Roadha Mihaaru

ޒަކިއްޔާގެ މަރާ ގުޅިގެން ހޮޅުދޫގައި މާރާމާރީއެއް: ޒަކިއްޔާގެ ދަރިފުޅު ހައްޔަރުކޮށްފި

ނ. ހޮޅުދޫގައި ޒަހަމްތަކާއެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ކުރި ޒުވާބެއް ހޫނުވެ، އެ ރަށުގައި ހިންގި މާރަމާރީއަކާ ގުޅިގެން އޭނާގެ ދޮށީ ފިރިހެން ދަރިފުޅު މިއަދު ހައްޔަރުކޮށްފި އެވެ.

ހޮޅުދޫގައި މަރުވި ޒަކިއްޔާގެ ދޮށީ ދަރި ހައްޔަރުކޮށްފި
މޫސާ ރަޝީދު
މޫސާ ރަޝީދު

23 ޑިސެމްބަރ 2024

ނ. ހޮޅުދޫގައި ޒަހަމްތަކާއެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ކުރި ޒުވާބެއް ހޫނުވެ، އެ ރަށުގައި ހިންގި މާރަމާރީއަކާ ގުޅިގެން އޭނާގެ ދޮށީ ފިރިހެން ދަރިފުޅު މިއަދު ހައްޔަރުކޮށްފި އެވެ.

ދިރިއުޅެމުން ދިޔަ ގޭގެތެރޭގައި ބޮޑެތި ޒަހަމްތަކަކާ އެކު ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު އެވެ.

ފުލުހުން މިއަދު ބުނީ ހޮޅުދޫގައި މިދިޔަ ބުރާސްފަތި ދުވަހު ހިންގި ހަމަނުޖެހުމެއްގެ ތެރެއިން މާރަމާރީއެއް ހިނގާފައިވާތީ، ކޯޓު އަމުރެއްގެ ދަށުން އެ ރަށު ނިއު ލައިފް، މޫސާ ރިމްޒީ، 30 ހައްޔަރު ކޮށްފައިވާ ކަމަށެވެ. ރިމްޒީއަކީ ޒަކިއްޔާގެ ދޮށީ ދަރިފުޅެވެ.

ޒަކިއްޔާގެ ދޮށީ ދަރިފުޅު ރިމްޒީ

ޒަކިއްޔާގެ ދޮށީ ދަރިފުޅު ރިމްޒީ

އޭނާ ހައްޔަރު ކުރަން ނެރެފައިވާ ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރިމްޒީ ވަނީ އަހުމަދު ޝުޖާއު ނަމަކަށް ކިޔާ މީހެއް ގައިގައި ޖަހައި މާރަމާރި ހިންގި އެވެ.

އެހެންވެ ރިމްޒީގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ކުރިމަތި ވެދާނެ ކަމަށް ފެންނާތީ އާއި އެ މައްސަލައާ ގުޅިގެން ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް އެ އަމުރުގައި ވެ އެވެ.

އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނު ބައެއް މީހުން ބުނެފައިވަނީ އޭނާގެ ކަރު އޮތީ ބުރިކޮށްލާފައި ކަމަށާއި ހަށިގަނޑާއި ކަރު ވަކިނުވެ އޮތީ ހަމަ ކިރިޔާ ކަމަށެވެ. އަދި މީހަކު އަމިއްލަ އަށް އޭނާގެ ހަށިގަނޑަށް އެ ވަރުގެ އަނިޔާއެއް ދެވޭނެތޯ އެ މީހުން ސުވާލު އުފެއްދި އެވެ.

އެ މަރަށް އިންސާފު ނުލިބި ދިގުލައިގެންދާތީ ހޮޅުދޫގެ ރައްޔިތުން ދޭތެރެދޭތެރެއިން އިހުތިޖާޖަށް ނުކުމެ، އަޑު އުފުލަ އެވެ.

ފުލުހުން ބުނެފައި ވަނީ ޒަކިއްޔާ މަރާލި ކަމުގެ އެއްވެސް ނިޝާނެއް އަދި ހެއްކެއް ވެސް ތަހުގީގުގެ މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ.

ޒަކިއްޔާ މަރުވެފައި އޮތް ތަނުން ފެނުނު ވަޅީގައި އަދި ޒަކިއްޔާގެ ހެދުމުގައި ލޭ ނެތް ކަމަށް ރަށުތެރޭގައި ތުހުމަތުކޮށް ވާހަކަތައް ދެއްކި ނަމަވެސް، ވަޅި އާއި ހެދުމުގައި ވެސް ގިނަ އަދަދެއްގެ ލޭ ހުރި ކަމަށް ފުލުހުން ބުންޏެވެ. އެ ވަޅީގެ ފޮރެންސިކް ތަހުލީލް އަދިވެސް ދަނީ ކުރިއަށެވެ. ތަހުލީލުތަކުން އެނގޭ ގޮތުގައި ވަޅީގައި ހުރީ ޒަކިއްޔާގެ ލެ އެވެ.

"އެއްވެސް ފަރާތެއްގެ އަމަލަކުން ހިނގި ކަމެއް ކަމުގެ ހެއްކެއް، ގަރީނާއެއް މިހާތަނަކަށް އަދި މިވަގުތާ ހަމައަށް ނެތް،" މި މަހުގެ ތިންވަނަ ދުވަހު ބޭއްވި މީޑިއާ ބްރީފިންއެއްގައި ފުލުހުންގެ ޗީފް އިންސްޕެކްޓަރު، މުހައްމަދު ސާމިހް ވިދާޅުވި އެވެ.

ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ ގޭގެ ކުނި ނަގަން ވަން ބިދޭސީންތަކަކަށެެވެ. އެ ތަނުގައި ގިނަ އަދަދަކަށް ލޭ ހުރިއިރު ކައިރީގައި ވަޅިއެއް އޮތެވެ. އެ ހާދިސާ ހިނގިއިރު، އެ ގޭގައި ދިރިއުޅެނީ އޭނާގެ ފިރިމީހާ އާއި ފިރިހެން ދަރި ރަމްޒީ އާއި އޭނާގެ އަނބިމީހާ އަދި މާމަ ދަރިފުޅެވެ. ޒަކިއްޔާގެ ދެވަނަ ދަރިފުޅު ދިރިއުޅެނީ މާލޭގަ އެވެ.