15 ނޮވެމްބަރ 2022
ރަށްރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީވެ، ފަރުވާދިނުމަށް ބޭނުންވާ މީހުން ތަމްރީނުކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ރަށްރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީވެ، ފަރުވާދިނުމަށް ބޭނުންވާ މީހުން ތަމްރީނުކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
"ރިވެލި ފޯރަމް 2022" ފެށުމުގެ ގޮތުން މިއަދު ހެނދުނު ހ. މީރުމާ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ލާމަރުކަޒީ ވިސްނުން މިހާރު ވަރަށް ބޮޑަށް ގެންގުޅެން ޖެހޭ ކަމަށެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން، އިޖުތިމާއީ ރައްކާތެރިކަމާއި އިޖުތިމާއީ ހިދުމަތް ފޯރުކޮށްދިނުމަށް ވަރަށް ބޮޑު ޒިންމާތަކެއް ވެސް ކައުންސިލުތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
ލަމާރުކަޒީ ގާނޫނުގައި ހުރި ކަންކަން ހާސިލުކުރުމުގެ ގޮތުން ކޮންމެ ރަށެއްގައި ވެސް އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެއީ ވޮލަންޓިއަރުންނެއް ނޫން. ސަރުކާރުން މުއައްސަސާތަކުގައި މިހާރު ވެސް މެންޑޭޓް ކަނޑައެޅިގެން 17 ގާނޫނެއްގެ ދަށުން ލާމަރުކަޒުކޮށް ހިދުމަތްކުރުމަށް މެންޑޭޓްކުރެވިފައިވާ ކަންތައްތަކެއް ބަލައިފައި އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) އަޅުގަނޑުމެން މި ރޯލް އައުޓްކުރަމުން ދަނީ ޔުނިސެފްގެ އެހީތެރިކަމާ އެކު،" މިނިސްޓަރު ވިދާޅުވި އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ "ރިވެލި ފޯރަމް 2022"ގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"އެ ބޭފުޅުންގެ މަސައްކަތުގެ ތެރެއަށް އަޅުގަނޑުމެން އެބަ އިތުރުކުރަން ކޮނިއުނިޓީ ބޭސްޑް ރިހިބެލިޓޭޝަން (ސީބީއާރް). ސީބީއާރް ލުމުން އަޅުގަނޑުމެން އުއްމީދުކުރަނީ ސީބީއާރްގެ ތަމްރީނު ލިބިފައި ތިބި ބަޔަކު އައިލާތަކަށް ފުރަތަމަ ދުވަހުން ފެށިގެން އެހީތެރިވުމަށް ކޮންމެ ރަށެއްގައި ތިބޭނެ ކަމަށް."
"ސީބީއާރް" އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ފަރުވާ އާއި އެ މީހަކު ދިރިއުޅޭ މާހައުލުގެ ތެރެއިން ފަސޭހަކަމާ އެކު ތަފާތު ފުރުސަތުތައް ހޯދައިދިނުމަށް އެހީތެރިވާ އިންތިޒާމެކެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އެފަދަ ބަޔަކު ތަމްރީނުކޮށް ދަމަހައްޓާއި، ރަށްރަށުގައި ބޭތިއްބުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެކަމަކު، އެކަމުގައި ޔުނިސެފުން ރާއްޖެ އަށް ޓެކްނިކަލް ސަޕޯޓް ދޭން އެއްބަސްވުމުން މަޝްވަރާތައް ކުރިއަށް މި ގެންދާ ކަމަށް ވިދާޅުވި އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ "ރިވެލި ފޯރަމް 2022": ކަމާބެހޭ އިދާރާތަކުގެ ބޭފުޅުން މި ފޯރަމްގައި ބައިވެރިވޭ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"ﷲގެ އިދާރަފުޅާ އެކު އަޅުގަނޑުމެންނަށް މިކަމުގައި ގާބިލު، ސީބީއާރް އެނގިވަޑައިގަންނަވާ ޓެކްނިކަލް ބޭފުޅަކު ރާއްޖެ ވަޑައިގެން އަޅުގަނޑުމެންނަށް ޓްރެއިނާސްކޮޅެއް މާލޭގައި އުފެއްދި، އެ ޓްރެއިނާސް އަކީ އަތޮޅުތަކުގައި ސީބިއާރް ފުރިހަމަ އަށް ދެވޭނެ ބަޔަކަށް ހެދޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިހާރު ކުރިއަށް ގެންދާ ރިވެލި ފޯރަމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރިއަށް އޮތް 10 އަހަރަށް ކަނޑައަޅާ ލަނޑުދަނޑިތަކުގެ ޕްލޭން އެކުލަވައިލުމަށް ބޭނުންވާ މަޝްވަރާތައް ވެސް ކުރާނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ "އެކްސެސިބިލިޓީ" ނުވަތަ ފަސޭހައިން ހިދުމަތްތައް ހޯދޭނެ އިންތިޒާމުތައް ހަމަޖެހިފައި ނެތުން ކަމަށް ޖެންޑާ މިނިސްޓަރު ވިދާޅުވި އެވެ. އެހެންވެ، ކުރިއަށް އޮތް 10 އަހަރަށް ޕްލޭނެއް އެކުލަވާލައިރު އެކަމަށް އިސްކަންދީގެން ކަންކަން ރޭވުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ "އެކްސެސިބިލިޓީ" އަކީ؛
• ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައި އެންމެ ފުރިހަމައަށް ބައިވެރިވުމުގެ ހައްގު ހޯދައިދިނުން.
• އިމާރާތްތަކާއި އެހެން ތަންތަނަށާއި ދަތުރުފަތުރުގެ ވަސީލަތްތަކަށާއި މައުލޫމާތަށާއި ކުރެވޭ މުއާމަލާތުތަކާ މއަދި އެ ނޫން ވެސް އާންމު ވަސީލަތްތަކާއި ހިދުމަތްތައް އެހެން މީހުންނެކޭ ވެސް އެއްފަދައިން ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރުން.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ "ރިވެލި ފޯރަމް 2022: ކަމާބެހޭ އިދާރާތަކުގެ ބޭފުޅުން މި ފޯރަމްގައި ބައިވެރިވޭ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"މި ފޯރަމްގައި ފަށާ މި މަސައްކަތަކީ ކޮންވީނިއެންޓް މަސައްކަތަކަށް ވެގެން ދާނެ. ވަރަށް ގާތުން ޓެކްނިކަލް ބޭފުޅުންގެ އަޑު އަހާފައި އަޅުގަނޑު ބޭނުން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އަޑު އަހާލަން. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަޑުއަހާލަން. އަޅުގަނޑުމެންނަށް ފޯރަމަކަށް ނުގެނެވޭ ހާލަތްތަކުގައި ތިބި އާއިލާތަކުގެ އަޑުއަހާލަން،" މިނިސްޓަރު ވިދާޅުވި އެވެ.
"މި ހުރިހާ އަޑުތަކަކާ އެކު ހެން އަޅުގަނޑަށް ހީވަނީ 10 އަހަރު ދުވަހުގެ ޕްލޭނެއް ހަދަން ވާނީ."
މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް 10 އަހަރަށް ޕްލޭނެއް އެކުލަވާލާއިރު، ވިސްނުމުގައި ބަހައްޓަން ޖެހޭ އެންމެ މުހިންމު އިތުރު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވަނީ ހައްގުތައް ހަގީގަތަކަށް ހެދުން ކަމަށެވެ. ރާއްޖޭގައި ހައްގުތައް ހަގީގަތަކަށް ހެދުމަށް ހުރި ގޮންޖެހުންތައް ވަރަށް ގިނަ ކަމަށް ވެސް ވިދާޅުވި އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް "ރިވެލި ފޯރަމް" ފަށައިފި https://t.co/6zuK2rJ2BU
— Mihaaru (@Mihaarunews) November 15, 2022
"އަޅުގަނޑުމެންގެ ރާއްޖޭގައި އަޅުގަނޑު މިސާލަކަށް އަމިއްލަ އަށް ވިސްނާލާފައި މިހާ ހިސާބަށް އައިއިރު ލިބުނު ތަޖުރިބާ އަށް ބަލާފައި އެންމެ ބޮޑު ގޮންޖެހުމަކީ ކޮބައިތޯ އަމިއްލަ ނަފުސާ ސުވާލުކޮށްފި ކަމަށް ވަންޏާ އެންމެ ބޮޑު ގޮންޖެހުމެއް ކަމަށް އަޅުގަނޑު ބުނާނީ އިނގިރޭސި ބަހުން މި ކިޔާ 'އެކްސިސިބިލިޓީ'،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެމްޓީސީސީގެ އާރްޓީއެލް ފެރީގެ ހިދުމަތް ދޭއިރު، އެ ފެރީތަކަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން އަރައި ފޭބޭނެ އިންތިޒާމު ހުންނަ ފެރީތަކަކަށް ހެދުމަށް އެ ކުންފުންޏާ އެކު މަޝްވަރާކޮށް އެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފޯރަމް ފަށައިފި
އާމްދަނީ ހޯދައިދޭން އެމްޕަވަމެންޓް ހަބެއް ގާއިމްކުރަނީ
ޑރ. އައިޝަތު ޝިހާމް އެންމެ ޒިންމާ ބޮޑު ގޮނޑީގައި
ނުކުޅެދޭ މީހުންނަށް ވަޒީފާ ދޭނެ އުސޫލެއް ހަދަނީ
ނުކުޅެދޭ މީހުންގެ އެލަވަންސަށް އިތުރު 12 މިލިއަން
ނުކުޅެދޭ މީހުންގެ މައުލޫމާތު އަޕްޑޭޓްކުރަން އެދެފި
ޑިސެބިލިޓީ އެލަވަންސް: 222 މީހަކަށް 7،000ރ.
ޖެންޑަ މިނިސްޓްރީގެ މަސައްކަތަށް ބޮޑެތި ބަދަލުތަކެއް
ޖެންޑާ މިނިސްޓްރީ ހުޅުމާލެ އަށް ބަދަލުކޮށްފި
އެއްހަމައަކުން އާސަންދަ ދިނުން ބަދަލުކުރަން ގާނޫނެއް