ހުޅުމާލެ 2 ގެ ހިޔާ ފްލެޓްތަކުން ކަރަންޓާއި ފެނުގެ ހިދުމަތް އިއްޔެ ހަތަރު ގަޑިއިރަށް ކެނޑުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެ ސަރަހައްދުގައި އިމާރާތްކުރާ ފަރާތްކުގެ އިހުމާލު މިކަމުގައި އޮތުމުން ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.
16 ނޮވެމްބަރ 2022
ހުޅުމާލެ 2 ގެ ހިޔާ ފްލެޓްތަކުން ކަރަންޓާއި ފެނުގެ ހިދުމަތް އިއްޔެ ހަތަރު ގަޑިއިރަށް ކެނޑުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެ ސަރަހައްދުގައި އިމާރާތްކުރާ ފަރާތްކުގެ އިހުމާލު މިކަމުގައި އޮތުމުން ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.
ވިއްސަކަށް ހާސް މީހުން ދިރިއުޅޭ 25 ބުރީގެ 16 ޓަވަރުން އިއްޔެ ހެނދުނު 11:00 ހާއިރު ކަރަންޓު ކެނޑުނީ ހުޅުމާލެ 2 ގައި އިމާރާތެއް ކުރަމުން ގެންދިޔަ ބަޔަކު ކޮންނަނިކޮށް، އެ ޓަވަރުތަކަށް ކަރަންޓު ދޭ ކޭބަލެއް ހަލާކުވެގެންނެވެ. އެ ކޭބަލްގެ މައްސަލަ ރަނގަޅުކޮށް، އަލުން ކަރަންޓު ދޭން ގިނަ ވަގުތު ނަގާނެތީ އިއްޔެގެ މެންދުރު ފަހު ތިނެއް ޖަހާކަންހާއިރު ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭން ފެށީ ވަގުތީ ކޭބަލެއް ބޭނުންކޮށްގެންނެވެ. އެހެންވެ، ހަލާކުވި ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކޯގެ ޓީމުތަކުން މިހާރު ވެސް ކުރިއަށް އެބަގެންދެ އެވެ.
"އެއް ކޭބަލެއްގެ ދެ ތަނަކުން ވަނީ ހަލާކުވެފައި. އެހެންވެ، އެ ކޭބަލް މަރާމާތުކުރުން މިއަދު ކުރިއަށް ގެންދާނެ،" ޝަރީފު ވިދާޅުވި އެވެ.
ކޭބަލް ހަލާކުވި މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވަމުން އޭނާ ވިދާޅުވީ، މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި ހުޅުމާލޭގައި އިމާރާތްކުރާ މީހުން ޖަވާބުދާރީ ނުކުރެވިއްޖެ ނަމަ މި އަށްވުރެ ބޮޑެތި ގެއްލުންތައް ވެދާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުން އެ ތަން ކޮނުނު ކޮންޓްރެކްޓަރުން އެ ކަން ކުރީ އެޗްޑީސީގެ ހުއްދަ ވެސް ނުހޯދާ. އެއްވެސް ހުއްދައެއް ނެތް. މިއީ ކުޑަ ކަމެއް ނޫން. އެހެންވެ، އަޅުގަނޑުމެން އެޗްޑީސީގައި އެދެން މި ގޮތަށް މަސައްކަތްކުރާ މީހުން ޖަވާބުދާރީ ކުރުވަން،" ޝަރީފު ވިދާޅުވި އެވެ.
ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކޯގެ މުވައްޒަފުން އިއްޔެ ކުރަނީ: މިހާރު އެ ފްލެޓްތަކަށް ކަރަންޓު ދެނީ ވަގުތީ ކޭބަލެއް ބޭނުންކޮށްގެން.---ފޮޓޯ: ސްޓެލްކޯ
އޭނާ ވިދާޅުވި ގޮތުގައި ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭ ކޭބަލް ހަލާކުވީ ހުޅުމާލެ 2 ގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކުރާ 4،000 ފްލެޓް އިމާރާތްކުރާ ކޮންޓްރެކްޓަރުންތަކެއް ކޮންނަނިކޮށެވެ.
"އަޅުގަނޑުމެން އަޅާފައި ހުންނަ ކޭބަލަށް ބެލުމެއް ނެތި އެ މީހުން ކޮނެފައި ވަނީ. އަނެއްކާ ބެލިއިރު ހުރީ ހަލާކުވެފައި ހުރި ކޭބަލްގެ އެއް ތަނަކަށް ފަސް އަޅާފައި. ކޮންޓްރެކްޓަރުން މިހާރަށް ވުރެ ބޮޑަށް ބަލަން ޖެހޭނެ. އެޗްޑީސީން ވެސް އެ މީހުން ޒިންމާދާރު ކުރުވަން ވާނެ،" ޝަރީފު ވިދާޅުވި އެވެ.
"ހިޔާ ފްލެޓްތަކުގައި އުޅޭ މީހުންނަށް މި ކަހަލަ ކަންކަމުން ވަރަށް އުނދަގޫވާނެ. އެހެންވެ، ކަމާ ބެހޭ އިދާރާތަކުން އިތުރަށް ވިސްނަން އަޅުގަނޑު އެދެން."
އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުން އެ ތަން ކޮނުނު ކޮންޓްރެކްޓަރުން އެ ކަން ކުރީ އެޗްޑީސީގެ ހުއްދަ ވެސް ނުހޯދާ. އެއްވެސް ހުއްދައެއް ނެތް. މިއީ ކުޑަ ކަމެއް ނޫން. އެހެންވެ، އަޅުގަނޑުމެން އެޗްޑީސީގައި އެދެން މި ގޮތަށް މަސައްކަތް ކުރާ މީހުން ޖަވާބުދާރީ ކުރުވަން: ޝަރީފު
ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅޭތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މިހާ ގިނަ އިރުތަކެއް ވަންދެން އަދި ކަރަންޓެއް ނުކެނޑެ އެވެ.
އެހާ ގިނައިރު ވަންދެން ކަރަންޓު ކެނޑުމުން އެ އުސް އިމާރާތުގެ އެޕާޓްމަންޓްތަކަށް އެތައް ބަޔަކު އަރަން ޖެހުނީ ސިޑިންނެވެ. ކަރަންޓާއި ފެން އެހާ ގަޑިއިރަށް ކެނޑި، އެތައް ބަޔަކަށް ބޮޑު ތަކުލީފަކާ ކުރިމަތިލާން ޖެހުމަކީ ބައެއްގެ ވަރަށް ބޮޑު އިހުމާލެއް ކަމަށާއި އެ ބަޔަކާ މެދު ފިޔަވަޅު އަޅަން ހިޔާ ފްލެޓްތަކުގެ މީހުން ވެސް އެދެ އެވެ.
ފްލްޓްތަކުގައި އުޅޭ މީހުންގެ ވައިބާ ގްރޫޕުގައި މީހަކު ބުނެފައި ވަނީ އެ ވަގުތުގައި ދިމާވި އެންމެ ބޮޑު ދައްޗަކީ މާބަނޑު މީހުން، އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ތިބި ފްލެޓްތަކުގައި ފާހަނާ ކޮށްލެވޭނެ ގޮތެއް ވެސް ނެތުން ކަމަށެވެ. އަދި އެ ވަގުތު ދިމާވީ ސްކޫލަށް ކުދިން ފޮނުވަން ޖެހޭ ވަގުތު ނަމަވެސް ކަރަންޓާއި ފެން ނެތުމުން ސްކޫލަށް ނުފޮނުވާ ކުދިން ތިބި ކަމަށް ވެސް އޭނާ ބުންޏެވެ
4 ގަޑިއިރު ފަހުން ހިޔާގެ ޓަވަރުތަކަށް ކަރަންޓް ދީފި
"ކަރަންޓު ކެނޑުނު މައްސަލާގައި ފިޔަވަޅު އަޅާނަން"
ހިޔާ އަށް ކަރަންޓު ދޭން ގިނަ ވަގުތުތަކެއް ނަގާނެ
ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑި، ލިފްޓެއްގައި ތާށި!
ސްޓެލްކޯގެ ފްލެޓަށް ކުލި ދައްކަންޖެހޭނީ 6 މަސް ފަހުން
ހިޔާގެ ހުރިހާ ޓަވަރަކަށް ކަރަންޓާއި ފެން އަލުން ދީފި
ހިޔާ ފްލެޓްތަކުން ކަރަންޓާއި ފެން ކެނޑިއްޖެ
ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭން ފަށައިފި
ކަރަންޓުގެ މަސައްކަތް ނިންމައި އެޗްޑީސީއާ ހަވާލުކޮށްފި
ހުޅުމާލެ 2 ގެ ބޮޑު ބަޔަކަށް އަލުން ކަރަންޓު ދީފި