Roadha Mihaaru
"ސަރުކާރުން ހައުސިން ޕްރޮޖެކްޓްތައް ހިންގާކަށް ނުޖެހޭ"

ސަރުކާރުން ހައުސިން ޕްރޮޖެކްޓްތައް ހިންގާކަށް ނުޖެހޭ: އަސްލަމް

17 ނޮވެމްބަރ 2022

ސަރުކާރުން ރިއަލް އެސްޓޭޓް ނުވަތަ ހައުސިން ޕްރޮޖެކްޓްތައް ހިންގުމުގެ ވިޔަފާރީގައި އުޅުން ހުއްޓާލައި، ޕްރައިވެޓް ސެކްޓަރަށް މިހާރަށް ވުރެ ބޮޑަށް ފުރުސަތު ހުޅުވާލަން ޖެހޭ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުން ރިއަލް އެސްޓޭޓް ނުވަތަ ހައުސިން ޕްރޮޖެކްޓްތައް ހިންގުމުގެ ވިޔަފާރީގައި އުޅުން ހުއްޓާލައި، ޕްރައިވެޓް ސެކްޓަރަށް މިހާރަށް ވުރެ ބޮޑަށް ފުރުސަތު ހުޅުވާލަން ޖެހޭ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ 45 ވަނަ "އިިފޯޕްކާ ކޮންވެންޝަން" ގައިި އަސްލަމް ވިދާޅުވީ، ރާއްޖޭގެ މި ވަގުތު އެންމެ ބޮޑަށް ރިއަލް އެސްޓޭޓްގެ ވިޔަފާރި ކުރަނީ ސަރުކާރުން ކަމަށެވެ. އެއީ އެކަން އޮންނަން ޖެހޭ އުސޫލު ނޫން ކަމަށާއި އެގޮތަށް އެކަން ކުރުމުން ގޯތިގެދޮރުގެ އަގު ހޯދަން އުނދަގޫ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަން ކުރަން ފެށުމުން [ގެދޮރު އަޅަން ފެށުމުން] ރައްޔިތުން މިހާރު ގަބޫލު ކުރަނީ ކޮންމެ މީހަކަށް ވެސް ބޭނުންވާ ގެދޮރު [އެންމެ މުއްސަނދިންނަށް ވެސް] ސަރުކާރުން ހޯދައި ދޭން ޖެހޭ ކަމަށް. ގެދޮރު އެޅުމުގެ ގާބިލްކަން ނެތް މީހުންނަށް އެކަން ދައުލަތުން ފޯރުކޮށްދޭން ޖެހޭ. އެކަމަކު ހުރިހާ ރައްޔިތުންނަށް އެ ބޭނުންވާ ގެދޮރު ފޯރުކޮށްދޭކަށް ނުޖެހޭ،" ޕެރެޑައިސް އައިލެން ރިސޯޓުގައި އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ކައުންސިލް ހައުސިން ނުވަތަ އެންމެ ދަތި ހާލުގައި އުޅޭ މީހުންނަށް ގެދޮރު ފޯރުކޮށްދޭން ޖެހެ އެވެ. ނަމަވެސް ގެއެއް މިލްކު ކުރަން ބޭނުން ނަމަ، އެ އަށް އަގު ދައްކަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އިފޯޕްކާގެ ޕެނަލް ޑިސްކަޝަންގައި ބައިވެރިވި ބޭފުޅުން--ފޮޓޯ:ފަޔާޒް މޫސާ/މިހާރު

އިފޯޕްކާގެ ޕެނަލް ޑިސްކަޝަންގައި ބައިވެރިވި ބޭފުޅުން--ފޮޓޯ:ފަޔާޒް މޫސާ/މިހާރު

އަސްލަމް ވިދާޅުވީ، ރާއްޖޭގައި ގެދޮރު ފޯރުކޮށްދިނުމުގެ ވިޔަފާރި ސަރުކާރު ކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ. އެކަން އަމިއްލަ ވިޔަފާރިތައް ހުޅުވާލުމުން ފައިސާ ދެއްކުމުގައި ވެސް އާންމުން ޒިންމާދާރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ، އެ ހިޔާލަށް އާންމުންގެ ފާޑުކިޔުން ބޮޑުވި ނަމަވެސް، އެއީ ސަރުކާރު ކުރިއަށް ދިއުމަށް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"ގެދޮރަށް އަގު ދެއްކޭނީ ހަމައެކަނި ބިޒްނަސް މޮޑެލްއެއްގެ ދަށުން އެކަން ކުރާ ނަމަ. ސަރުކާރުން ގެދޮރު ދިނީމާ އެ އަށް ދޭންޖެހޭ ކުލި ނުދޭ،" އޭނާ ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ، ސަރުކާރުން ގެދޮރު އަޅަން ފެށި ހިސާބުން، ހިލޭ ދިރިއުޅުމުގެ ވިސްނުން ބޮޑުވެ، ސަރުކާރުން ފޯރުކޮށްދޭ ފްލެޓްތަކުގެ ކުލި ނުދައްކާ މައްސަލަ އިތުރުވަމުންދާ ކަމަށެވެ. އެކަމަކު ކުލި ނުދައްކާ ފްލެޓްތަކުން މީހުން ބޭރު ކުރާނެ ހިތްވަރު ސަރުކާރުތަކުގައި ނުހުންނަ ކަމަށް ވިދާޅުވި އެވެ.

"ގިނަ ރިއަލް އެސްޓޭޓް ޕްރޮޖެކްޓްތައް ޕްރައިވެޓް ސެކްޓަރަށް ދޫކުރަން ޖެހޭ. ސަރުކަރުން ބަލަން ޖެހޭ ގެދޮރު ހުރިހާ ރައްޔިތުންނަށް ލިބޭތޯ. ފަގީރުންނާއި އެންމެ މަތީ ފަންތީގެ ދިރިއުޅުން އުޅޭ ފަރާތްތަކަށް ވެސް ގެދޮރު ލިބޭތޯ ބަލަން ޖެހޭ" ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ގެދޮރުގެ ކަންކަން ހިނގާ އުސޫލު ބަދަލު ކުރަން ސަރުކާރުން އެކަމާ ގުޅޭ އުސޫލުތައް ބަދަލު ކުރަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.