Roadha Mihaaru

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އާމްދަނީ ހޯދައިދޭން "އެމްޕަވަމެންޓް ހަބް" އަޅަން ސޮއިކޮށްފި

ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް އާމްދަނީ ހޯދުމުގެ ފުރުސަތު ހޯދައިދިނުމަށް އެމްޕަވަމަންޓް ހަބްގެ ނަމުގައި ހާއްސަ މަރުކަޒެއް އަޅަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެމްޕަވަމެންޓް ހަބް އަޅަން ސޮއިކޮށްފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

14 ޖެނުއަރީ 2025

ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް އާމްދަނީ ހޯދުމުގެ ފުރުސަތު ހޯދައިދިނުމަށް އެމްޕަވަމަންޓް ހަބްގެ ނަމުގައި ހާއްސަ މަރުކަޒެއް އަޅަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ރާއްޖޭގައި މުޅިން އަލަށް ގާއިމުކުރާ މި މަރުކަޒު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު އާތިފެވެ. އެފްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލެވެ.

ފެމިލީ މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި މިއީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހުނަރު ދަސްކޮށްދީ، އެ މީހުންގެ އުފެއްދުންތައް ވިއްކައި ވަޒީފާ އަދާކުރެވޭނެ މަރުކަޒެކެވެ. އެ ތަނުން އެމީހުންނަށް ބޭނުންވާ ހުނަރުތައް ދަސްކުރުމާއި އަމިއްލަ މަސައްކަތެއް ފެށުމާއި އާމްދަނީ ހޯދުމުގެ މަގު ތަނަވަސްވާނެ އެވެ.

އެމްޕަވަމަންޓް ހަބް ހަދަން ނިންމާފައި ވަނީ ހުޅުމާލެ ދެއަކުން ލިބިފައިވާ 5،500 އަކަފޫޓުގެ ބިމެއްގަ އެވެ. އެ ތަނުގައި ހޮސްޕިޓަލިޓީ އަދި ކަލިނަރީ ތަމްރީނާއި އިންކްލޫސިވް ކެފޭއަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން އުފައްދާ ތަކެތި ވިއްކަން ހާއްސަ ފިހާރައެއް ހުންނާނެ އެވެ.

އެ ހަބުގައި ވޯކްޝޮޕް ހިންގުމަށާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ތަމްރީނުދޭ ތަނެއް ވެސް ގާއިމްކުރާނެ އެވެ.

މިހާރު ޕްލެން އޮތް ގޮތުން ނަމަ މި އަހަރުގެ ތެރޭގައި އެ ތަން ހުޅުވާނެ އެވެ.