Roadha Mihaaru
މާލޭން ގޯތި ލިބޭ މީހުންނަށް އޮތީ ހަތަރު ޝަރުތެއް

މާލޭން ގޯތި ލިބޭ މީހުންނަށް އޮތީ ހަތަރު ޝަރުތެއް

14 މާޗް 2022

މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯތިތަކަށް ކުރިމަތިލެވޭ މީހުންނަށް ކަނޑައަޅާފައިވަނީ ހަތަރު ޝަރުތެއް ކަމަށް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯތިތަކަށް ކުރިމަތިލެވޭ މީހުންނަށް ކަނޑައަޅާފައިވަނީ ހަތަރު ޝަރުތެއް ކަމަށް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، މާލެ ސަރަހައްދުން ދޫކުރާ ގޯތިތަކަށް ކުރިމަތިލުމަށް މާ ބޮޑެތި ޝަރުތުތަކެއް ކަނޑައަޅާފައި ނުވާނެ ކަމަށެވެ.

އަސްލަމް ވިދާޅުވި ޝަރުތުތަކަކީ؛

● މާލެ އަށް އުފަން މާލެ ރައްޔިތަކަށް ވުން

● އެ މީހެއްގެ ނަންމަތީގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް އަދި ވާރުތަކުރަން ވެސް އެ ވަރުގެ ބިމެއް ނެތުން. އެ ވަރުގެ ބިމެއް ލިބިއްޖެ ނަމަ ދައުލަތަށް ދޫކޮށްލުން ނުވަތަ ވާރުތަވާން އޮތް ތަނެއް ވެސް ދޫކޮށްލުން.

● ދަފްތަރަށް އުފަން މީހުންނަށް ވެސް ކުރިމަތިލެވޭނެ.

● މާލޭގައި ދިރިއުޅޭނެ އެއްވެސް ތަނެއް ނެތް މާލޭގެ މީހުންނަށް ވެސް ގޯއްޗަށް ކުރިމަތިލެވޭނެ

މާލެ އަށް އުފަން މާލޭގެ މީހަކަށް ވުމާއި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް އެ މީހެއްގެ ނަން މަތީގައި ނެތުމާއި ވާރުތަ ކުރަން ވެސް ނެތުމަކީ ޝަރުތެއް ކަމަށް އަސްލަމް ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި، އެ ވަރުގެ ބިމެއް ލިބިއްޖެ ނަމަ އޮންނާނެ ގޮތަކީ ދައުލަތަށް ދޫކޮށްލުން ނުވަތަ ވާރުތަވާން އޮތްތަނެއް ވެސް ދޫކޮށްލުމެވެ.

ރަށްރަށުން މާލެ އަށް ހިޖުރަ ކުރުމަށް ފަހު، ދަފްތަރުގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުންނަށް ދަރިން ލިބިފައިވާ ކަމަށާއި އެގޮތަށް ދަފްތަރަށް އުފަން މީހުން ވެސް ކުރިމަތިލެވޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. މާލޭގައި ދިރިއުޅޭނެ އެއްވެސް ތަނެއް ނެތް މާލެ މީހުންނަށް ވެސް ގޯއްޗަށް ކުރިމަތިލެވޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އޭގެ އިތުރުން ދެން އޮންނާނީ މާކްސް ދޭ އުސޫލުތަކެއް ކަމަށް އަސްލަމް ވިދާޅުވި އެވެ. އެކި އުމުރުފުރައިގެ މީހުންނަށް ދޭ މާކްސްތައް ތަފާތުވާނެ ކަމަށާއި ނަމަވެސް މީހަކާ އިނދެގެން އުޅޭތީ އިތުރު މާކްސްއެއް ނުދޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. ނަމަވެސް ދެމަފިރިން ގުޅިގެން އެއް ގޯއްޗަކަށް ކުރިމަތިލާ ނަމަ މާކްސް އިތުރުކުރަން ވިސްނާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

މާލެ މީހުންނަށް ގޯތި ދޭން ނިންމާފައިވާ ތަންތަނާއި ދުރުމިން

މާލެ މީހުންނަށް ގޯތި ދޭން ނިންމާފައިވާ ތަންތަނާއި ދުރުމިން

"ދެން ބަލާނީ ބަލަދުއަރާ ދަރިން ނުވަތަ ބަލަންޖެހޭ މީހުން ތިބުން. އޭގެ ވެސް މާ ބައިވަރު ކެޓަގަރީއެއް ނޫން. ދެ ކުދިން ނޫނީ އެ އަށް ވުރެ މަދުވެއްޖެ ނަމަ ލިބޭ ވަކި މާކްސްއެއް، އެ އަށް ވުރެ މަތިން ކިތަންމެ ބައިވަރު ވިޔަސް ލިބޭނީ ވަކި މާކްސްއެއް،" އަސްލަމް ވިދާޅުވި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ހުންނަ މީހުންނަށް ވެސް ހާއްސަ ސަމާލުކަމެއް ދީ އިތުރު މާކްސް ދޭން ނިންމާފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ނަމަވެސް ދިރިއުޅުމުގެ ހާލަަތަށް ބަލައި މާކްސް ދޭނެ ގޮތްތައް އަދި ނިންމާފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ކަންކަމާ ގުޅޭ ގޮތުން މާލެ ދާއިރާގެ މަޖިލިސް މެމްބަރުންނާއި ރައީސް އޮފީހުގެ ޕޮލިސީ ފަރާތްތަކާ މަޝްވަރާ ކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވައިދެއްވަމުން މިދިޔަ މަހުގެ 3 ގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މާލެ ކައިރީގައި އޮންނަ ގިރާވަރު ފަޅު ހިއްކާ އެތަނުން މަދުވެގެން 2،000 ގޯތި މާލޭ މީހުންނަށް ދޫކުރާނެ ކަމަށެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ގުޅިފަޅުން ވެސް މާލެ މީހުންނަށް ގޯތި ދޫކުރާނެ ކަމަށެވެ.