 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުގައި ވާދަކުރާ ގޮތަށް އެފްއޭއެމުން ހަމަޖައްސައިފި އެވެ.

އެފްއޭއެމްގެ މީގެ ކުރީގެ ދައުރުތަކުގައި ވެސް މި ގޮތަށް ހަމަޖައްސަން ވާހަކަދެއްކި އެވެ. އެކަމަކު އަމަލީ ސިފަ އައިސްފައެއް ނުވެ އެވެ،. ބައްސާމް ވިދާޅުވީ އެފްއޭއެމްގެ އެކްސްކޯ އިން ނިންމާފައިވަނީ 16 އަހަރުން ދަށުގެ ޓީމު ތިން ވަނަ ޑިވިޝަނުގައި އަދި 19 އަހަރުން ދަށުގެ ޓީމު ދެ ވަނަ ޑިވިޝަނުގައި ކުޅުވާށެވެ. އަދި މި ޓީމުތަކުގައި ކްލަބްތަކުގެ ކުޅުންތެރިން ތިބެއްޖެނަމަ އެ ކުޅުންތެރިންނާ މެދު ކަންތައްތައް ކުރާނެ ގޮތެއް ނިންމާނީ ކްލަބާ ވާހަކަ ދެއްކުމަށް ފަހު ކަމަށް ވިދާޅުވި އެވެ..

"މައިގަނޑު ފޯކަސް އަކީ އަބަދުވެސް އެކުގައި ފަރިތަކޮށް ވާދަވެރި މެޗުތަކެއް ކުޅޭނެ ބަޔަކަށް ވުން. ބޭނުމަކީ ކުރިއަށް އޮތް އަހަރުތަކުގައި ސީނިއާ ޓީމަށް މި ކުޅުންތެރިން ގެންގޮސްދިނުން. އަބަދުވެސް މި ކިޔަނީ ޓުވާޑްސް ފިއުޗާގެ ބެނާގެ ދަށުން މުސްތަގުބަލަށް ކާމިޔާބު ހޯދާނެ ޓީމެއް ބިނާކުރާ ވާހަކަ،" 19 އަހަރުން ދަށުގެ ޓީމު ސާފް ޗެމްޕިއަންޝިޕުގެ ތިން ވަނަ ހޯދުމުން އުފާފާޅުކުރަން ރޭ ބޭއްވި ހަފުލާގައި ބައްސާމް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ މީގެ ދެ އަހަރު ކުރިން ރާއްޖޭގެ އުމުރުފުރާ ޓީމުތައް ކޮޅަށް ޖެހި 26 ގޯލެއްގެ ވާހަކަ ވަރަށް ގިނައިން ދެކެވުނު ކަމަށާއި އޭރު ވެސް އަމާޒަކަށްވީ އެ 26 ގޯލުގެ ވާހަކަތަކަކީ ހިތްވަރެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ކަމަށެވެ.

"ތި ކުޅުންތެރިން ތި ހޯދައިދިނީ ވަރަށް ބޮޑު ހިތްވަރެއް. އޭގެ އެހީގައި ވަރަށް ޖޯޝުގައި ކުރިއަށްދާނަން. އެ 26 ގޯލުން ފެށިގެން މި ލިބުނު ހިތްވަރުން މިހާރު އަންހެން ޓީމު ބްރޯންޒް މެޑަލެއް ގެނެސްފި. އުމުރުފުރާ މުބާރާތެއްގެ ފުރަތަމަ ބްރޯންޒް 19 އަހަރުން ދަށުގެ ޓީމު ގެނެސްދީފި. ދެން ސީނިއާ ޓީމު ސާފް ޗެމްޕިއަންޝިޕް ހޯދައިފި،" ބައްސާމް ވިދާޅުވި އެވެ.

ފަހަކަށް އައިސް އުމުރުފުރާ ގައުމީ ޓީމުތަކުން ރާއްޖޭން ބޭރުގެ ގިނަ މުބާރާތްތަކުގައި ވާދަކުރަމުން އަންނައިރު، ރޭ 16 އަހަރުން ދަށުގެ ޓީމު ވަނީ މި މަހު ބަންގްލަދޭޝްގައި އޮންނަ ޔުއެފާ އެސިސްޓް މުބާރާތުގައި ކުޅެން ފުރައިފަ އެވެ. އެ މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ފެރޯ އައިލެންޑާއި ބަންގްލަދޭޝްގެ އިތުރުން ކެމްބޯޑިއާ އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ބައްސާމް އަދީލް ޖަލީލް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ބައްސާމް އަދީލް ޖަލީލް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބައްސާމް ވިދާޅުވީ ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެ މުބާރާތަށް ކަނޑައަޅާފައިވާ ޓާގެޓަކީ ޗެމްޕިއަންކަން ހޯދުން ކަމަށްވާއިރު އޭގެން ވެސް ލިބޭ މެސެޖެއް އެބައޮތް ކަމަށެވެ.

"މީގެ 10 އަހަރު ކުރިން މުބާރާތްތަކަށް ދަނީ ކޮޅަށް ވަން ގޯލުތައް މަދުކުރަން. މިހާރު މުބާރާތްތަކަށް މި ދަނީ މުބާރާތް ކާމިޔާބުކުރަން. ސޯޅަ އަހަރުން ދަށުގެ ޓީމުގެ ކޯޗު މިރޭ އަހާލީމަ ބުނީ މުބާރާތް ކާމިޔާބު ކުރުމޭ ޓާގެޓަކީ. މީގެން ދޭހަވަނީ މިހާރު އުމުރުފުރާ ޓީމުތައް ވެސް މުބާރާތްތަކަށް ދާ ވިސްނުން ބަދަލުވެއްޖެކަން،" ބައްސާމް ވިދާޅުވި އެވެ.

ރާއްޖޭގެ ސީނިއާ ޓީމުން ވަނީ ސާފް ޗެމްޕިއަންޝިޕް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. މި ސަރަހައްދުގެ މުބާރަތްތަކުގައި ރާއްޖެ އަބަދުވެސް ސެމީ ފައިނަލުގައި ކުޅެ އެވެ. އެގޮތުން ރާއްޖެ ވާދަކުރި ދެކުނު އޭޝިއާގެ ފުރަތަމަ މުބާރާތުގައި، 1984 ވަނަ އަހަރު ވެސް ތިން ވަނަ ހޮވި މެޗުގައި ބޫޓާން 1-0 އިން ބަލިކޮށް ރާއްޖޭން ލޯ މެޑަލް ހޯދި އެވެ. ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމުން މި އަހަރުގެ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ތިން ވަނަ ހޯދީ ވެސް ތިން ވަނަ ހޮވި މެޗުގައި ބޫޓާން 1-0 އިން ބަލިކޮށްގެންނެވެ.