ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތާއި ތިންވަނަ ޑީވިޝަން ފުޓްބޯޅަ މުބާރާތް ފަސްކޮށް، މުބާރާތް ފަށާ ތާރީހު އެފްއޭއެމް އިން އިއުލާން ކޮށްފި އެވެ.
04 ނޮވެމްބަރ 2023
ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތާއި ތިންވަނަ ޑީވިޝަން ފުޓްބޯޅަ މުބާރާތް ފަސްކޮށް، މުބާރާތް ފަށާ ތާރީހު އެފްއޭއެމް އިން އިއުލާން ކޮށްފި އެވެ.
ކުރިން މި މަހު 20 ގައި ފަށާ ގޮތަށް ހަމަޖައްސާފައި އޮތް ދެވަނަ ޑިވިޝަން މިހާރު ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހު 10 ގައި ކަން އެފްއޭމުން ބުރާސްފަތި ދުވަހު އިއުލާން ކުރި އެވެ. ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު ތިންވަނަ ޑިވިޝަން މުބާރާތް ފަށާނެކަން އިއުލާން ކޮށްފަ އެވެ.
މުބާރާތް ފަށަން ކުރިން ތާވަލް ކުރި ވަގުތީ ތާރީހު ގާތްވެފައި ވަނިކޮށް ވެސް އެފްއޭއެމްގެ ރަސްމީ ބަހެއް ނުލިބި އޮތުމުން ކްލަބްތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
ޑިސެމްބަރަށް މުބާރާތް ފަސް ކުރިކަން އިއުލާން ކުރުމުގެ އިރުކޮޅެއް ކުރިން، މި މަހުގެ 25 ވަނަ ދުވަހު މުބާރާތް ފަށާގޮތަށް ހަމަޖެހިފައި ވާކަމަށް ވެސް އެފްއޭއެމުން ހާމަކުރި އެވެ. ނަމަވެސް ފަހު އެ ޕޯސްޓް ޑިލީޓްކޮށްލީ އެވެ.
ދިވެހި ޕްރިމިއާ ލީގުގެ ކުޅުން އިންޓަނޭޝަނަލް ބްރޭކަށް މެދުކަނޑާލިގޮތަށް އަދި އަލުން ނުފަށަ އެވެ. އަލުން ލީގު ފެށޭނެ ތާރީހެއް އެފްއޭއެމް އިން އަދި އަންގާފައެއް ނުވެ އެވެ.
ރާއްޖޭގެ އެންމެ މަގުބޫލު ދެ ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓާއި ވިކްޓަރީ އަށް ކުރިމަތިވި ސަސްޕެންޝަނުން ސަލާމަތްވެ، މިދިޔަ އަހަރުން ފެށިގެން ދެ ޓީމު ވެސް ވާދަކުރަމުން އަންނަނީ ދެވަނަ ޑިވިޝަނުގަ އެވެ. އެންމެ ކުރިން ކުޅުންތެރިން ހޯދައިގެން މުބާރާތަށް ތައްޔާރުވާން ފެށީ ވެސް މި ދެ ޓީމެވެ.
ބިދޭސީ ކުޅުންތެރިން ވެސް ގެނެސްގެން ޓީމުތައް އަންނަނީ ދެވަނަ ޑިވިޝަނަށް ތައްޔާރުވަމުންނެވެ. އާއްމުކޮށް ދެމަސް ނޫނީ ތިން މަހުގެ ކޮންޓްރެކްޓެއްގައި ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަންގެ ޓީމުތަކުން ކުޅުންތެރިންގެ ސޮއި ހޯދާއިރު، ލީގު ފެށުން ލަސް ކުރުމާ ގުޅިގެން ކުޅުންތެރިންގެ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރަން ޖެހުން ގާތެވެ. މީގެ ސަބަބުން ކްލަބްތަކަށް އިތުރު ހަރަދުތަކެއް ކުރަން ޖެހި، މާލީގޮތުން އެކި މައްސަލަތައް ދިމާވުން ގާތެވެ.
އެންމެ ފަހުން މިދިޔަ އަހަރު ބޭއްވި ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ބުރު ސްޕޯޓްސް ކްލަބެވެ. އަދި މިދިޔަ އަހަރުގެ ތިންވަނަ ޑިވިޝަން ކާމިޔާބު ކުރީ ލެގޫންސް ސްޕޯޓްސް ކްލަބެވެ.
މުޅި ރާއްޖެއަށް ދިވެހި ޕްރިމިއާ ލީގު ފުޅާކޮށް، ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ގޮތަށް 2023/2024 ވަނަ ސީޒަންގައި 12 ޓީމާ އެކު ދިވެހި ޕްރިމިއާ ލީގު ފަށަން އެފްއޭއެމް އިން ރާވާފައި އޮތް ޕްލޭން ވެސް ވަނީ ހުއްޓިފަ އެވެ.
ކުރިން އޮތީ، މިހާރު ކުރިއަށްދާ ޕްރިމިއާ ލީގުގައި ރެލިގޭޝަން ނުބާއްވައި، ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައިގެން އަތޮޅުތެރޭގެ ތިން ޒޯނުގެ ޗެމްޕިއަނާއި މާލޭ ޒޯންގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަނާ އެކު އާ ފޯމެޓަށް ލީގު ކުރިއަށް ގެންދާށެވެ. ނަމަވެސް ޕްރިމިއާ ލީގަށް ކޮލިފައިވާން މިދިޔަ އަހަރު މެއި މަހު ފެށި ކޮލިފައިންގެ މެޗުތައް މިދިޔަ ޑިސެމްބަރު މަހު ވަނީ ހުއްޓިފަ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު އަލުން ކޮލިފައިން ކުރިއަށް ގެންދަން އެފްއޭއެމުން މަސައްކަތް ކުރި ނަމަވެސް އަދި ފެށޭގޮތެއް ނުވެ އެވެ.
މިއަހަރުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމު އަދި ތިންވަނައަށްދާ ޓީމަށް ޕްރިމިއާ ލީގުން ސީދާ ޖާގައެއް ދޭން އެފްއޭއެމުން ނިންމާފައި ވާކަމަށް ބުނެ، ރައީސް ބައްސާމް އަދީލް ޖަލީލް އަށް ޝުކުރު އަދާކޮށް ނިއު ރޭޑިއަންޓްގެ ޗެއާމަން އަހުމަދު ވާސިފް ވަނީ އޮކްޓޫބަރު 11 ވަނަ ދުވަހު ފޭސްބުކް ޕޯސްޓަކުން އެކަން ހާމަ ކޮށްފަ އެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އެފްއޭއެމްގެ ރަސްމީ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފަ އެވެ.
ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި 15 ޓީމު
ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އަންނަ މަހު
ޒުވާން ދެ ޓީމު ދެ ޑިވިޝަނެއްގައި ވާދަކުރުވަނީ
އެފްއޭއެމްގެ އިލެކްޓޯރަލް ކޮލެޖާ މެދު ސުވާލު އުފެދިއްޖެ
ނިއު އާއި ވިކްޓަރީ މިފަހަރު އޮތީ ދެ ގުރޫޕެއްގައި
"ހިލޭ" ކުރި މަސައްކަތް އެހެން މުވައްޒަފަކަށް ހިލޭ
ދެވަނަ ޑިވިޝަން ހިލޭ ހިންގައިދޭން ނިޒާމް ހަވާލުވެއްޖެ
މުސާރައެއް ނުދޭ، ރެފްރީން ނުލިބި މެޗުތައް ހުއްޓިފައި!
ލެގޫންސް، ރޮކްސްރީޓް، ސެންޓް އަދި މަސްއޮޑި ސެމީ އަށް
ޒުވާން ގައުމީ ޓީމާ އެކު ތިން ވަނަ ޑިވިޝަން ފަށަނީ