Roadha Mihaaru
ހަމަނުޖެހުމާ ގުޅިގެން ގިނަ ބަޔަކަށް ނަފުސާނީ ފަރުވާދީފި

އުނގޫފާރުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ގިނަ ބަޔަކަށް ނަފުސާނީ ފަރުވާ ދީފި

14 ނޮވެމްބަރ 2022

ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި އިއްޔެ ހަވީރު އެ އަތޮޅު އިނގުރައިދު އާއި ދުވާފަރު ބައްދަލުކުރި މެޗު ނިމުމަށް ފަހު ދެ ރަށުގެ ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި އަނިޔާވެގެން ގެންދިޔަ ގިނަ ބަޔަކަށް ނަފުސާނީ ފަރުވާ ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި އިއްޔެ ހަވީރު އެ އަތޮޅު އިނގުރައިދު އާއި ދުވާފަރު ބައްދަލުކުރި މެޗު ނިމުމަށް ފަހު ދެ ރަށުގެ ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި އަނިޔާވެގެން ގެންދިޔަ ގިނަ ބަޔަކަށް ނަފުސާނީ ފަރުވާ ދީފި އެވެ.

ފުލުހުން މިއަދު ބުނީ އެ ހަމަނުޖެހުމުގައި ޖިސްމާނީ އަނިޔާ ލިބިގެން ފަރުވާ ދީފައި ވަނީ 14 އަހަރުގެ ފިރިހެން ކުއްޖަކަށާއި 39 އަހަރުގެ އަންހެނަކަށް ކަމަށެވެ.

ޖިސްމާނީ އަނިޔާ ލިބުނު ދެ މީހުންގެ އިތުރުން 14 މީހަކަށް، އުނގޫފާރުގައި ހުންނަ ރ. އަތޮޅު ހޮސްޕިޓަލުން ފަރުވާދިނެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުދިން ވެސް ހިމެނެ އެވެ.

"އެ މީހުންނަށް ފަރުވާ ދީފައިވަނީ ހަމަނުޖެހުމުގެ ސަބަބުން ބިރުގަތުމާއި ބޮލަށް އެނބުރުންއެރުން ފަދަ ކަންކަން ދިމާވެގެން ކަމަށް މައުލޫމާތު ލިބިފައިވޭ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހަމަނުޖެހުމާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަން ފިޔަވައި އިތުރު ތަފުސީލެއް ނުދެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ދެ ރަށުގެ ސަޕޯޓަރުންގެ މެދުގައި ފުލުހުންތަކެއް ސަފެއްގައި އެތުރިގެން ތިބެ އެ މީހުން ދުރުކުރަން އުޅެ އެވެ. ބައެއް މީހުން ހަޑި ހުތުރުބަހުން އެއްޗެހި ކިޔައި ފުލުހުންގެ ސަފު ފޫއަޅުވާލާފައި ދާން މަސައްކަތް ކުރެ އެވެ. އަދި އަނެއް ކޮޅުގައި ތިބި މީހުންނާ މެދު ހަމަނުޖެހުން ހިންގަން މަސައްކަތް ކުރެ އެވެ.

އިއްޔެ އޫނގޫފާރުގައި އޮތް ފައިނަލް މެޗުގައި ދުވާފަރުން އިނގުރައިދޫ ބަލިކުރީ 4-3ގެ ނަތީޖާއަކުންނެވެ. ދުވާފަރުން މެޗު ކާމިޔާބު ކުރީ އިނގުރައިދޫން ތިން ލަނޑު ޖަހާފައި ވަނިކޮޮށް ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެންނެވެ.